ދެކުނު އެމެރިކާގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ މުބާރާތް ކަމަށްވާ ކޮޕަ އެމެރިކާގެ ކުއާޓަފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކުރީ މިއަދު ފަަތިހު ޕެރަގުއޭ އާއި ވާދަކޮށް 1-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ކުރީ މެޗުތަކާއި ހިލާފަށް މި މެޗުގައި އާޖެންޓީނާގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ.

މި މެޗުގައި އާޖެންޓީނާއިން ލީޑު ނަގާފައިވަނީ ވަރަށް ކުރީކޮޅުއެވެ. މެޗު ފަށައިގެން 10 ވަނަ މިނެޓުގައި އެންހެލް ޑި މާރިއާ ދިން ބޯޅައަކުން މި ލަނޑު އެ ގައުމަށް ކާމިޔާބުކޮށްދިނީ އަލެހަންދްރޯ ގޯމޭޒެވެ. މި ލަނޑަށްފަހު ވެސް އާޖެންޓީނާއި ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ.

މި ނަތީޖާއާއެކު އާޖެންޓީނާ އޮތީ ގްރޫޕް އޭގެ އެއްވަަނައިގައެވެ. އެއީ ކުޅުނު ތިން މެޗުން ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި ޗިލީ އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކު އެވެ. ރޭ ދަންވަރު ޗިލީ އާއި އުރުގުއޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މިފަހަރުގެ މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.