ކަލަރ ރަންގެ ނަމުގައި ދުވުމެއް ބާއްވަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ.

ADS BY SONEE SPORTS

އުރީދޫއިން ބުނިގޮތުގައި ޔުނިކްސް ސްޕޯޓްސް އާއި އެކު ކުރިއަށްގެންދާ މި ދުވުން އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު ހުޅުމާލޭގައެވެ. މިފަދަ ދުވުންތައް ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން ހޯދާފައިވާއިރު، ރާއްޖޭގެ ގިނަ ދުވުންތެރިން ވަނީ އުރީދޫ ކަލަރ ރަން އަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

"މި ފޯރިގަދަ ރަން ދިވެހި ދުވުންތެރިންނާއި ހަމައަށް ގެނެސްދެވުމަކީ، އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް. ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރާއްޖޭގައި ދުވުންތެރިންގެ އަދަދު ދަނީ އިތުރުވަމުން. ދުވުމަކީ ގިނަ ގުނަ ފައިދާ ހިމެނޭ ކަމަކަށްވެފައި، މި ކަމަށް އިތުރު ހިއްވަރެއް ދިނުމުގެ ގޮތުން، އަޅުގަނޑުމެން މި ތައާރަފްކުރަނީ މި ދާއިރާ އަށް މުޅިން އައު އަދި ތަފާތު އިވެންޓެއް." އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވިއެވެ.

އުރީދޫ އިން ބުނީ ކަލަރ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށެވެ. ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ އިވެންޓެއް ކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫ ކަލަރ ރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރާނެއެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ ނޫނީ ނަށަމުންވެސް މި ދުވުން ނިންމިދާނެއެވެ.

7 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ވެސް، އެއްވެސް ފީ އަކާ ނުލާ މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި ކަލަރ ރަންގެ އޮފިޝަލް ޓީޝާޓާއި އެހެނިހެން ހަދިޔާތަށް ހިމެނޭ ކިޓެއްވެސް ގަންނަން ލިބޭއިރު މި ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން www.ooredoo.mv/ColorRun މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.

ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ އުރީދޫ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެ ކަމަށް އުރީދޫއިން ހާމަކުރެއެވެ.

ތަޖުރިބާކާރު ދުވުންތެރިންނާއި، ދުވުމަށް ޝައުގުވެރިވާ ބޭފުޅުން، އަދި އާއިލާ އާއި ރައްޓެހިންނާއި އެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވާ އެންމެހާ ބޭފުޅުންވެސް، އުރީދޫ ކަލަރ ރަން ގައި ބައިވެރިވުމަށް އެ ކުންފުނިން ވަނީ ގޮވާލާފައެވެ.

ADS BY SHEESHA

 

ADS BY ASTERS

Comments are closed.