ސްޕެއިންގެ ބާސެލޯނާގައި ހޭދަކުރުމަށްފަހު ދެން އެންމެ ބޮޑަށް ބޭނުންވަނީ އެމެރިކާ ލީގަށް ކުޅެން ކަމަށް ފްރާންސްގެ ތަރިި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.

ގްރިޒްމަން މިހެން ބުނެފައިވާއިރު ބާސެލޯނާގައި އޭނާއަށް އަދި ބާކީ ތިން އަހަރު އެބައޮތެވެ. އެމެރިކާ ލީގަށް ކުޅުމަކީ ގްރިޒްމަން ކުރިންސުރެވެސް ދެކެމުން އަންނަ ހުވަފެނެކެވެ.

އުމުރުން 30 އަހަރުގެ ފޯވާޑް ބުނީ ބާސާގެ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އޮތްނަމަވެސް އަދިވެސް ހިތުގައި އެމެރިކާއަށް ބަދަލުވުމުގެ ހުވަފެން ދެކޭ ކަމަށެވެ. އަދި އެމެރިކާގެ ދިރިއުޅުމުގެ ވައްޓަފާޅި ތަޖުރިބާކޮށްލާ ބާސްކެޓް މެޗު ބަލަން ދިއުމަކީ ކުރަން ބޭނުންވާ ކަމެއްކަމަށް ވެސް ގްރިޒްމަން ބުންޏެވެ.

"އަހަރެންގެ އެއްބަސްވުމުގައި އަދި ބާކީ ތިން އަހަރު އެބައޮތް، އެބަޖެހޭ އަހަރެންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކައިރިން ބަލަން، ކޮންމެފަދަ ވަގުތެއްގައި ވެސް ހަށިގަނޑަށް ބަދަލުތަކެއް އަތުވެދާނެ، އަހަރެންގެ އެއްބަސްވުން ހަމަވޭ 2024 ގައި، އެއަށްފަހު އަހަރެން ދާން ބޭނުންވަނީ އެމެރިކާ ލީގަށް" ގްރިޒްމަން ބުންޏެވެ.

ގްރިޒްމަންގެ ވިސްނުން ހުރީ އެމެރިކާ ލީގުގައި ކުޅުމަށްފަހު ފުޓުބޯޅައިން ރިޓަޔާވުމަށެވެ. ސްޕެނިޝް ލީގުގައި މިދިޔަ ސީޒަނުގައި ޖެހި ލަނޑުތަކާއެކު އޭނާއަކީ ބާސެެލޯނާއިން ދެވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއެވެ.

ކުރިން ރެއާލް ސޮސިއެޑާޑް އާއި އެތްލެޓިކޯ މެޑްރިޑަށް ކުޅުނު ފޯވާޑް ވަނީ ނިމުނު ސީޒަނުގައި ބާސާއަށް 13 ލަނޑު ޖަހައިދީފައެވެ. ބާސާއިން މިދިޔަ ސީޒަން ނިންމާލީ ތިންވަނައިގައި އޮވެގެންނެވެ. ގްރިޒްމަން ޖެހި ލަނޑުތަކުގެ ތެރޭގައި ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި ދެ ލަނޑާއި ސްޕެނިޝް ކަޕުގައި ކާމިޔާބުކުރި ތިން ލަނޑު ހިމެނެއެވެ.

މިހާރު ކުރިޔަށްދާ ޔޫރޯގައިވެސް ގްރިޒްމަން އަކީ މުހިއްމު ބައިވެރިއެކެވެ. މި ޔޫރޯގައި އޭނާގެ ފަރާތުން މޮޅު ކުޅުމެއް ދަނީ ފެންނަމުންނެވެ.