އިންގްލޭންޑުގެ ގައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓަށް އަނިޔާވެއްޖެއެވެ.

ސައުތްގޭޓުގެ ކޮނޑުހުޅަށް އަނިޔާވެފައިވަނީ ދުވުމުގެ ތެރޭގައި އުޅެނިކޮށެވެ. މިކަން ހިނގުމާއެކު ސައުތްގޭޓަށް ވަނީ އިނގިރޭސި ޓީމުގެ ޑޮކްޓަރުގެ އެހީއާއެކު ކައިރި ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާދީފައެވެ.

އިންގްލޭންޑުގެ ކުޅުންތެރިންނަށް އިއްޔެ އޮތީ 'އޮފް" ދީފައި ކަމަށްވާއިރު ސައުތްގޭޓަށް އަނިޔާވިކަން ކުޅުންތެރިންނަށް އެނގުނީ ރޭ ބޭއްވި ބައްދަލުވުމެއްގެ ތެރެއިންނެވެ.

"މިފަދަ އަނިޔާއެއް ކުޅުންތެރިއަކަށް ދިމާނުވެ، އަހަންނަށް ދިމާވިކަން މިއީ ރަނގަޅެއް" ސައުތްގޭޓް ބުންޏެވެ.

އިންގްލޭންޑް ޓީމުގެ ފަރިތަކުރުންތައް މާދަމާ އަލުން ފަށާއިރު އެ ފަރިތަކުރުންތަކުގައި ސައުތްގޭޓް ބައިވެރިވާނެއެވެ.

ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އިންގްލޭންޑް ވަނީ ޓިއުނީޝިޔާއާ ބައްދަލުކޮށް 1-2 އިން މޮޅުވެފައެވެ. މުބާރާތުގެ ދެވަނަ މެޗުގައި އިންގްލޭންޑް ނިކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.