ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ބީގެ އެއްވަނަ މަގާމާއެކު ބެލްޖިއަމް ދެވަނަބުރަށް ދަތުރުކުރި އިރު ދެވަނަ މަގާމާއެކު ޑެންމާކް ދެވަނަބުރުން ޖާގައެއް ހޯދައިފިއެވެ.

ޑެންމާކް އާއި ރަޝިޔާ ބައްދަލުކުރި މެޗު ނިމުނީ 4-1 ގެ ނަތީޖާއަކުންނެވެ. އަދި ފިންލޭންޑް އަތުން ބެލްޖިއަމް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާތަކާއެކު ބެެލްޖިއަމް ދެވަނަބުރަށް ދިޔައީ ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް މޮޅުވެ ޖުމްލަ 9 ޕޮއިންޓާއެކު އެވެ. ދެވަނަ މަޤާމާއެކު ޑެންމާކް ދެވަނަބުރަށް ދިޔައީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ފިންލޭންޑުވެސް އޮތީ ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެންނެވެ. ޑެންމާކް އަށް ކުރި ލިބެނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. މި ނަތީޖާއާއެކު ރަޝިޔާ ވަނީ މުބާރާތުން ކަޓާފައެވެ.

ބެލްޖިއަމް އާއި ފިންލޭންޑް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ފިންލޭންޑް ވަނީ ވަރަށް ރަނގަޅަށް ބެލްޖިއަމް ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ހާފުގައި ފިންލޭންޑުގެ ފަރާތުން ވަރުބަލިކަން ފެނުނެވެ. އެއާއެކު އޭގެ ފައިދާ ބެލްޖިއަމް އިން ވަރަށް ރަނގަޅަށް ނެގިއެވެ.

ދެވަނަ ހާފުގައި ފުލުފުލުން ބެލްޖިއަމް އިން ފިންލޭންޑް ގޯލަށް ހަމަލާތައް ފޮނުވާލާފައިވެއެވެ. ހާއްސަކޮށް ލުކާކޫ އާއި ހަޒާޑް އަދި ކެވިން ޑިބްރައިނާގެ ނުރައްކާ މި ހާފުގައި ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. ބެލްޖިއަމް ކޮޅަށް ނަތީޖާ އަނބުރާލުމުގައި މި ކުޅުންތެރިންގެ ދައުރު ބޮޑެވެ.މި ހަމަލާތަކުން އެންމެ ފަހުން ބެލްޖިއަމް އަށް ގޯލެއް ޖެހުނީ 65 ވަނަ މިނެޓުގައެވެ. ލުކާކު މި ގޯލު ޖެހިނަމަވެސް ރެފްރީ ވަނީ ވީއޭއާރު ބެލުމަށްފަހު އެއީ އޮފްސައިޑު ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.

އޮފްސައިޑު ލަނޑަކަށް ވި ނަމަވެސް ބެލްޖިއަމުން ދުލެއް ނުދިނެވެ. ޓިމު ކުރިޔަށްޖެހި އިތުރު ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށްވީ މާ ގިނައިރަކު ފިންލޭންޑު ކުޅުންތެރިންނަށް ބެލްޖިއަމް ނުހިފެހެއްޓުނެވެ. އެއާއެކު ދެން ފެނިގެންދިޔައީ މެޗުގެ 74 ވަނަ މިނެޓުގައި ބެލްޖިއަމް އިން ލީޑު ނެގިތަނެވެ. މި ލަނޑަކީ ޑިބްރައިނާ ނެގި ކޯނަރެއް ހޯދާ ވާމެލަން ބޮލުން ފޮނުވާލި ހަމަލާ ދަނޑީގައި ޖެހިފައި ކީޕަރުގެ އަތުގައި ޖެހި ބައިކޮޅަށް ވަން ލަނޑެކެވެ.

ބެލްޖިއަމް އިން ލީޑު ފުޅާކުރި ލަނޑު 81 ވަނަ މިނެޓުގައި ކާމިޔާބުކުރީ ރޮމެލޫ ލުކާކޫ އެވެ. އޭރިއާ ތެރެއަށް ދިން ބޯޅަ އޭނަ ގޯލަށް ފޮނުވާލީ ކައިރީގައި ވިއްދާފައި ހުރި ޑިފެންޑަރަށް އެއްވެސް ފުރުސަތެއް ނުދީ އެވެ.

ޑެންމާކުގެ ކޯޕަންހޭގަންގެ ޕާކެން ސްޓޭޑިއަމްގައި ރަޝިޔާއާއި ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. މެޗު ފެށުނުއިރު ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 37 ވަނަ މިނެޓުގައި ޑެންމާކުން ވަނީ ލީޑު ނަގާފައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ޝޮޓަކުން އުމުރުން 20 އަހަރުގެ އުއްމީދީ ކުޅުންތެރިޔާ ޑަމްސްގާޑް ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައެވެ .

ދެވަނަ ހާފުގައި ވެސް ޑެންމާކް ފެނިގެންދިޔައީ ވަރުގަދަކޮށެވެ. އެގޮތުން 59 ވަނަ މިނެޓުގައި ޑެންމާކް އިން ލީޑު ފުޅާކުރި އެވެ. ރަޝިޔާ ޑިފެންޑަރުންގެ ގޯހެއްގެ ފައިދާ ނަގައިގެން މި ލަނޑު ކާމިޔާބުކުރީ ޕައުލްސަން އެވެ. މި މެޗުގައި ރަޝިޔާއަށް ސުން ކަނޑުވާލަދިން ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޖެހީ ކެޕްޓަން ޒޫބާ އެވެ. ޑެންމާކްގެ ނުރައްކާތެރި ހަމަލާތައް ފަހަރަކަށް ވުރެ ފަހަރެއް ނުރައްކާވަމުން ގޮސް މެޗުގެ 79 ވަނަ މިނެޓުގައި ކްރިސްޓިއަންސަން ވަނީ ޑެންމާކުގެ ލީޑު ފުޅާކޮށްފައެވެ.

ޑެންމާކުން ދެވަނަބުރު ޔަގީންކުރި ލަނޑު ޖެހީ މި ލަނޑު ޖެހިތާ ތިން މިނެޓުފަހުންނެވެ. މިއީ މައެލޭ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު މުޅި ދަނޑުގައި ތިބި ޑެންމާކްގެ ސަޕޯޓަރުންގެ އަޑު ގުގުމާލިއެވެ.

މުބާރާތުގެ ދެވަނަބުރުގައި ޑެންމާކް ބައްދަލުކުރާނީ ވޭލްސްއާއެވެ.