ފުޓްބޯޅައިގައި އާޖެންޓީނާ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިއަކީ ލިއޮނަލް މެސީ ކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސްޕެއިންގެ ޑިފެންޑަރު ސާޖިއޯ ރާމޯސް ބުނެފިއެވެ.

މެސީގެ ކުޅެމުން އަންނަ ކުލަބު ކަމަށްވާ ބާސެލޯނާއާއި އެންމެ ވާދަވެރި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް މެސީއަށް ތައުރީފް ކުރަމުން ބުނެފައިވަނީ އާޖެންޓީނާގެ ލެޖެންޑު މެރެޑޯނާއަށް އިހުތިރާމް ކުރާ ކަމަށާއި ނަމަވެސް މެސީއަކީ މެރެޑޯނާ އަށް ވުރެ މާބޮޑަށް ވެސް ކުރީގައި އުޅޭ ކުޅުންތެރިއެއްކަމަށް ގަބޫލު ކުރާ ކަމަށެވެ.

ރޭ ސްޕެއިނުން 1-0 ގެ ނަތީޖާއަކުން އީރާނުގެ މައްޗަށް ކުރި ހޯދި މެޗަށް ފަހު މީޑިއާތަކަށް ދިން އިންޓަވިޔުއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެމުން ރާމޯސް ބުނީ އާޖެންޓީނާ މިހާތަނަށް ދުށް އެންމެ މޮޅު ކުޅުންތެރިއަކީ މެސީކަމަށް އާޖެންޓީނާގެ ރައްޔިތުން ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި އައިސްލޭންޑް އަތުން 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި އާޖެންޓީނާއަށް ލިބުނު ޕެނެލްޓީ މެސީއަށް ކާމިޔާބު ނުކުރެވުމުން ގިނަ ބަޔަކު ވަނީ އާޖެންޓީނާ މޮޅުނުވީ މެސީގެ ސަބަބުން ކަމުގައި ބުނެފައެވެ.

މެޗަށް ފަހު މެސީ ވަނީ މެޗުން މޮޅުނުވުމުގެ ޒިންމާ ފުރިހަމަ އަށް ނަގާކަމަށާއި ޕެނަލްޓީ ނާކާމިޔާބު ވުމުން ދެރަވާ ކަމުގައި ބުނެފައެވެ. އަދި ކުރިއަށް އޮތް މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން މެސީ ވަނީ ދީފައެވެ.

ވޯލްޑްކަޕްގައި މިރޭ އާޖެންޓީނާ ނިކުންނާނީ ކްރޮއޭޝިއާއާއި ދެކޮޅަށެވެ.