ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އެ ކްލަބުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ދޫކޮށްލައިފިއެވެ.

ނިއު އިން ބުނީ ދަގަނޑޭއާ އެކު ވެފައިވާ އެއްބަސްވުން ދެ ފަރާތުން އެއްބަސްވެގެން ރޫޅާލާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކީއްވެގެން ކަމެއް ކްލަބުން އަދި ހާމައެއް ނުކުރެއެވެ.

ނިއުގެ ރަސްމީ ފޭސްބުކް ޕޭޖްގައި ބުނެފައި ވަނީ ދަގަނޑޭ އެކު ވެފައިވާ އެއްބަސްވުން އުވާލައިފި ކަމަށާއި ދަގަނޑޭ ކްލަބަށް ކޮށްދީފައިވާ ހިދުމަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ނިއު އިން ދަގަނޑޭ ދޫކޮށްލިއިރު އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރަން ދަގަނޑޭ ދާދިފަހުން ވަނީ އެފްއޭއެމް އަށް މައްސަލަ ހުށަހަޅާފައެވެ. ދަގަނޑޭ ކޮންޓްރެކްޓް ބާތިލްކުރަން ހުށަހެޅީ މުސާރަ މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ދަގަނޑޭ ތިންވަނަ ފަހަރަށް ނިއު އާއި ގުޅުނީ މިދިޔަ ސީޒަނުގައެވެ. އޭނާ ވަނީ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް އަދި މި އަހަރުގެ އެސްޓީއޯ މާލޭ ލީގު އެ ކްލަބަށް ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.

ދަގަނޑޭ އެންމެ ފުރަތަމަ ނިއުއާ ގުޅުނީ 2006 ވަނަ އަހަރުއެވެ. ނިއުގެ އިތުރުން ދަގަނޑޭ މީގެކުރިން ވަނީ މާޒިޔާ އާއި ވީބީގެ އިތުރުން ވެލެންސިޔާ އަށް ވެސް ކުޅެފައެވެ.