ސެނެގާލްގެ ސެދިއޯ ސިޓީއަށް އުފަން އުމުރުން 26 އަހަރުގެ ސަޑިއޯ މާނޭ އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ނިމިގެން ދިޔަ ސީޒަންގައި އެންމެ ވިދާލި އެއް ފޯވާޑެވެ.

ލިވަޕޫލްއަށް ކުޅެމުން އަންނަ މާނޭ އަކީ ހުނަރުން ފުރިގެންވާ ޒުވާން ކުޅުންތެރިއެކެވެ. ފުޓްބޯޅައިގައި އަރަމުން އަންނަ ތަރިއެކެވެ.

ކުޑައިރުއްސުރެއް ފުޓްބޯޅައަށް ހާއްސަ ލޯތްބެއް ޖެހިފައިވާ ކަމަށް މާނޭ ބުނެއެވެ. އެގޮތުން އޭނާގެ އުމުރުން 2 އަހަރުގައި މަގުމަތީގައި ރަށްޓެހިންނާއި އެކު ފުޓްބޯޅަ ކުޅެން އުޅުން ހަނދާން އަދިވެސް އެބަހުރި ކަމަށް މާނޭ ބުނެއެވެ.

މާނޭ ބުނި ގޮތުގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގައި އޭނާއަށް އެތަކެއް ގޮން ޖެހުން ތަކަކާއި ކުރިމަތިލާން ޖެހުނެވެ. އެގޮތުން އޭނާގެ ފުޓްބޯޅައިގެ ހަޔާތް ފެށުނީ ސެނެގަލީސް ފުޓްބޯޅަ އެކަޑެމީއިން އޭނާއަށް ޖާގަ ލިބުނު ހިސާބުން ކަމަށް މާނޭ ބުނެއެވެ.

" އަހަރެންގެ ފުޓްބޯޅަ ހަޔާތް ފެށުނީ ސެނެގަލީސް ފުޓްބޯޅަ އެކަޑެމީއިން އަހަންނަށް ޖާގަ ލިބުނު ހިސާބުން. އެކަޑެމީގައި އަހަރެން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގައުމީ ޓީމުން އަހަންނަށް ޖާގަ ލިބުނު. އަދި އޭގެ ފަހުން ބައެއް ކުލަބުތަކުން އަހަރެން ހޯދަން ބޭނުންވި ." މާނޭ ބުނެފައިވެއެވެ.

މާނޭގެ ފުރަތަމަ ކުލަބަކީ ފްރާންސްގެ މެޓްޒްއެވެ. އެ ކުލަބުގައި އޭނާ ދެއްކި މޮޅު ކުޅުމުގެ ސަބަބުން 2012 ވަނަ އަހަރު ރެޑްބުލް ސަލްސްބާގް އަށް މާނޭ ގެންދެވުނެވެ. ސަލްސްބާގް އާއި އެކު 2014 ވަނަ އަހަރު މާނޭ ވަނީ އޮސްޓްރިއާގެ ލީގާއި އޮސްޓްރިއަން ކަޕް ކާމިޔާބުކޮށްފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ޔޫރަޕްގެ ސައުތަމްޓަން އަށް މާނޭ ވަނީ ބަދަލުވެފައެވެ. ސައުތަމްޓަން އަށް ބަދަލުވުމަށް ފަހު މާނޭ ވަނީ ޕްރިމިއާ ލީގުގައި އެންމެ އަވަހަށް މެޗެއްގައި ހެޓްރިކް ހެދި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފައެވެ.

ސައުތަމްޓަންގައި އެއް އަހަރު ހޭދަކުރުމަށް ފަހު 2016 ވަނަ އަހަރު މާނޭ ލިވަޕޫލްއަށް ބަދަލުވީ ކަޅުނަސްލުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައެވެ. މާނޭ ލިވަޕޫލްއަށް ބަދަލުވީ 34 މިލިއަން ޕައުންޑަށެވެ.

ގައުމީ ޓީމާއި އެކު 49 މެޗު ކުޅެ 14 ގޯލު ކާމިޔާބުކޮށްދީފައިވާ މާނޭއަކީ މިހާރު ކުރިއަށްދާ ވޯލްޑްކަޕަށް ސެނެގާލް ކޮލިފައިކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެވެ.