ކޮޕަ އެެމެރިކާ ފުޓުބޯޅަ މުބާރާތުގައި މިއަދު ފަތިހު ޕެރަގުއޭ އަތުން މޮޅުވި މެޗާއެކު އާޖެންޓީނާ ގައުމީ ޓީމުގައި މެސީ ރެކޯޑަކާއި ހަމަކޮށްފިއެވެ.

މިއީ އާޖެންޓީނާގެ ޖާރޒީގައި މެސީ ކުޅުނު 147 ވަނަ މެޗެވެ. މި އަދަދަކީ އާޖެންޓީނާ ގައުމީ ޓީމަށް ހަވިއާ މަޝެރާނޯވެސް މެޗު ކުޅެފައިވާ އަދަދެވެ. އެއާއެކު މެސީ ވަނީ މަޝެރާނޯގެ އަދަދާއި ހަމަކޮށްފައެވެ.

ކޮޕަ އެމެރިކާގެ ކުއާޓާފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވާއިރު އިތުރު މެޗުތަކެއް ކުޅުމުގެ ފުރުސަތު މެސީއަށް ލިބިގެންދާނެ އެވެ. އަދި މި ރެކޯޑު މުގުރާލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ކާމިޔާބީއާއި ގުޅިގެން މަޝެރާނޯ ވަނީ މެސީއަށް މަރުހަބާ ކިޔާ ޓްވީޓެއް ކޮށްފައެވެ. މި ޓްވީޓުގައި މަޝެރާނޯ ވަނީ މެސީގެ ކާމިޔާބީތައް ފާހަގަކޮށް އިތުރު ކުރިއެރުން ލިބުމަށް އެދިފައެވެ. އަދި މެސީ ފިޔަވާ ދުނިޔޭގެ ފެންވަރުގައި އާޖެންޓީނާ ތަމްސީލުކޮށްދޭނެ އެހެން އިތުރު އެއްވެސް ކުޅުންތެރިއެއް އަދި ނެތްކަން ވެސް މަޝެރާނޯ ފާހަގަކުރި އެވެ.

އުމުރުން 34 އަހަރުގެ މެސީ ވަނީ މި މުބާރާތުގައި އާޖެންޓީނާއަށް ލަނޑު ޖެހުމުގައި ގިނަ އެހީތަކެއް ވަމުންނެވެ. އަދި ޓީމު ލައްވާ ކުޅުވައިދޭ ކުޅުންތެރިއެއްގެ ގޮތުގައިވެސް އޭނާ ފާހަގަވެއެވެ.

މި މުބާރާތް ނިމުމާއެކު ބާސެލޯނާގެ އެއްބަސްވުމާއި މެދު ވަކި ގޮތެއް މެސީ ފައިނަލްކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާގެ އެންމެ ބޮޑު އަމާޒަކީ ކެރިއަރު ނިންމާލުމުގެ ކުރިން އާޖެންޓީނާއަށް ތައްޓެއް ލިބިގެންދިއުމެވެ.