ޕެރޫގެ މައްޗަށް 0-1 އިން ކުރި ހޯދައި ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ފްރާންސް ދަތުރުކޮށްފިއެވެ.

މިރޭގެ މޮޅާއެކު ފްރާންސް އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތަރު ޕޮއިންޓާއެކު ޑެންމާކް އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ އޮސްޓްރޭލިއާއެވެ. މިރޭގެ މެޗުން ބަލިވެ މުބާރާތުން ކެޓި ޕެރޫ އޮތީ ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައެވެ. މި ގްރޫޕްގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި އެއް މެޗު އެބައޮތެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ފްރާންސް އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ކުރީކޮޅު އެޓީމުން ވަނީ ޕެރޫގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފައެވެ. އެގޮތުން ޕެރޫގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ގްރިޒްމަން ފޮނުވާލި ހަމަލާ ގޯލާ އަމާޒުނުވެ ބޭރަށް ދިޔައިރު ޕޮގްބާ އާއި ވަރާން ފޮނުވާލި ހަމަލާތަށް ދިޔައީ ޕެރޫގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފްރާންސްގެ ގޯލު އެމްބާޕޭ ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ފުރުސަތުތަކުގެ ބޭނުން ނުހިފުނު ނަމަވެސް މެޗުގެ 34 ވަނަ މިނެޓްގައި ކިލިއަން އެމްބާޕޭ ވަނީ ފްރާންސް އަށް ލީޑު ނަގާދީފައެވެ. އުމުރުން 19 އަހަރުގެ އެމްބާޕޭ ކާމިޔާބުކުރި މި ގޯލާއެކު އޭނާ ވެގެން ގޮސްފައިވަނީ ވޯލްޑް ކަޕެއްގައި ފްރާންސް އަށް ގޯލެއް ކާމިޔާބުކޮށްދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

ފްރާންސްގެ ލީޑު ފުޅާކޮށްލަން މެޗުގެ 43 ވަނަ މިނެޓްގައި ލޫކަސް ހަނާންޑޭޒް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ޕެރޫގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ. މި ހާފުގައި ޕެރޫ އަށް ގޯލެއް ކާމިޔާބުކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ގުރޭރޯއަށެވެ. ނަމަވެސް ފްރާންސްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ޕެރޫ އިން ކުޅުން ރަނގަޅުކުރިއިރު އެޓީމުން ދިޔައީ މި ހާފުގައި ފްރާންސްގެ ގޯލަށް ވެސް ނުރައްކާ ކުރަމުންނެވެ. އެގޮތުން ފްރާންސްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފާފާން ފޮނުވާލި ހަމަލާ އެއް ފްރާންސްގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއެވެ. މީގެއިތުރުން ވެސް ޕެރޫ އިން ވަނީ ދުރުން ދެ ހަމަލާއެއް ފްރާންސްގެ ގޯލަށް ފޮނުވާލާފައެވެ.

ޕެރޫ އާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ހާފުގައި ފްރާންސްގެ ޑެމްބެލޭ އަށް ލީޑު ފުޅާކޮށްލަން ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ޕެރޫގެ މައްޗަށް ފްރާންސް އިން ކުރި ހޯދިއިރު ވޯލްޑް ކަޕްގައި ސައުތް އެމެރިކާގެ ޓީމުތަކާއި ދެކޮޅަށް ކުޅެ ފްރާންސް އަދި މިހާތަނަށް މެޗަކުން ބަލިވެފައިނުވާކަން ފާހަގަކޮށްލެއެވެ. ވޯލްޑް ކަޕްގައި ފްރާންސް އިން ވަނީ މިހާތަނަށް ސައުތް އެމެރިކާގެ ޓީމުތަކާއި އަށް ފަހަރެއްގެ މަތިން ބައްދަލުކޮށްފައެވެ.

މި މެޗުން ބަލިވެ ޕެރޫ މުބާރާތުން ކެޓިއިރު ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު އަށް މެޗުން ވެސް ޕެރޫ އަށް މޮޅެއް ހޯދިފައެއް ނުވެއެވެ.

މި ގްރޫޕްގެ ފަހު މެޗުގައި ފްރާންސް އިން ނިކުންނާނީ ޑެންމާކްއާ ދެކޮޅަށެވެ. އަދި ޕެރޫ ނިކުންނާނީ އޮސްޓްރޭލިއާއާ ދެކޮޅަށެވެ.