ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސީގެ އެއްވަނަ މަގާމުގައި މޮޅުވުމުގެ ރެކޯޑަކާއެކު ދެވަނަބުރަށް ނެދަލޭންޑްސް ދަތުރުކުރި އިރު ޔޫކްރެއިން ބަލިކޮށް ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަބުރަށް އޮސްޓްރިއާ ދަތުރުކޮށްފިއެވެ.

ނޯތް މެސެޑޯނިއާ އަތުން ނެދަލޭންޑްްސް މޮޅުވެފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. އަދި ޔޫކްރެއިން އަތުން އޮސްޓްރިއާ މޮޅުވެފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ ޔޫރޯގައި އޮސްޓްރިއާ މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މި މުބާރާތަކީ ޔޫރޯގައި އޮސްޓްރިއާ ފުރަތަމަ ފަހަރަށް މޮޅެއް ހޯދި ފަހަރުވެސްމެއެވެ. އެއީ ފުރަތަމަ މެޗުގައި ނޯތް މެސެޑޯނިއާ ބަލިކޮށްގެންނެވެ.

މި ނަތީޖާއާއެކު ގްރޫޕުގެ އެއްވަނައިގައި ނެދަލޭންޑްސް އޮތީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ޖުމްލަ 9 ޕޮއިންޓާއެކު އެވެ. ދެވަނަ މަޤާމާއެކު އޮސްޓްރިއާ ދެވަނަބުރަށް ދިޔައީ ޖުމްލަ 6 ޕޮއިންޓް ހޯދައިގެންނެވެ. އޮސްޓްރިއާ ބަލިވީ ނެދަލޭންޑްސް އަތުން އެކަންޏެވެ. ތިންވަނައިގައި ޔޫކްރެއިން އޮތީ މެސެޑޯނިއާ ބަލިކޮށްގެން ލިބުނު ތިން ޕޮއިންޓާއެކު އެވެ. އަދި ފުލުގައި ނޯތް މެސެޑޯނިއާ އޮތީ ޕޮއިންޓެއް ނުލިބެއެވެ.

ނެދަލޭންޑްސްއާއި ދެކޮޅަށް ނޯތް މެސެޑޯނިއާ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ނޯތް މެސެޑޯނިއާގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. ހާއްސަކޮށް ނެދަލޭންޑްސްގެ ވަރުގަދަ ކުޅުންތެރިން ހުއްޓުވުމުގައި އެ ޓީމުން އަދާކުރި ދައުރު ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ 9 ވަނަ މިނެޓުގައި ނޯތް މެސެޑޯނިއާގެ ޓްރަޖްކޮވްސްކީ ލަނޑެއް ޖެހިއެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައެވެ.

ނެދަލޭންޑްސް ދިޔައީ ލިބޭ ފުރުސަތުތަކުގައި ނޯތް މެސެޑޯނިއާ އަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ނެދަލޭންޑްސް ވަނީ ލީޑު ނަގާފައެވެ. މި ލަނޑު މެމްފިސް ޑިޕާއި ކާމިޔާބުކުރީ ކައުންޓަރ އެޓޭކެއްގައި މާލެން ދިން ބޯޅައަކުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ނޯތް މެސެޑޯނިއާ އިން ނުރައްކާތެރި ކުޅުމެއް ދައްކަމުންދަނިކޮށް ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ނެދަލޭންޑްސް ލީޑު ފުޅާކުރި އެވެ. ކެޕްޓަން ވައިނަލްޑަމް މި ލަނޑު ކާމިޔާބުކުރީ ޑިޕާއި ކުރި މަސައްކަތުން އޭނާ އޭރިއާ ތެރެއަށް ދިން ބޯޅައެއް ފޮނުވާލައިގެންނެވެ.

ނެދަލޭންޑްސް އިން ލަނޑެއްް ޖެހިތާ އަށް މިނެޓުފަހުން އެޓީމުން ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުވެސް ކާމިޔާބުކުރީ ވައިނަލްޑަމް އެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޑިޕާއި ފޮނުވާލި ހަމަލާއެއް ކީޕަރު މަތަކުރި ނަމަވެސް ރީބައުންސްގައި އެ ބޯޅަ ހޯދައިގެން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މިއީ މެސެޑޯނިއާގެ ފުޓުބޯޅަ ލެޖެންޑް ގޯރަން ޕަންޑޭވް ބައިނަލްއަޤްވާމީ ފުޓުބޯޅައިގެ ފަހު މެޗުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އޭނާ މެޗުގެ 68 ވަނަ މިނެޓުގައި ބަދަލުކުރި އިރު އޭނާއަށް ހާއްސަ ވަގުތުކޮޅެއް ހުރިހާ ކުޅުންތެރިން ވަނީ ހުސްކޮށްފައެވެ. މީގެތެރޭގައި ނެދަލޭންޑްސް ކުޅުންތެރިންނާއި ކުޅިބަލަން ތިބި ސަޕޯޓަރުން ފާހަގަކޮށްލެވެއެވެ. އޭނާ ވަނީ މި މުބާރާތަށްފަހު ކުޅުމާއި ދުރަށްދާނެކަން މީގެކުރިން ހާމަކޮށްފައެވެ.

ޕަންޑޭވް ދަނޑުން ފޭބި ވަގުތު ހާއްސަ ޓްރިބިއުޓެއް ދެނީ

ނޯތް މެސެޑޯނިއާއިން އަނެއްކާވެސް ލަނޑެއް ޖެހިއެވެ. މެޗުގެ 72 ވަނަ މިނެޓުގައި ޗުރްނިލޯވް އެ ބޯޅަ ފޮނުވާލީ އޮފްސައިޑު މަގާމެއްގައި ކަމަށް ރެފްރީ ނިންމިއެވެ.

ޔޫކްރެއިން އާއި އޮސްޓްރިއާ ބައްދަލުކުރި މެޗުގައި އޮސްޓްރިއާ މޮޅުވި ހަމައެކަނި ލަނޑު މެޗުގެ 21 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބޮމްގެޓްނާ އެވެ. މެޗު ފަށައިގެންެވެސް މި މެޗުގައި އޮސްޓްރިއާ އިން ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގައި އޭނާ މި ލަނޑު ކާމިޔާބުކުރީ ކެޕްޓަން އަލަބާ ނަގައިދިން ކޯނަރަކުންނެވެ.

އޮސްޓްރިއާ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

މި ލަނޑަށްފަހު ވެސް އޮސްޓްރިއާ އިން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. ހާއްސަކޮށް އާނޯޓޮވިޗް އަދި ލައިމާ ތަނަވަސްކުރި ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. ޖުމްލަގޮތެއްގައި މުޅި މެޗު ކަހަލަ ގޮތަކަށް ކުޅުނީ އޮސްޓްރިއާ އެވެ. ޔޫކްރެއިން އަށް މި މެޗުގައި ލަނޑުޖަހަން ލިބުނީ މަދު ފުރުސަތުތަކެކެވެ.

ދެވަނަބުރުގައި އޮސްޓްރިއާ ބައްދަލުކުރަން ޖެހޭ ޓީމަކީ އިޓަލީއެވެ. އަދި ނެދަލޭންޑްސް ބައްދަލުކުރަން ޖެހެނީ ތިންވަނައަށް ހޮވޭ ޓީމަކާއި ދެކޮޅަށެވެ.