ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް 4-2 ގެ ނަތީޖާއަކުން ބަލިކޮށް ޖަރުމަނުން ދެވަނަބުރުގެ އުއްމީދު އާކޮށްފިއެވެ.

މި ނަތީޖާއާއެކު ޖަރުމަނު އޮތީ ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކު އެވެ. ޖަރުމަނު ކުޅުނު ފުރަތަމަ މެޗުގައި ވަނީ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް އަތުން ބަލިވެފައެވެ. މިއީ މި މުބާރާތުގައި މިހާތަނަަށް ޓީމަކުން އެންމެ ގިނަ ލަނޑު ޖެހި މެޗެވެ.

މެޗު ދެ ޓީމުންވެސް ފެށީ ދާދި ހަމަހަމަކޮށެވެ. ނަމަވެސް ފުރަތަމަ މެޗާއި ހިލާފަށް މި މެޗުގައި ޖަރުމަނުން ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. ހާއްސަކޮށް އަރިމަތި ބޭނުންކޮށްގެން މި މެޗުގައި ޖަރުމަނުން ވަރަށް ނުރައްކާކުރި އެވެ.

ޖަރުމަނުން މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވި އުޅެނިކޮށް މެޗުގެ 15 ވަނަ މިނެޓުގައި ޕޯޗުގަލް ވަނީ ލީޑުނަގާފައެވެ. މިއީ ބެނާޑޯ ސިލްވާގެ އެހީއާއެކު ކައުންޓަރ އެޓޭކެއްގައި ޖޮޓާ ދިން ބޯޅައަކުން ގޯލު ކުރިމަތީގައި ހުސްކޮށް ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި މުބާރާތުގައި އޭނާގެ ތިންވަނަ ލަނޑެވެ. އަދި ޔޫރޯގެ ތާރީހުގައި އޭނާގެ 12 ވަނަ ލަނޑެވެ.

ޖަރުމަނުން ވަނީ މި ލަނޑަށްފަހު އެ ޓީމުގެ ރަސްމީ ޕާސިން ގޭމް ކުޅެން ފަށާފައެވެ. އެއާއެކު ޕޯޗުގަލްއަށް ޖަރުމަން ކުޅުންތެރިން ހުއްޓުވުމުގައި އުނދަގޫތަކެއް ކުރިމަތިވިތަން ފެނިގެންދިޔަ އެވެ. މެޗުގެ 35 ވަނަ މިނެޓުގައި ޖަރުމަނުން ގޯލެއް ޖެހިއެެވެ. މި ގޯލަކީ އޭރިއާ ތެރެއަށް ކައި ހަވާޓްޒް އަށް ދިނުމަށް ގޮސެންސް ފޮނުވާލި ބާރު ހަމަލާއެއް ޕޯޗުގަލްގެ ޑިފެންޑަރު ރުބެން ޑިއާޒްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

ޖަރުމަނު ކުޅުންތެރިން އުފާފާޅުކުރަނީ

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ޖަރުމަނުން ލީޑު ނެގިއެވެ. މިއީވެސް ޕޯޗުގަލް ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އެގޮތުން މި ލަނޑު ވަނީ އޭރިއާ ތެރެއަށް ތޯމަސް މުލާ ފޮނުވާލި ބާރު ހަމަލާއެއްގައި ޕޯޗުގަލްގެ ޑިފެންޑަރު ގުރޭރޯގެ ފައިގައި ޖެހިފައެވެ.

މި ލަނޑަށްފަހު ވެސް ޖަރުމަނަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ބެނާޑޯ ސިލްވާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ޖަރުމަނުގެ ގްނަބްރީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގޯލަށް ފޮނުވާލި ބޯޅަ ޕޯޗުގަލް ކީޕަރު ރުއި ޕެޓްރީޝިއޯ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްގެ ބެނާޑޯ ސިލްވާގެ ބަދަލުގައި ރެނާޓޯ ސަންޗޭޒް ކުޅެން އެރުވިއެވެ. މިއީ ޕޯޗުގަލްގެ ފުރަތަމަ މެޗުގައިވެސް ހަމަ މިގޮތަށް ދެވަނަ ހާފުގައި ފެނިގެންދިޔަ ބަދަލެކެވެ. މި ހާފު ފެށިގެން މާގިނައިރުތަކެއް ނުވެ ޖަރުމަނުން ލީޑު ފުޅާކުރި އެވެ. މެޗުގެ 51 ވަނަ މިނެޓުގައި ގޮސެންސްގެ ހުރަހަކުން މި ލަނޑު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށް ހުރި ކައި ހަވާޓްޒް އެވެ.

މި ލަނޑާއެކު ޕޯޗުގަލް ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް 59 ވަނަ މިނެޓުގައި ޖަރުމަނުގެ ހަތަރުވަނަ ލަނޑު ވަނީ ޖަހާފައެވެ. މިއީ ކިމިޗްގެ ހުރަހަކުން ގޮސެންސް ކާމިޔާބުކުރި ހިތްގައިމު ބޯޅައެކެވެ. ހުރަސްތަކުން މި މެޗުގައި ޖަރުމަނުގެ ނުރައްކާ ވަރަށް ބޮޑެވެ. ޕޯޗުގަލްއަށް މި މެޗުގައި ޖަރުމަނުން އަރިމަތިން އޭރިއާ ތެރެއަށް ފޮނުވާލާ ބޯޅަތަކުގައި ޕޯޗުގަލްއަށް އުނދަގޫތަކެއް ކުރިމަތިވިއެވެ.

ޖަރުމަނުން ރަނގަޅަށް ކުޅެމުން ދަނިކޮށް ޕޯޗުގަލްއަށް ލިބުނު ފުރުސަތެއްގައި އެ ޓީމުން ދެވަނަ ލަނޑު ކާމިޔާބުކުރި އެވެ. މެޗުގެ 66 ވަނަ މިނެޓުގައި މުޓީނިއޯގެ ހުރަހެއް ބޭރުވާން އުޅެނިކޮށް ރޮނާލްޑޯ އެ ބޯޅަ އެއް ޝޮޓުން މަޑުމަޑުން ގޯލު ކުރިމައްޗަށް ހުރަސްވި ބޯޅަ ގޯލަށް ވައްދާލީ ޖޮޓާ އެވެ.