މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ފްރާންސަށް މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗުގައި އޮސްޓްރޭލިއާ އަތުން މޮޅުވެވުނީ އުނދަގުލުންނެވެ. މުބާރާތުގައި ކުޅެންޖެހޭ ދެވަނަ މެޗުގައި މިރޭ ޕެރޫއާ ދެކޮޅަށް ފްރާންސް ނުކުންނައިރު، މި މެޗުން މޮޅުވެގެން ފްރާންސަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުކުރެވޭނެ އެވެ.

މެޗުގެ ކުރިން ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން ބުނީ ފުރަތަމަ މެޗުގައި ޓީމުގެ ފަރާތުން ފެނުނު ކުުޅުމަށް ބަލާއިރު، އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކުރުމަށް މުޅި ޓީމުން މަޝްވަރާކުރި ކަމަށެވެ. އަދި މިިރޭގެ މެޗުގައި ފްރާންސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދާނެ ކަމަށެވެ.

ޕެރޫ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ޑެންމާކް އަތުން ބަލިވެފަ އެވެ. މެޗުގައި ލިބުނު ޕެނަލްޓީއެއް ވެސް ބޭކާރުކޮށްލި ޕެރޫ އަށް މިރޭ ފްރާންސް އަތުން މޮޅެއް މުހިންމެވެ. އެކަމަކު މުބާރާތުގެ އެއް ފޭވަރިޓްގެ ގޮތުގައި އޮތް ފްރާންސް ބަލިކުރުމަކީ އެ ޓީމަށް ފަސޭހަކަަމަކަށް ނުވާނެ އެވެ. ޕެރޫ ރަނގަޅު ނަތީޖާއެއް ނެރިއްޖެ ނަމަ، މި ގުރޫޕްގެ ފޯރިގަދަވާނެ އެވެ.

މި މެޗަށް ނުކުންނައިރު، މި ދެ ޓީމަށް ވެސް އަނިޔާގެ މައްސަލައެއް ދިމައެއްނުވެ އެވެ. އެކަމަކު ދެ ޓީމުގެ ފުރަތަމަ 11 އަށް ވެސް ބަދަލުތަކެއް އަތުވެދާނެ އެެވެ. ޕެރޫގެ ކެޕްޓަން ޕައޮލޯ ގުއެރޭރޯ މިރޭގެ މެޗުގައި ފުރަތަމަ 11ގައި ފެނުމުގެ ފުރުސަތު ބޮޑެވެ.

ފްރާންސް އާއި ޕެރޫ މިހާތަނަށް ބައްދަލުކޮށްފައިވަނީ އެންމެ ފަހަރަކު އެވެ. ފްރާންސްގައި 1982 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗު 1-0 އިން ކާމިޔާބުކުރީ ޕެރޫ އެވެ.

ފްރާންސް:

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ފްރާންސް އެންމެ ފަހުން ކުޅުނު ހަތަރު މެޗުން ވެސް ބައްޔެއްނުވޭ.

ދެކުނު އެމެރިކާގެ ޓީމުތަކާ ދެކޮޅަށް ވޯލްޑް ކަޕްގައި ފްރާންސް އެންމެ ފަހުން ކުޅުނު ހަ މެޗުގައި ވެސް އެ ޓީމު ކޮޅަށް ލަނޑެއް ނުވަދޭ.

އާޖެންޓީނާ އަތުން 1978 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ފްރާންސް ބަލިވި ފަހުން، ދެކުނު އެމެރިކާގެ ޓީމަކަށް ވޯލްޑް ކަޕްގައި ފްރާންސް ބައްޔެއް ނުކުރެވޭ.

ޕެރޫ:

ވޯލްޑް ކަޕްގައި ޔޫރަޕްގެ ޤައުުމުތަކާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ވެސް ޕެރޫ އަށް މޮޅެއް ނުލިބޭ.

ވޯލްޑް ކަޕްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުން ވެސް ޕެރޫ އަށް މޮޅެއް ނުލިބޭ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ޕެރޫ ކުޅުނު ފުރަތަމަ މެޗުަގައި ޑެންމާކްގެ ގޯލަށް 17 ޝޮޮޓު ހެދި. އެކަމަކު އެ ޓީމު ވަނީ އެ މެޗުން 1-0 އިން ބަލިވެފަ.

އެނގޭތަ؟

ޕެރޫގެ ކެޕްޓަން ޕައޮލޯ ގުއެރޭރޯ މަނާ ބޭސް ބޭނުންކުރި މައްސަލައެއްގައި 14 މަސް ދުވަހަށް ފީފާ އިން ސަސްޕެންޑްކުރި ނަމަވެސް، ވޯލްޑް ކަޕްގައި ކުޅުމުގެ ފުރުސަތު އޭނާ އަށް ފީފާ އިން ދިނުމަށް އެދި ޕެރޫ މުބާރާތުގައި ހިމެނޭ ގުރޫޕްގައި ދެން އޮތް ފްރާންސް، އޮސްޓްރޭލިއާ އަދި ޑެންމާކްގެ ޓީމުގެ ކެޕްޓަނުން ފީފާ އަށް ސިޓީ ހުށަހެޅި އެވެ.