އަންނަ މަހު އާޖެންޓީނާގައި ބާއްވާ ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފައިންގައި ރާއްޖެއިން ބައިވެރިވާނެ އެތްލީޓުން ހޮވައިފިއެވެ.

ބެންކޮކްގައި އޮންނަ ކޮލިފިކޭޝަންގައި ރާއްޖެ އިން ބައިވެރިވާނީ މުނާޒް އަލީ، އިބާދުﷲ އާދަމް އަދި އައިޝަތް ހިމްނާ ހަސަން އެވެ. މިތިން އެތުލީޓުންނާއި އެކު ކޯޗެއްގެ ގޮތުގައި ދާނީ ހުސެއިން ހަލީމުއެވެ.

މިޓީމުގައި ހިމްނާ ހިމެނޭއިރު ހިމްނާ އަކީ މިހާރު ރާއްޖޭގެ 400 މީޓަރު ދުވުމުގެ ރިކޯޑު މުގުރާލި ދުވުންތެރިޔާއެވެ. އަދި މީގެ އިތުރުން ހިމްނާ އަކީ ރާއްޖޭގެ 200މީޓަރު ދުވުމުގެ ޔޫތް ރިކޯޑު ވެސް އޮތް ދުވުންތެރިޔާއެވެ. ޔޫތު ކޮލިފިކޭޝަންގައި އޭނާ ވާދަކުރާނީ 200 އަދި 400 މީޓަރު ދުވުމުގައެވެ.

މުނާޒް އަށް ބަލާއިރު އޭނާ ވަނީ މިދިޔަ އަހަރުގެ ގައުމީ އެތުލެޓިކްސް މުބާރާތުގައި 100 މީޓަރު ދުވުމުގައި ތިންވަނަ އަދި 200 މީޓަރު ދުވުމުގައި ދެވަނަ ހޯދާފައެވެ. ޔޫތު ކޮލިފިކޭޝަންގައި އޭނާ ވާދަކުރާނީ 200,400 މީޓަރު ދުވުމުގައެވެ.

އިބާދުﷲ އާދަމް އަކީވެސް ގިނަ އެތުލެޓިކްސް މުބާރާތް ތަކުގައި އެންމެ މޮޅު އެތުލީޓު ކަމުގެ މަގާމު ހޯދާފައިވާ ދުވުންތެރިއެކެވެ. 100,200 މީޓަރު ދުވުމުގައި އިބާދުﷲ ވާދަކުރާއިރު އޭނާ އަކީ ސްކޫލް މުބާރާތް ތަކުގެ ރިކޯޑު ވެސް ހެދި ދުވުންތެރިއެކެވެ.

ޔޫތު އޮލިމްޕިކް ގޭމްސްގެ ކޮލިފިކޭޝަން ބެންކޮކުގައި އޮންނާނީ 4-5 ޖުލައި ގައެވެ.

ކިޔުންތެރިންގެ ހިޔާލު