ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވަރުގަދަ އިންގްލޭންޑާއި މޮޅުވިޔަނުދީ ސްކޮޓްލޭންޑުން ހިފަހައްޓައިފިއެވެ.

ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ. މި ނަތީޖާއާއެކު މި ގްރޫޕުގެ ހަތަރު ޓީމަށްވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ. އެއީ ގްރޫޕުގެ ފަހު މެޗުތަކުން މޮޅުވެގެންނެވެ.

އެއްވަނައިގައި ޗެކް ރިޕަބްލިކް އޮތި ހަތަރު ޕޮއިންޓާއެކު އެވެ. ދެވަނައިގައި އިންގްލޭންޑުވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިން ލަނޑުގެ ތަފާތުންނެވެ. ތިންވަނަ އަދި ހަތަރުވަނައިގައި ކްރޮއޭޝިއާ އާއި ސްކޮޓްލޭންޑް އޮތީ އެއް ޕޮއިންޓާއެކު އެވެ.

އިންގްލޭންޑާއި ސްކޮޓްލޭންޑަކީ ޒަމާނުއްސުރެއް ވެސް ވާދަވެރިކަން އޮންނަ ދެ ގައުމެވެ. މި މެޗުގައި ސްކޮޓްލޭންޑް ބޮޑަށް ވިސްނާފައިވަނީ ޑިފެންސް ވަރުގަދަކުރުމަށެވެ. އެއީ އިންގްލޭންޑުގެ ހަމަލާތައް އަވަހަށް ހުއްޓުވުމުގެ ގޮތުންނެވެ. އެގޮތުން މެދުތެރޭގައި ކުޅެމުން އަންނަ މެކްޓޮމިނޭ މި މެޗުގައި ކުޅުނީ ޑިފެންސްލައިނަށް ފައިބައިންނެވެ. އޭނާ ވަނީ ފަހަތުގައި އިނގިރޭސި ގިނަ ހަމަލާތަކެއް މި މެޗުގައި ހުއްޓުވާފައެވެ.

މެޗުގެ ފުރަތަމަ ހާފު ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް މި ހާފުގައި ތަނަވަސްކޮށްފައިވެއެވެ. މެޗު ފަށައިގެން އެންމެ ނުރައްކާ ހަމަލާއެއް ފޮނުވާލީ އިންގްލޭންޑެވެ. އޭރިއާ ތެރެއަށް މޭސަން މައުންޓް ނަގައިދިން ކޯނަރަކުން ގޯލަށް އަމާޒުކޮށް ބޮލަށް ޖަހަން އުޅުނު ނަމަވެސް ސްޓޯންސްގެ ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އޭގެފަހުން ސްކޮޓްލޭންޑަށްވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ސްކޮޓްލޭންޑުގެ ރޮބަޓްސަން ތަނަވަސްކުރި ބޯޅައަކުން ގޯލާއި އަމާޒުކޮށް ތިރިތިރިން ޑޮނެލް ފޮނުވާލި ބޯޅަ އިނގިރޭސި ކީޕަރ ޕިކްފޯޑް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ދެވަނަ ހާފުގައިވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައިވެސް އިންގްލޭންޑަށް ސްކޮޓްލޭންޑްގެ ޑިފެންސްލައިން ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އިންގްލޭންޑުގެ ކުޅުންތެރިންނަށް ވުރެ މި މެޗުގައި ސްކޮޓްލޭންޑުގެ މަސައްކަތު ރޭޓު ފެނުނީ ވަރަށް މަތިކޮށެވެ.

މި ގްރޫޕުގެ ފަހު މެޗުގައި ސްކޮޓްލޭންޑް ދެން ބައްދަލުކުރާނީ ކްރޮއޭޝިއާ އާއި ބައްދަލުކުރާނީ މިމަހުގެ 23 ގައެވެ. އަދި އިންގްލޭންޑް ޓީމު ހަމަ އެދުވަހު ބައްދަލުކުރާނީ ޗެކް ރިޕަބްލިކެވެ.