ވޯލްޑް ކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން މޮޅުނުވުމުން އެކަމުގެ ހުރިހާ ޒިންމާ އެއް އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް އާޖެންޓީނާ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޯލީ ބުނެފިއެވެ.

ގްރޫޕް ޑީގައި ހިމެނޭ އާޖެންޓީނާ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވީ އައިސްލޭންޑާއި ބައްދަލުކޮށް 1-1 އިންނެވެ. އެ މެޗުން މޮޅުވާން އާޖެންޓީނާ އަށް ޕެނަލްޓީ އެއް ލިބުނު ނަމަވެސް މެސީ ފޮނުވާލި އެ ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން މެސީ އަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން ވެސް ވަނީ އަމާޒުވެގެން ގޮސްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ސަމްޕައޯލީ ބުނީ އައިސްލޭންޑު މެޗުން މޮޅުނުވެވުމުން އެކަމާ ހިތްހަމަނުޖެހޭ ކަމަށާއި ނަމަވެސް ހުރިހާ ކަމެއްގެ ޒިންމާ މެސީ ބޮލުގައި އަޅުވަންޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށެވެ.

"އާޖެންޓީނާ މެޗަކުން މޮޅުވެއްޖެނަމަ އެކަމުގެ ކްރެޑިޓް އެންމެންވެސް ބޭނުންވޭ ނަގަން. އެކަމަކު މެޗަކުން އާޖެންޓީނާ ބަލިވެއްޖެނަމަ އަބަދުވެސް އެއީ މެސީގެ ކުށް. އެއީ އިންސާފުވެރި ގޮތެއް ނޫން. އެއް ކުޅުންތެރިއަކަށް އެދެވެނީ ވަރަށް ބޮޑު ޕްރެޝަރެއް" މެސީގެ ދިފާއުގައި ވާހަކަދައްކަމުން ސަމްޕައޯލީ ބުންޏެވެ.

މެސީއަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި ނަމަވެސް މެޗެއްގެ ހާލަތު އެންމެ ކުޅުންތެރިއަކަށް ބަދަލު ނުކުރެވޭނެ ކަމަށްވެސް ސަމްޕައޯލީ ބުންޏެވެ. އަދި މެޗަކުން އާޖެންޓީނާ ބަލިވިޔަސް އެކަމުގެ ޒިންމާ މެސީގެ ބޮލުގައި ނޭޅުވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.

ގްރޫޕްގެ ދެވަނަ މެޗުގައި އާޖެންޓީނާ އިން މިރޭ ކްރޮއޭޝިޔާއާ ދެކޮޅަށް ނިކުންނައިރު މި މެޗުން ތިން ޕޮއިންޓު ހޯދުން އާޖެންޓީނާއަށް ވަނީ މަޖުރޫބުވެފައެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ ވަނީ ނައިޖީރިޔާއާ ބައްދަލުކޮށް 0-2 އިން މޮޅުވެފައެވެ.

ސަމްޕައޯލީ ބުނީ މިރޭގެ މެޗު އާޖެންޓީނާ އަށް ފަސޭހަ ނުވާނެ ކަމަށާއި މިދިޔަ މެޗުގައި ކަންތައްތައް ވީީގޮތް ހަނދާން ނައްތާލުމަށްފަހު މިހާރު ކުރިއަށްދާންޖެހޭ ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ދާއިރު ރަނގަޅު ހާލަތެއްގައި އާޖެންޓީނާ ޓީމު އޮންނަން ބޭނުންވާ ކަމަށްވެސް އޭނާ ބުންޏެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. 3ނިރު

  ރޭގަވެސް ރޮނާޑޯ ގޯލްޖެހި ބަނދެފަހުއްޓަ

  • މޮރޮކޯ

   ރޭގަ މެޗުގައި ރޮނާލްޑޯހުރީ ބަނދެފައެއްނޫން. އޭނާހުރީ ދޫކޮށްލާފައި. މޮރޮކޯއިން އެޓޭކިންގް ގޭމެއް ކުޅުނުއިރު ރޮނާލްޑޯއަށް އެތަކެއް ސްޕޭސްއެއް ލިބުނު. އެކަމަކު ގޯލް ޖެހުން ނޫން އެހެންކަމެއް އޭނާއަކަށް ނުކުރެވޭނެކަން ރޭގަވެސް ސާބިތުވި. ރޭގަ މޮޅުވުން ޙައްޤީ މޮރޮކޯއަށް. ޕޯރޗުގަލަށް ނަސީބު އެހީވީ. މި ވާރަލްޑް ކަޕް އަދި ޔޫރޯގަވެސް ޕޯރޗުގަލަށް ނަސީބު އެހީވެފަހުރީ. މިރޭ ސަމްޕައުލީ އެވާރ ބަނޭގާ ލޯ ސެލްސޯ ޕަވޯން އަދި އާރމަނީ ފުރަތަމަ އެގާރައިގައި ހިމަނައިގެން މެޗު ފަށައިފިނަމަ އާރޖެންޓީނާއަށް މޮޅުވެވޭނެ. އެކަމަކު މި ކުޅުންތެރިން ނުލައި ފަށައިފިނަމަ ފޮށްޓަށް އެއްޗެހި އަޅައިގެން ޤައުމަށް އަންނަން ތައްޔާރުވުމަށް އާރޖެންޓީނާއަށް ގޮވާލަން.

 2. އަލިބެ

  ގިނަ ވާހަކަދައްކާނެކަމެއްނެތް. މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއަކީ ހަމަ މެސީ. އެއީ ފުޓްބޯޅައިގެ ހުރިހާ ހުނަރަކަށް ބަލައި.

  • އިޝާ?

   އައިއެގްރީ?

 3. ރަށްދު

  ރޮނާޑޯއަކީ މޮޅުމީހެއް ވޯލްޑްކަޕުގަ 2 މެޗުން 4 ގޯލް ޖެހޭނީ އާދަޔާޅިލާފު މޮޅުމީހަކަށް ޕޯޗުގަލްގެ އެހާފެންވަރުދަށް ކުޅުން ތެރިންތަކެއްގޮވައިގެން ލިބޭ މަދު ފުރުސަތެރެއްގަ ގޯލެއް ޖަަހާހާލެވޭނީ އާދަޔާޚިލާފު މޮޅު މީހަކަށް ރޮނާޑޯ އަކީ މިވަގުތު ވޯލްޑް ކަޕުގަ ކުޅޭ އެންމެމޮޅު އެންމެގިނަ ގޯލްޖެހި އަދި ދުނިޔޭގެ އެންމެމޮޅު ކުޅުންތެރިޔާ ރޮނާޑޯ ޖަހާ ކޮންމެ ގޯލައަކީ ރެކޯޑެއް އަދި މެސީއަށް ޕުރެސަރެއް

 4. ޖުލާން

  މެސީ އަދި ރޮނާލްޑޯ މިހާރު މުސްކުޅި ވެއްޖެ
  ނޭމާ ފަދަ ޒުވާން ތަރިންނަށް ޖާގަ ދީ