މިފަހަރުގެ ޔޫރޯގެ އެއް ފެވަރިޓް އަދި ދެވަނަބުރުގެ ޖާގަ ކަށަވަރުކޮށްފައިވާ އިޓަލީ އާއި ވޭލްސް މިރޭ ބައްދަލުކުރާނެ އެވެ. މި މެޗުވެސް ކުޅޭނީ ގްރޫޕުގެ އަނެއް ދެ ޓީމު ކަމަށްވާ ތުރުކީ އާއި ސްވިޓްޒަލޭންޑް ބައްދަލުކުރާ މެޗާއި އެއް ގަޑިއެއްގަައެވެ.

އިޓަލީ މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ދެވަނަ ބުރުގެ ޖާގައެއް ވަނީ ކަށަވަރުކޮށްފައެވެ. މި މެޗުން މޮޅުވެއްޖެ ނަމަ އިޓަލީއަށް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަބުރުގެ ޖާގަ ލިބޭނެއެވެ. ވޭލްސްއަށް މި މެޗުން މޮޅުވެގެން ނުވަތަ އެއްވަރުވިޔަސް ދެވަނަބުރު ކަށަވަރުވާނެ އެވެ.

އިޓަލީ އަދި ވޭލްސް ވަނީ މިހާތަނަށް ނުވަ ފަހަރު ބައްދަލުކޮށްފައެވެ. މީގެތެރެއިން އެންމެ ގިނައިން މޮޅުވެފައިވަނީ އިޓަލީއެވެ. އެއީ 7 ފަހަރެވެ. އަދި ވޭލްސް މޮޅުވީ ދެ ފަހަރެވެ. މި މެޗާއެކު ދެވަނަބުރަށް ގްރޫޕް އޭ އިން ދާނެ ޓީމުތައް ކަށަވަރުވާނެ އެވެ.

ރޮބާޓޯ މަންޗިނީ (އިޓަލީ)

ކާމިޔާބު ކޯޗު ރޮބާޓޯ މަންޗިނީ ހުރީ މުބާރާތުގައި މިހާތަނަށް އިޓަލީ ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަޖެހިފައެވެ. ދެވަނަބުރުގެ ޖާގަ ކަށަވަރުވެފައިވުމާއި އެކު މި މެޗުގައި ބަދަލުތަކެއް ފެނުން ގާތްކަމަށް ކޯޗު ބުންޏެވެ. އަދި ވޭލްސް މެޗު ފަސޭހަކޮށް ނުލާނެކަމަށް ވެސް ކޯޗު މަންޗީނީ ބުނެފައިވެއެވެ. ހާއްސަކޮށް ވޭލްސްގެ ފޯވާޑްލައިނަށް ވަރަށް ސަމާލުވާނެ ކަމަށްވެސް ބުންޏެވެ.

ރޮބަޓް ޕޭޖް (ވޭލްސް)

ވޭލްސްގެ ކޯޗު ރޮބާޓް ޕޭޖް ބޭނުންވަނީ އިޓަލީ ބަލިކޮށް ދެވަނަ ބުރަށް ދިޔުމެވެ. އަދި އެކަން ކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރުގަދަ އަޒުމެއްގައި ކަމަށް ކޯޗު ބުންޏެވެ.