ވޯލްޑް ކަޕްގައި މިއަދު ހަވީރު ޑެންމާކް އާއި އޮސްޓްރޭލިއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެ ޓީމު މުބާރާތުގައި މިހާތަނަށް ދެ މެޗު ކުޅެފައިވާއިރު ޑެންމާކަށް އޮތީ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައެވެ. ޑެންމާކަށް ވުރެ އެއް މެޗު މަދުން ކުޅެ ގްރޫޕްގެ ދެވަނައިގައި ތިން ޕޮއިންޓާއެކު ފްރާންސް އޮތްއިރު އޮސްޓްރޭލިއާ އޮތީ އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިންވަނައިގައެވެ. ގްރޫޕްގެ ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޕެރޫއެވެ.

މި ގްރޫޕްގައި މިރޭ ފްރާންސް އާއި ޕެރޫ ބައްދަލުކުރާނެއެވެ.

ގޯލަށްފަހު އެރިކްސަން އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ހަތްވަނަ މިނެޓްގައި ޔޯގެންސަން ދިން ޕާހަކުން ކްރިސްޓިއަން އެރިކްސަން ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ޑެންމާކަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. އެރިކްސަން މި ގޯލު ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

އަދި މެޗުގެ 24 ވަނަ މިނެޓްގައި ޑެންމާކުގެ ފޯވާޑް ޔޯގެންސަން އަށް ލީޑު ފުޅާކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ބޮލުން ފޮނުވާލި އެ ހަމަލާ ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ.

ލީޑު ފުޅާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ޑެންމާކަށް ނުހިފުނުއިރު މެޗުގެ 38 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޔެޑިނަކް ވަނީ އޮސްޓްރޭލިއާ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ޕެނަލްޓީ އޮސްޓްރޭލިއާ އަށް ލިބުނީ ޑެންމާކުގެ ކުޅުންތެރިއަކު އެޓީމުގެ ޕެނަލްޓީއޭރިއާ ތެރެއިން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

ޔެޑިނަކް ޕެނަލްޓީ ކާމިޔާބުކުރަނީ - ފޮޓޯ: އޭއެފްޕީ

މެޗުގެ ދެވަނަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އޮސްޓްރޭލިއާގެ މޫއި އަދި އަރްޒާނީއަށެވެ. އެގޮތުން ޑެންމާކުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ މޫއި ފޮނުވާލި ބާރު ހަމަލާ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންދިޔައިރު އަރްޒާނީ ފޮނުވާލި ހަމަލާ ދިފާއުކުރީ ޑެންމާކުގެ ކީޕަރު ޝްމައިކަލްއެވެ.

މިއީ އޮސްޓްރޭލިއާ އާއި ޑެންމާކު ބައްދަލުކުރި ހަތަރުވަނަ ފަހަރު ކަމަށްވާއިރު މިއީ މި ދެ ޓީމު ބައްދަލުކުރި މެޗެއް އެއްވަރުވި ފުރަތަމަ ފަހަރެވެ. މީގެއިތުރުން ވޯލްޑް ކަޕްގައި އޮސްޓްރޭލިއާ އިން އެންމެފަހުން ކުޅުނު ފަސް މެޗުންވެސް އެޓީމަށް މޮޅެއް ހޯދިފައިނުވާކަން ވެސް ފާހަގަކޮށްލެވެއެވެ.

ގްރޫޕް ސްޓޭޖުގައި މި ދެ ޓީމަށް ވެސް ބާކީ ދެން އޮތީ އެންމެ މެޗެކެވެ. އެގޮތުން ގްރޫޕްގެ ފަހު މެޗުގައި ޑެންމާކް ނިކުންނާނީ ފްރާންސްއާ ދެކޮޅަށެވެ. އޮސްޓްރޭލިއާ ބައްދަލުކުރާނީ ޕެރޫއާއެވެ.