ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި އާޖެންޓީނާ ކުޅުނު ދެވަނަ މެޗުގައި އުރުގުއޭ ބަލިކޮށް އާޖެންޓީނާއިން ގްރޫޕުގެ އެއްވަނައަށް އެރުމުގެ އުއްމީދު އާކޮށްފިއެވެ.

ބްރެޒިލްގެ އެސްޓަޑިއޯ ނަސިއޮނާލް ސްޓޭޑިއަމްގައި އުރުގުއޭ އަތުން އާޖެންޓީނާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި އާޖެންޓީނާގެ ފުރަތަމަ މޮޅެވެ. މުބާރާތުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗު ނިމުނީ ޗިލީ އަތުން 1-1 އިން އެއްވަރުވެގެންނެވެ.

މި މެޗުގައި އާޖެންޓީނާއިން ލަނޑު ޖަހާފައިވަނީ މެޗުގެ 13 ވަނަ މިނެޓުގައެވެ. މިއީ މެސީގެ މަސައްކަތުން އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ގީޑޯ ރޮޑްރިގޭޒް ބޮލުން ޖަހާ ވައްދާލި ގޯލެކެވެ. މި ގޯލުު ވަނީ ކިރިޔަ ކިރިޔާއެވެ. ގޯލުގެ ތެރެއަށް ބޯޅަ ވަނީ ދަނޑީގައި ޖެހިފައެވެ. މީގެއިތުރުން ވެސް އާޖެންޓީނާއަށް ލީޑު ފުޅާކުރާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ.

އުރުގުއޭ އިން ނަތީޖާ ހަމަހަމަކުރަން އެ ޓީމުގެ ތަރިން ކަމަށްވާ ލުއިސް ސުއަރޭޒް އާއި އެޑިންސަން ކަވާނީ ފަދަ ކުޅުންތެރިން ވަރަށް މަސައްކަތްކުރި ނަމަވެސް އާޖެންޓީނާގެ ޑިފެންސްލައިނުން އެ ޓީމަށް އެ ފުރުސަތެއް ނުދެއެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްދާ މި މުބާރާތުގައި ފަސް ޓީމު ހިމެނޭ ކޮންމެ ގްރޫޕަކުން ވެސް ދެެން އޮތް ބުރަށް ދަތުުރުކުރާނީ އެންމެ މޮޅު ހަތަރު ޓީމެވެ. މި ގްރޫޕުގެ އެއްވަނައިގައި ޗިލީ އޮތްއިރު ދެވަނައިގައި އޮތީ އާޖެންޓީނާ އެވެ. މި ދެ ޓީމުވެސް އޮތީ ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި އޮތީ ޕެރަގުއޭ އެވެ. އެއީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. އުރުގުއޭ އަދި ބޮލީވިއާ އަށް އަދި އެއްވެސް ޕޮއިންޓެއް ނުލިބެއެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.