ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލާއި ސެމީފައިނަލް ކުޅެން ހަމަޖެހިފައިވާ ވެމްބްލީ ސްޓޭޑިއަމަށް 60،000 ސަޕޯޓަރުން ވައްދަން އެގައުމުގެ ސަރުކާރުން ހުއްދަދީފި އެވެ.

މުޅި ޔޫރަޕުގައި ވެސް ކޮވިޑުގެ ހާލަތު ގޯސްވުމާއި ގުޅިގެން މިހާތަނަށް އެންމެ ހަރުކަށި އުސޫލުތަކެއް ހަދާފައިވަނީ އިނގިރޭސިވިލާތުންނެވެ. އެއާއެކު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ދަނޑަށް މިހާރު ވައްދަނީ 25 އިންސައްތަ ސަޕޯޓަރުންނެވެ.

ސެމީފައިނަލާއި ފައިނަލަށް ވަންނަ ސަޕޯޓަރުންގެ އަދަދު ގިނަވުމާއެކު މިއީ ވެމްބްލީ ސްޓޭޑިއަމްއަށް ވަދެވޭ މީހުންގެެ 75 އިންސައްތައެވެ. މިއީ މި ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ ގަދަބާރު އިނގިރޭސިވިލާތުން ދަނޑަށް ސަޕޯޓަރުން ވައްދާނެ އެންމެ ގިނަ އަދަދެވެ.

ޔުއެފާއިން މީގެކުރިން ވަނީ ވެމްބްލީ ސްޓޭޑިއަމުގެ މައްސަލައިގައި ގިނަ ކަންބޮޑުވުންތަކެއް ހިއްސާކޮށްފައެވެ. އެއީ ވީއައިޕީން ކަރަންޓީނުވާން ޖެހޭނެކަމާއި އެހެން ގޮތްގޮތުންވެސް މުބާރާތުގެ އިސް މީހުން ކަރަންޓީނުވާގޮތަށް އިނގިރޭސިވިލާތުން ހަދާފައިވާ އުސޫލުގެ ސަބަބުންނެވެ. ޔުއެފާއިން ބުނީ މިފަދަ މުބާރާތެއް ބާއްވާއިރު ހާއްސަ އުސޫލުތަކެއް ހަދަންޖެހޭނެ ކަމަށެވެ.

ޔުއެފާއިން ވަނީ މުބާރާތުގެ ސެމީފައިނަލާއި ފައިނަލަށް ވައްދާ ސަޕޯޓަރުންގެ އަދަދު އިތުރުނުކުރާ ނަމަ އެހެން ގައުމަކަށް ސެމީފައިނަލާއި ފައިނަލް މެޗު ބަދަލުކުރަން ވެސް ނިންމާފައެވެ.

ސެމީފައިނަލާއި ފައިނަލަށް ވެމްބްލީ ސްޓޭޑިއަމަށް ވަދެވޭ އުސޫލު
  • ކޮވިޑަށް ނައްސިކަން އަންގައިދޭ ޕީސީއާރު ޓެސްޓެއް (މެޗު ފެށުމުގެ 14 ދުވަސް ކުރިން)
  • ކޮވިޑުގެ ދެ ޑޯޒް ޖަހާފައިވާކަމުގެ ހެކި

ދަނޑަށް ވައްދާ ސަޕޯޓަރުން ޝަރުތު ހަމަވޭތޯ ބެލުމަށް ހާއްސަ އެޕްލިކޭޝަނެއްވެސް ބޭނުންކުރަން ވަނީ ނިންމާފައެވެ. މި އެޕްލިކޭޝަނުން އެ މީހެއްގެ ހުރިހާ މައުލޫމާތެއް ފެންނަން ހުންނާނެއެވެ.

އިނގިރޭސި ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ޔުއެފާގެ ރައީސް ސެފެރިން ވަނީ ޝުކުރުއަދާކޮށްފަައެވެ. އަދި މި ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި ދަނޑުމަތިންނާއި ދަނޑުބޭރުން ގިނަ ކަންކަން އެނގިގެން ހިނގައްޖެ ކަމަށާއި ސަޕޯޓަރުންނަކީ މި ކުޅިވަރުގެ މުހިއްމު އެއްބައި ކަމަށެވެ. އަދި މި މުބާރާތަކީ އާ ހާލަތަކަށް ރުޖޫއަވާން އުޅޭކަމުގެ ފެހި ސިގްނަލެއް ކަމަށާއި ކުރިޔަށް ފިޔަވަޅުތަކެއް އަޅާނީ މި މުބާރާތުގެ އަލީގައި ކަމަށެވެ.