ވޯލްޑް ކަޕްގެ ގްރޫޕް ބީގައި މިރޭ އީރާންއާ ބައްދަލުކުރި މެޗު އުނދަގޫތަކަކަށްފަހު 0-1 އިން ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު މުބާރާތުގައި ކުޅުނު ދެ މެޗުން ސްޕެއިން އަށް ވަނީ ހަތަރު ޕޮއިންޓު ލިބިފައެވެ. ހަމަ މި އަދަދަށް މި ގްރޫޕްގައި ހިމެނޭ ޕޯޗުގަލް އަށް ވެސް ޕޮއިންޓު ލިބިފައިވާއިރު އީރާން އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މި ގްރޫޕްގައި ހިމެނޭ މޮރޮކޯ އަށް ޕޮއިންޓެއް ލިބިފައި ނުވާއިރު އެޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި އެއް މެޗު އެބައޮތެވެ.

ސްޕެއިން އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު އީރާނުން ކުޅުނު ޑިފެންސިވް ކުޅުމުގެ ސަބަބުން ސްޕެއިން އަށް ވަނީ ގޯލްޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން މި ހާފުގައި ވަރަށް ބޮޑަށް އުނދަގޫ ވެގެން ގޮސްފައެވެ. އެގޮތުން މުޅި ފުރަތަމަ ހާފްގައި ވެސް ސްޕެއިން އަށް އީރާނުގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ.

ކޮސްޓާ ސްޕެއިންގެ ފުރަތަމަ ގޯލު ކާމިޔާބުކުރުން - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްގައި ވެސް ސްޕެއިން އިން ދިޔައީ އީރާނުގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ފުރަތަމަ ފުރުސަތު ތަނަވަސްކުރީ އީރާނުންނެވެ. އެގޮތުން ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އީރާނުގެ ކަރީމް ފޮނުވާލި އެ ހަމަލާ އަމާޒުވީ ސްޕެއިންގެ ގޯލުގެ ވާތް ފަރާތު ދާގަނޑަށެވެ.

މި ފުރުސަތުގެ ބޭނުން އީރާނަށް ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 54 ވަނަ މިނެޓްގައި ޑިއޭގޯ ކޮސްޓާ ސްޕެއިން އަށް މެޗުގެ ލީޑު ނަގައިދިނުމެވެ. ކޮސްޓާގެ މި ގޯލަކީ އީރާނުގެ ކުޅުންތެރިއަކު ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ވަތް ގޯލެކެވެ. މިއީ މި މުބާރާތުގައި ކޮސްޓާ ކާމިޔާބުކުރި ތިންވަނަ ގޯލެވެ.

މި ގޯލަށްފަހު އީރާނުން ސްޕެއިންގެ ފަހަތަށް ބާރުބޮޑު ކުރަން މަސައްކަތް ކުރަމުންދިޔައިރު މެޗުގެ 62 ވަނަ މިނެޓްގައި އެޓީމުގެ ސައީދު އިއްޒަތުއްﷲ ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީޑިއޯ ރިވިއު އަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ.

ސްޕެއިން އާއި އީރާން ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ލީޑު ފުޅާކޮށްލާނެ މާގިނަ ފުރުސަތުތަކެއް ސްޕެއިން އަށް ލިބިފައިނުވާއިރު ނަތީޖާ އެއްވަރުކޮށްލަން މެޗުގެ 82 ވަނަ މިނެޓްގައި އީރާނަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ސްޕެއިންގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އީރާނުގެ މެހްދީ ތަރީމީ ބޮލުން ފޮނުވާލި އެ ހަމަލާ ވަނީ ގޯލާއި އަމާޒުވާ ގޮތް ނުވެފައެވެ.

މިރޭގެ މެޗުން އީރާނުން ބަލިވިއިރު ވޯލްޑް ކަޕްގައި އީރާނަށް އަދި މިހާތަނަށް ވަނީ ޔޫރަޕްގެ ޓީމެއްގެ މައްޗަށް ކުރި ހޯދޭގޮތް ނުވެފައެވެ. ވޯލްޑް ކަޕްގައި އީރާނުން މިހާތަނަށް ހަތް ފަހަރު ޔޫރަޕްގެ ޓީމުތަކާއި ވާދަކޮށްފައިވާއިރު ހަ ފަހަރު އެޓީމު ވަނީ ބަލިވެފައެވެ. އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭގެ މޮޅާއެކު މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު ސްޕެއިން އިން ބޮޑު ކޮށްފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. އަދި އީރާނުން ނިކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ.