ޔޫރޯ 2020 ގެ ގްރޫޕް އޭ އިން އެއްވަނަ ޓީމުގެ މަގާމާއެކު އިޓަލީ ދެވަނަބުރަށް ދަތުރުކުރި އިރު ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދެވަނަބުރަށް ދަތުރުކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް އޭ އިން އިޓަލީ ދެވަނަބުރަށް ދިޔައީ އެއްވަނަ މަގާމުގައި ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްގެންނެވެ. އެއްވަނައިގައި އިޓަލީ އޮތީ ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު އެވެ. ދެވަނަ ޓީމުގެ ގޮތުގައި ވޭލްސް ދަތުރުކުރީ ހަތަރު ޕޮއިންޓާއެކު އެވެ.

ތިންވަނައިގައި ސްވިޒަލޭންޑުވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް އެއްކޮށްގެންނެވެ. ނަމަވެސް ވޭލްސް ދެވަނަބުރަށް ދިޔައީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި ތުރުކީއެވެ. އެ ޓީމު ކުޅުނު ތިން މެޗުންވެސް ވަނީ ބަލިވެފައެވެ.

އިޓަލީއާއި ވޭލްސް ބައްދަލުކުރި މެޗުގައި އިޓަލީގެ ފަރާތުން ގިނަ ބަދަލުތަކެއް ފެނިގެންދިޔަ އެވެ. ހާއްސަކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި އާންމުކޮށް ނުހިމެނޭ ކުޅުންތެރިން ހިމެނުނެވެ.

މެޗުގައި އިޓަލީގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ 39 ވަނަ މިނެޓުގައެވެ. މިއީ ހިލޭ ޖެހުމަކުން ތަޖުރިބާކާރު ކުޅުންތެރިޔާ އަދި ކެޕްޓަން ވެރާޓީ ދިން ބޯޅައަކުން ޕެސީނާ ޖެހި ލަނޑެކެވެ. މިއީ އޭނާ ގައުމީ ޓީމަށް ޖަހައިދިން ފުރަތަމަ ލަނޑެވެ. މި ހާފުގައި ވޭލްސްއަށް ގޯލާއި އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާނުލެވެއެވެ.

ލަނޑު ޖެހުމަށްފަހު ޝަގީރީ އުފާފާޅުކުރަނީ

ތުރުކީ އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗު ފަށައިގެން ނުރައްކާކުރަން ފެށީ ތުރުކީންނެވެ. ނަމަވެސް އެ ޓީމަށް އެގޮތަށް ހިފަހައްޓާލެވުނީ މަދު ވަގުތުކޮޅަކަށެވެ. މެޗުގެ ފަސްވަނަ މިނެޓުގައި ސްވިޒަލޭންޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ސަފްރޮވިޗް ޖެހީ ޒޫބާ ދިން ބޯޅައަކުންނެވެ. މިލަނޑަށްފަހު ސްވިޒަލޭންޑް ވަރަށް ބޮޑުތަން ކުޅުން ރަނގަޅުކޮށް ތުރުކީއަށް ޕްރެޝަރު ބޮޑުކުރި އެވެ.

ސްވިޒަލޭންޑުން ލީޑު ފުޅާކުރި ލަނޑު 26 ވަނަ މިނެޓުގައި ޖެހީ ޝަގީރީ އެވެ. މިއީ ސަފްރޮވިޗް ޖެހި ބޯޅައެއް ރީބައުންސް ވެގެން ލިބުނު ބޯޅައަކުން ޝަގީރީ ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ 62 ވަނަ މިނެޓުގައި ތުރުކީން ސުން ކަނޑުވާލި ލަނޑު ޖެހީ އިރްފާން އެވެ. މިއީ މިފަހަރުގެ ޔޫރޯގައި ތުރުކީގެ ފުރަތަމަ ލަނޑެވެ. މި ލަނޑު ޖެހިތާ ހަ މިނެޓުފަހުން ސްވިޒަލޭންޑްގެ ތިންވަނަ ލަނޑު ޝަގީރީ ވަނީ ޖަހާފައެވެ.

މި ނަތީޖާއާއެކު ސްވިޒަލޭންޑަށް އަދިވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ. އެއީ ތިންވަނައިގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ ޓީމުތަކުގެ ތެރޭގައި ހިމެނިގެންނެވެ.