ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އީގެ އެއްވަނަ މަގާމާއެކު ސްވިޑަން ދެވަނަބުރަށް ދަތުރުކުރިއިރު މި ގްރޫޕުގެ ދެވަނަ ޖާގައާއެކު ސްޕެއިންވެސް ދެވަނަބުރުން ޖާގަ ހޯދައިފިއެވެ.

މި ގްރޫޕުގެ އެއްވަނައިގައި ސްވިޑަން އޮތީ ކުޅުނު ތިން މެޗުން ލިބުނު 7 ޕޮއިންޓާއެކު އެވެ. އަދި ސްޕެއިން އޮތީ ގްރޫޕުގެ ދެވަނައިގައި ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކު އެވެ. މިއާއެކު ސްލޮވާކިޔާ އަދި ޕޮލޭންޑް ވަނީ މުބާރާތުން ކަޓާފައެވެ.

ސްޕެއިންގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފަށައިގެން ވެސް ސްޕެއިން ދިޔައީ ސްލޮވާކިޔާ ގޯލަށް ބާރުބޮޑުކުރަމުންނެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ވެސް ގޯލު އޭރިއާ ތެރެއަށް ވަދެ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިއެވެ.

ނަތީޖާއެއްގެ ގޮތުން މެޗުގެ ވަރަށް ކުރީކޮޅު ސްޕެއިންއަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޭރިއާ ތެރެއިން ކޮކޭ އަށް ކުރި ފައުލަކާއި ގުޅިގެން ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ މޮރާޓާ ފޮނުވާލި ނަމަވެސް ސްލޮވާކިޔާގެ ކީޕަރު ޑުބްރަވްކާ ވަނީ އެ ބޯޅަ ދިފާއުކޮށްފައެވެ.

މި ފުރުސަތަށްފަހު ކޮންމެ ދެ މިނެޓަކުން ސްޕެއިން ދިޔައީ ސްލޮވާކިޔާގެ ގޯލަށް ނުރައްކާކުރަމުންނެވެ. ހާއްސަކޮށް ޓީމެއްގެ ގޮތުގައި ސްޕެއިން އިން މި މެޗުގައި ތަނަވަސްކުރި ގިނަ ފުރުސަތުތަކުގައި އެ ޓީމަށް ހަމައެކަނި މައްސަލައަކަށް ކުރިމަތިވީ ނިންމާލުން އެކަންޏެވެ.

ސްޕެއިން އިން ލީޑު ނަގާފައިވަނީ މެޗުގެ 30 ވަނަ މިނެޓުގައެވެ. މިއީ ސްލޮވާކިޔާގެ ގޯލް ދަނޑީގައި ޖެހިފައި މައްޗަށް ދިޔަ ބޯޅަ ތިރިޔަށް އައިއިރު ކީޕަރު ޑުބްރަވްކާ އެ ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި އޭނާގެ އަތުގައި ޖެހިފައި ވަން ގޯލެކެވެ. މި ލަނޑާއެކު ސްޕެއިން ޓީމަް އިތުބާރު ބޮޑުވެގެންދިޔަ އެވެ.

ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ސްޕެއިން އިން ލީޑު ފުޅާކޮށްދިން ލަނޑު ޖެހީ ލަޕޯޓް އެވެ. މިއީ މޮރޭނޯ ނަގައިދިން ހުރަހަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ސްޕެއިން ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.

ދެވަނަ ހާފުވެސް ސްޕެއިން ފެށި ވަރުގަދަކޮށެވެ. ސްޕެއިން އިން ތިިންވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ވަަނީ ޖަހާފައެވެ. މިއީ އޭރިއާގެ އަރިމަތިން ދިން ބޯޅައަކުން ސަރަބިއާ ކާމިޔާބުކުރި ލަނޑެކެވެ. އޭގެފަހުން 67 ވަނަ މިނެޓުގައި ސަރަބިއާ ދިން ބޯޅައަކުން ފެރާން ޓޮރޭސް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއީ މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އަރައެވެ.

މި ލަނޑު ޖެހިތާ ހަތަރު މިނެޓުފަހުން ސްޕެއިންގެ ފަސްވަނަ ލަނޑު ފެނިގެންދިޔަ އެވެ. މިއީ ޕައު ޓޮރޭސް ފޮނުވާލި ހަމަލާއެއްގައި ސްލޮވާކިޔާގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. މިއީ ޔޫރޯގެ ތާރީހުގައި މިހާ ތަފާތުބޮޑުކޮށް ސްޕެއިން މެޗަކުން މޮޅުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސްވިޑަން އާއި ޕޮލޭންޑް ބައްދަލުކުރި މެޗުގައި ޕޮލޭންޑްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޮސްކީ އެވެ. މި މެޗުގައި ސްވިޑަންގެ ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އެމިލް ފޯސްބާާގް އެވެ. އަނެއް ލަނޑު އެ ޓީމަށް ކާމިޔާބުކޮށްފައިވަނީ ވިކްޓާ ކްލާސަން އެވެ.

ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ސްޕެއިން ބައްދަލުކުރާނީ ގްރޫޕް ޑީގެ ދެވަނަ ހޯދި ކްރޮއޭޝިޔާ އާއެވެ.