ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ހޯދަން ދުނިޔޭގެ ފުޓުބޯޅައިގެ ގަދަ ދެ ބާރުކަމަށްވާ އެންމެފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސް އާއި އެންމެފަހުގެ ޔޫރޯ ޗެމްޕިއަަން ޕޯޗުގަލް މިރޭ ބައްދަލުކުރާނެ އެެވެ. މިއީ މުޅި މުބާރާތުގައި ވެސް ފެނިގެންދާނެ އެންމެ ފޯރިގަދަ މެޗުކަމަށް ގަބޫލުކުރެވެއެވެ. ދެ ޓީމުގައި ތިބި ކުޅުންތެރިންނަށް ބަލާލިނަމަވެސް އެ ތަފާތު ފެންނަން އެބަހުއްޓެވެ.

މި މެޗަށް އެންމެބޮޑު އުއްމީދެއް ކުރާ އެއް ކުޅުންތެރިއަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިހާތަނަށް އައި އިރުވެސް މި މުބާރާތުން ގިނަ ރެކޯޑުތަކެއް އާކޮށްފައި ކުޅުންތެރިޔާގެ އެންމެ ބޮޑު އުއްމީދަކީ ދުނިޔޭގެ ޗެމްޕިއަނުން ބަލިކޮށް ދެވަނަބުރުގެ ޖާގައެއް ހޯދާށެވެ. މިހާތަނަށް އައި އިރު މަރުގެ ގްރޫޕުގެ ގޮތުގައި ސިފަކުރާ މި ގްރޫޕުން ދެވަނަބުރުގެ ޖާގައެއް ކަށަވަރުވެފައިވާ ހަމައެކަނި ޓީމަކީވެސް ފްރާންސެވެ.

މި ގްރޫޕުން ދެވަނަބުރަށް ދެން ދާނެ ޓީމެއް ނޫނީ ޓީމުތަކެއް ޔަގީންވާނީ މިރޭ ކުޅޭ މެޗަށްފަހު އެވެ. ޖަރުމަނާޢި ޕޯޗުގަލް އަދި ހަންގޭރީއަށް ވެސް ދެވަނަބުރުގެ ފުރުސަތު އެބައޮތެވެ.

މެޗުގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ދެކޭގޮތުގައި މިއީ މޮޅުވުން މަޖުބޫރު މެޗެކެވެ. ބަލިވެއްޖެ ނަމަ މުބާރާތުން ކަޓާއިރު މި މެޗާއި ކުރިމަތިލަނީ ޕޯޗުގަލްގެ ހުރިހާ ހިތްވަރެއް ދައްކައިގެން ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ. އަދި މޮޅުވާނެކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށާއި ފްރާންސް އާއި ދެކޮޅަށް ކުޅޭ މެޗަކީ ޗެލެންޖިން މެޗަކަށް ވާނެ ކަމަށެވެ.

މިރޭގެ މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފައިވަނީ މިރޭ ފްރާންސްއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. އަދި މިރޭގެ މެޗަށް ނުކުންނައިރު މެޗާއި މެދު އޮތް އިތުބާރުވެސް ބޮޑު ކަމަށެވެ. އެގޮތުން މިރޭގެ މެޗުން މޮޅެއް ހޯދާ ގަދަ 16 ވަނަ ބުރަށް ދެވުމުގެ އުންމީދުވެސް ބޮޑު ކަމަށެވެ.

ގްރޫޕް ސްޓޭޖުގައި ޕޯޗުގަލް ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެފައިވާއިރު އަނެއް މެޗުން ވަނީ ބަލިވެފައެވެ. މޮޅުވީ ހަންގޭރީ އަތުން 3-1 އިންނެވެ. އަދި ބަލިވީ ޖަރުމަނު އަތުން 4-2 އިންނެވެ. އެހެންކަމުން ޕޯޗުގަލްއާއި ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗަކީ އެޓީމަށް މުހިއްމު މެޗެކެވެ. މުޅި ޓީމުގެ އަޒުމަކީ މިރޭގެ މެޗުން މޮޅުވުން ކަމަށް ރޮނާލްޑޯ ބުންޏެވެ.

ޕޯޗުގަލް އަކީ އެންމެފަހުން 2016 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަނުންނެވެ. ތަށި ދިފާއުކުރަން ނުކުތް ޕޯޗުގަލް އިން އެފަަހަރު ތަށި އުފުލާލީ ފައިނަލުގައި މި މެޗުގައި އަނެއްކޮޅުން ބައްދަލުކުރާ ފްރާންސް 1-0 އިން ބަލިކޮށްގެންނެވެ.