އެޑިންސަން ކަވާނީގެ ދެ ލަނޑާއެކު ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ރޭ ބޮލީވިއާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް އުރުގުއޭ ދަތުރުކޮށްފިއެވެ.

އުރުގުއޭ ހިމެނޭ ގްރޫޕް އޭގައި މި މެޗާއެކު ކުއާޓާފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ. މި ގްރޫޕުގެ އެއްވަނަ މަޤާމުގައި އޮވެ އާޖެންޓީނާ ދެވަނަބުރަށް ދިިޔައިރު ދެން ހިމެނޭ ޓީމުތަކަކީ ދެވަނަ ހޯދި ޕެރަގުއޭ އާއި ޗިލީ އަދި އުރުގުއޭ އެވެ. މިއާއެކު ބޮލީވިއާ ވަނީ މުބާރާތުން ކަޓާފައެވެ.

މި މެޗުގައި އުރުގުއޭގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެންގޮސްފައެވެ. އުރުގުއޭ މޮޅުވި މި މެޗުގައި އެ ޓީމުގެ ފުރަތަަމަ ލަނޑަކީ ބޮލީވިއާ ކުޅުންތެރިން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގެ 40 ވަނަ މިނެޓުގައި މި ލަނޑު ވަދެފައިވަނީ އުރުގުއޭގެ ހުރަހެެއް މަތަކުރަން އުޅުމުގެ ތެރޭގައި ބޮލީވިއާގެ ކީޕަރުގެ އަތުގައި ޖެހިފައެވެ.

ކަވާނީގެ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. ފަކުންޑޯ ޓޮރޭޒް ނަގައިދިން ހުރަހަކުން މި ލަނޑު ކަވާނީ ޖަހާފައިވަނީ މެޗުގެ 79 ވަނަ މިނެޓުގައެވެ. މިއީ ގައުމީ ޓީމަށް ކަވާނީ ޖަހައިދިން 52 ވަނަ ލަނޑެވެ.

މިހާރު މަގާމުތައް އޮތްގޮތަށް ބަލާއިރު އުރުގުއޭ ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގެ އެއްވަނައިގައި އޮތް ބްރެޒިލް އާއެވެ. މި ގްރޫޕުގެ މަގާމުތައް ފައިނަލްވާނީ މި ގްރޫޕުގެ ބާކީ ދެ މެޗު ނިމުމުންނެވެ.

މުބާރާތް ކުރިޔަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ ބްރެޒިލް އާއި ކޮލަމްބިއާ އާއި އެކުއެޑޯ އަދި ވެނެޒުއޭލާގެ އިތުރުން ޕެރޫ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އާޖެންޓީނާ އާއި ބޮލީވިއާގެ އިތުރުން ޗިލީ އާއި ޕެރަގުއޭ އަދި އުރުގުއޭ އެވެ. މި މުބާރާތް ކުރިޔަށްދާނީ އަންނަ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.