ވޯލްޑް ކަޕުގައި ވާދަކުރާ އިންގްލެންޑް ޓީމުގެ ޤައުމީ ޓީމުގެ ކޯޗު، ގެރެތު ސައުތުގޭޓް އަށް އަނިޔާވެއްޖެއެވެ. ދުވުމުގެ ތެރޭގައި އޭނާއަށް ލިބުނު އަނިޔާއަކީ، އޭނާގެ ކޮނޑުހުޅުން ނެއްޓުމެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ސައުތުގޭޓަށް އަނިޔާވީ، ޓީމަށް ތާވަލުކޮށްގެން ދިން އޮފް ދުވަހެއްގައި، ކަސްރަތަށް ދުވަން އުޅެނިކޮށްކަމަށެވެ. އަދި، އޭނާއަށް ލިބުނު އަނިޔާ ސީރިޔަސް ނޫންކަމަށްވެސް ބުނެފައިވެއެވެ.

ކޯޗަށް އަނިޔާވި ދުވަހު، އޭނާވަނީ ކުޅުންތެރިންނާވެސް ބައްދަލުކޮށްފައެވެ. އެދުވަހު ކުޅުންތެރިންނާ ބައްދަލުކުރިއިރުވެސް ސައުތުގޭޓު ހުރީ އާމް ސްލިންގެއް އަޅައިގެންނެވެ. އަދި، އޭނާއަށް ލިބުނު އަނިޔާއާ ގުޅޭގޮތުން ޖޯކު ޖަހައި، ކުޅުންތެރިންނާ ވާހަކަ ދެއްކިކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންގްލަންޑުގެ ކުޅުންތެރިންނާ ވާހަކަ ދައްކަމުން ސައުތުގޭޓް ބުނެފައިވަނީ ލިބުނު އަނިޔާގެ ސަބަބުން، ދެން ގޯލެއް ޖެހުމުން އެހާ ބޮޑަށް އުފާ ފާޅުކުރުމުގައި ހަރަކާތްތައް ނުގެންގުޅެވިދާނެކަމަށެވެ. އަދި، އެގޮތަށް ހަރަކާތްތައް ނުކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހަމައެހެންމެ، އޭނާއަށް ލިބުނު އަނިޔާއަށް ފަރުވާ ކުރުމުގައި ޓީމުގެ މެޑިކަލް ޓީމުން މަސައްކަތް ކޮށްފައިވާކަމަށާއި، އެއަނިޔާގެ ސަބަބުން ސައުތުގޭޓަށް އެހާ ބޮޑު ގެއްލުމެއް ނުލިބުނީވެސް މެޑިކަލް ޓީމުގެ ކުޅަދާނަކަމުންކަމަށްވެސް، ކުޅުންތެރިންނާ ވާހަކަ ދައްކަމުން ކޯޗު ބުނެފައިވެއެވެ.

ވޯލްޑް ކަޕުގެ ގްރޫޕު ޖީގައި އިންގްލެންޑް ހިމެނޭއިރު، ދެން އެގްރޫޕުގައި ހިމެނެނީ ބެލްޖިއަމް، ޓިއުނީޝިޔާ އަދި ޕެނަމާއެވެ. އެޤައުމުގެ ފުރަތަމަ މެޗު ޓިއުނީޝިޔާއާ ދެކޮޅަށް ކުޅެފައިވާއިރު، އިންގްލެންޑުންވަނީ އެމެޗު ކާމިޔާބު ކޮށްފައެވެ.