ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުގެ ބުރު ފެށުނީއެވެ. އެންމެ ފުރަތަމަ ކުރިޔަށްދާނީ ގްރޫޕް އޭގެ މެޗުތަކެވެ. އެންމެ ފަހު މެޗުތަކަށް ވުމާއެކު މި މެޗުތައް ކުޅޭނީ އެއް ގަޑިއެއްގައެވެ.

މުބާރާތުގައި ސްވިޒަލޭންޑް މިހާތަނަށް ކުޅުނު ދެ މެޗުގެ ތެރެއިން އަދި އެއްވެސް މެޗަކުން މޮޅެއް ނުވެއެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ވޭލްސްއާއި ވާދަކޮށް 1-1 އިން ވަނީ އެއްވަރުވެފައެވެ. ދެވަނަ މެޗުގައި އިޓަލީ އަތުން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ތުރުކީ ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ އިޓަލީ އަތުން 3-0 އިންނެވެ. އަދި ދެވަނަ މެޗުގައި ވޭލްސް އަތުން ބަލިވީ 2-1 އިންނެވެ.

ސްވިޒަލެންޑް އަދި ތުރުކީ ވަނީ 15 ފަހަރެއްގެ މަތިން މިހާތަނަށް ބައްދަލުކޮށްފައެވެ. މީގެތެރެއިން ސްވިޒަލޭންޑް މޮޅުވީ ހަތަރު ފަހަރެވެ. އަދި ތުރުކީ މޮޅުވީ 8 ފަހަރުއެވެ. ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ވްލެޑިމިއާ ޕެޓްކޮވިޗް (ސްވިޒަލޭންޑް)

މިއީ ދެވަނަބުރުގެ ޖާގައެއް ކަށަވަރުކުރުމަށް ސްވިޒަލޭންޑަށް މުހިއްމު މެޗކެވެ. އަދި އުއްމީދަކީ ތުރުކީ ބަލިކޮށްގެން ތިން ޕޮއިންޓް ހޯދައިގެން ދެވަނަބުރުގެ ޖާގައެއް ހޯދުމަށްކަމަށް ބުނެއެވެ. އަދި މުޅި ޓީމު އޮތީ މި މެޗަށް ފުރިހަމައަށް ތައްޔާރަށް ކަމަށްވެސް ކޯޗު ބުންޏެވެ.

ސެނުއެލް ގަނޭޒް (ތުރުކީ)

މިހާތަނަށް މުބާރާތުގައި ތުރުކީގެ ފަރާތުން ފެނިގެންދަނީ އުއްމީދީ ކުޅުމެއް ކަމަށް ފާހަގަކޮށް ކޯޗު ބުނީ މިއީ ކުރިމަގަށް އާ ޓީމެއް ބިނާކުރަން ލިބޭ މުހިއްމު މުބާރާތެއް ކަމަށާއި ސްވިޒަލޭންޑް ބަލިކުރުމުގެ އިތުރުން މުސްތަގްބަލަށް ރަނގަޅު ޓީމެއް ބިނާކުރުމަކީ އެންމެ ބޮޑު އެއް އަޒުމުކަމަށެވެ.