ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޗެކް ރިޕަބްލިކާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ޗެކް ރިޕަބްލިކް އޮތީ ގްރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އިންގްލޭންޑް އޮތީ ތިން ޕޮއިންޓާއެކު އެވެ. މިރޭ ސްކޮޓްލޭންޑް ބަލިކޮށްގެން އިންގްލޭންޑަށް އެއްވަނަ ލިބޭނެއެވެ. ތިންވަނައިގައި ކްރޮއޭޝިއާ އޮތީ އެއް ޕޮއިންޓާއެކު އެވެ. މިރޭ އިންގްލޭންޑް މޮޅުވެއްޖެ ނަމަ ކްރޮއޭޝިއާ އަށް ދެވަނަބުރުގެ ދޮރު ގާތްގަނޑަކަށް ބަންދުވާނެއެވެ.

މެޗު ފަށައިގެންވެސް ނުރައްކާކުރަމުން ދިޔައީ ޗެކް ރިޕަބްލިކެވެ. ހާއްސަކޮށް ކުރިޔަށްޖެހި ގިނަ ހަމަލާތަކެއް އުފައްދަން އެ ޓީމުން ކުރި މަސައްކަތުން ގޯލާއި އަމާޒުކޮށް ކުރީކޮޅު ރަނގަޅު ހަމަލާއެއް ނުއުފެއްދުނު އިރު ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކްރޮއޭޝިއާ އަށް ފުރުސަތު ކުޑަކުރަން ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ.

ޗެކް ރިޕަބްލިކުން މެޗުގައި ލީޑުނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ލިބުނީ އޭރިއާ ތެރެއިން މަތިން އައި ބޯޅަ ޝިކް ހޯދަން އުޅުމުގެ ތެރޭގައި ކްރޮއޭޝިއާގެ ލޮވްރެންގެ އުޅަނބޮށިން ޝިކްގެ މޫނުމަތީގައި ޖެހުމުގެ ސަބަބުން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޝިކްގެ މޫނުމަތީގައި އުޅަނބޮށިން ޖެހުމާއެކު ގިނަ އަދަދެއްގެ ލޭ އޭނާގެ ނޭފަތުން ފޭބިއެވެ. ޝިކް ވަނީ މި ޕެނަލްޓީ ފަސޭހަކަމާއެކު ކާމިިޔާބުކޮށްފައެވެ. މިއީ މިފަހަރުގެ ޔޫރޯގައި ޝިކް ކާމިޔާބުކުރި ތިންވަނަ ލަނޑެވެ. އޭނާ ވަނީ ސްކޮޓްލޭންޑާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހާފައެވެ.

ޗެކްރިޕަބްލިކް އިން ލަނޑުޖެހިތާ މިނެޓެއް ނުވަނީސް މެޗުގެ ނަތީޖާ ހަމަހަމަކުރަން ކްރޮއޭޝިއާ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ގޯލާއި އަމާޒުކޮށް ފޮނުވާލަން ރީތި ބޯޅައެއް ރަބިޗް އަށް ލިބުނު ނަމަވެސް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެއެވެ. ފުރަތަމަ ހާފު ނިމުނީ ޗެކް ރިޕަބްލިކް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ކްރޮއޭޝިއާ އިން ފެށީ ވަރުގަދަކޮށެވެ. ނަތީޖާއެއްގެ ގޮތުން މި ހާފު ފެށުނުތާ ދެ މިނެޓެއްހާއިރު ތެރޭގައި އެ ޓީމުން ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު ކްރޮއޭޝިއާއަށް ކާމިޔާބުކޮށްދިނީ ޕެރިސިޗް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޗެކްގެ ޑިފެންޑަރުން ކައިރިން ރީތިކޮށް ނައްޓާލުމަށްފަހު އެވެ.

މި ލަނޑަށްފަހު ވެސް ކްރޮއޭޝިއާ އިން ލީޑުނަގާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ މަދު ހަމަލާތަކެކެވެ. ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ލުކަ މޮޑްރިޗްގެ ނުރައްކާކަން ބޮޑުވިއެވެ. ނަމަވެސް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ.

މި ގްރޫޕުގައި ކްރޮއޭޝިއާގެ ފަހު މެޗުގައި ބައްދަލުކުރާނީ ސްކޮޓްލޭންޑާއެވެ. އަދި ޗެކް ރިޕަބްލިކްގެ ފަހު މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއެވެ.