ޔޫރޯ 2020 އާއި އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް މި މުބާރާތަކީ ރޮނާލްޑޯއަށް ހާއްސަ މުބާރާތަކަށްވާނެ އެވެ. އެތަކެއް ރެކޯޑުތަކެއް މުގުރާލާ، ދުނިޔޭގެ ރެކޯޑުތަކާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުން މިއީ އާދައިގެ ކުޅުންތެރިއަކަށް ވާނެ ކަންކަމެއް ނޫނެވެ. އުމުރުން 36 އަަހަރުވެފައިވާ ކުޅުންތެރިޔާއަށް މިއީ އޭނާގެ އެންމެ ފަހު ޔޫރޯއަށް ވުން ގާތެވެ. ނަމަވެސް އޭނާ ފުޓުބޯޅަ ކެރިއަރު ނިންމާލަން އަދި ބޭނުމެއް ނުވެއެވެ.

އާންމުގޮތެއްގައި 30 އަހަރުން މަތިވާއިރަށް ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންތެރިން ކުޅުން ހުއްޓާލަން ވިސްނައެވެ. އަނެއްބައި ކުޅުންތެރިން ބަލަނީ ވީހާވެސް ގިނަ ދުވަހެއް ވަންދެން ކުޅެން ތިބުމަށެވެ. ނަމަވެސް ގިނަ ކުޅުންތެރިންނަށް އެ ފޯމު އެއްހަމައެއްގައި ނުހިފެހެއްޓި ދެން ޖެހެނީ ކެރިއަރު ނިންމާލާށެވެ.

އެ ހުރިހާ ކުޅުންތެރިންނާއި ރޮނާލްޑޯ ހާސްބައި ތަފާތެވެ. އުމުރުގެ ގޮތުން ބަލާއިރު އޭނާގެ މަސައްކަތު ރޭޓު އެހެން ކުޅުންތެރިންނާއި އަޅާބަލާއިރު ބޮޑުތަން ރަނގަޅެވެ. ހަށިގަނޑަށް ބަލާއިރުވެސް އޭނާގެ ކެރިއަރަށް ފޯކަސްކުރާ މިންވަރު ހާމަވެގެންދެއެވެ. އުމުރުން ޅަ އެހެން ކުޅުންތެރިންނަށްވުރެ އޭނާގެ ބުންވަރު އަދިވެސް ރަނގަޅެވެ.

އެއާއެކު އެންމެންވެސް މިހާރު ކުރާ އެންމެ ބޮޑު ސުވާލަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ މި ހަށިހެޔޮ ދިރިއުޅުމާއި ކާމިޔާބު ކެރިއަރުގެ ސިއްރަކީ ކޮބައިބާވައެވެ. އެ ހަށިގަނޑުގެ "ސިކްސް ޕެކްސް" ފަނޑުނުވެ އަދިވެސް އުމުރުގެ ހަށިގަނޑު ހުރިގޮތާއި އެއްގޮތަށް ހުރީ ކިހިނެއްބާއެވެ. މި ހުރިހާ ސުވާލެއްގެ ޖަވާބު ފަށަނީ ރޮނާލްޑޯގެ ޑައިޓް ޕްލޭނުންނެވެ. ނުވަތަ ކެއުމުގެ ކަންކަން ބައްޓަންކުރާ ގޮތުގެ މައްޗަށެވެ. އޭނާގެ ކެރިއަރުގައި ހޭދަކުރި 18 އަހަރުގެ ތެރޭގައި އެއްހަމައެއްގައި ހިފެހެއްޓީ ކިހިނެއްބާއެވެ.

ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ

ރޮނާލްޑޯ ހަރުކަށި ޑައިޓް ޕްލޭނެއް ގެންގުޅޭކަން ޔޫރޯ 2020 ގެ ތެރެއިން ފާހަގަވާނެ އެވެ. ޕްރެސް ކޮންފަރެންސްގެ މޭޒުމަތީގައި ހުރި ދެ ކޯކު ފުޅި ދުރަށްލުމަށްފަހު ފެންފުޅި ބެހެއްޓުން ވެގެންދިޔައީ އެހެން ކުޅުންތެރިންވެސް އޭނާ ފަހަތުން އެކަން "ކޮޕީ" ކުރަން ފެށި ކަމަކަށެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެތްލީޓުންވެސް މިކަން ނަމޫނާއަކަށް ބަލައިން މަސައްކަތްކުރި ތަނެވެ. އެއާއެކު ކޮކާކޯލާ ކުންފުންޏަް 4 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިފައިވެއެވެ. މި އަދި ރޮނާލްޑޯގެ ޑައިޓް ޕްލޭނުގެ ކުޑަ މިންވަރެކެވެ. ނުވަތަ ކޯރެއްގެ ކޯވަރެކެވެ.

މޭޒުމަތީ ބަހައްޓާފައިހުރި ދެ ކޯކު ފުޅި ރޮނާލްޑޯ ނަގަނީ

އިނގިރޭސި ކުލަބް މެންޗެސްޓަރ ޔުނައިޓެޑުން ފެށިގެން އޭނާއާއި އެކު އުޅުނު ކުޅުންތެރިންގެ ވާހަކަތަކުން ވެސް ރޮނާލްޑޯގެ ޑައިޓް ޕްލޭނަކީ އޭނާ ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން އަންނަ ކަމެކެވެ. މިހާރު އިޓަލީގެ ޔުވެންޓަސްއަށް ކުޅެމުން އަންނަ ރޮނާލްޑޯއާއެކު އެ ޓީމުގައި ހިމެނުމަށްފަހު މިހާރު އިޓަލީ ލީގުގެ ކަލިއާރީ އަށް ބަދަލުވި ޑޯޑާ ޕީޓާސް ގާތުގައި ރޮނާލްޑޯގެ ކާމިޔާބީގެ ސިއްރަކީ ކޮބައިހޭ އެހުމުން ދިނީ ކުރު އެހެނަސް ބޮޑު ޖަވާބެކެވެ.

"އޭނަ އަބަދުވެސް ކާނެ ބްރޮކޮލީ، ކުކުޅު، ބަތް. އެ ނުކާ ފަހަރެއް ވަރަށް މަދުވާނެ، ކިތަންމެ މީރު އެއްޗެއް ހުއްޓަސް އެއާ ދުރުވާނެ، އެ ޑައިޓަށް އަސަރުކުރާނެ އެއްވެސް ކަމެއް އޭނަ ނުކުރާނެ، ޓީމުގެ އެހެން ކުޅުންތެރިން ކައިރިވެސް ބުނާނެ ރަނގަޅު ކެއުން ކާން" އޭނާ ބުންޏެވެ.

މީގެއިތުރުން އަބަދުވެސް ފެން ބުއިމަކީ ރޮނާލްޑޯގެ އާދައެވެ. އަދި ފިޒީ ޑްރިންކް ނުވަތަ ފިނި ބުއިންތަކާއި އޭނާ ވަރަށް ދުރެވެ. ފެން ބޯއިރު ވަރަށް ގިނައިން އޭނާ ފެން ބޯކަމަށް އުމުރުން 22 އަހަރުގެ ޑޯޑާ ބުންޏެވެ.

ރޮނާލްޑޯ ސިފަވެގެންދަނީ ވަރަށް މަސައްކަތު ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އަރަމުން އަންނަ ކުޅުންތެރިންނަށް ނަމޫނާ ދައްކާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އޭގެ ހެއްކެއްގެ ގޮތުން މިފަހަރުގެ ޔޫރޯގައި ރޮނާލްޑޯ މުގުރާލާފައިވާ ރެކޯޑުތަކުން ވެސް ފުދެއެވެ.

ރޮނާލްޑޯ ވެގެންގޮސްފައިވަނީ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައެވެ. އަދި ޕޯޗުގަލް ގައުމީ ޓީމާއެކު ޔޫރޯގެ ފައިނަލް ބުރުގައި ފަސް ފަހަރު ކުޅެފައިވާ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ރޮނާލްޑޯ ވަނީ ހޯދާފައެވެ. މި އަދަދަަށް ޔޫރަޕުގެ އެހެން އެއްވެސް ކުޅުންތެރިއަކަށް ޔޫރޯ ނުކުޅެވެއެވެ.

މީގެއިތުރުން ރޮނާލްޑޯ ވަނީ ޕޯޗުގަލް ގައުމީ ޓީމާއެކު ދުނިޔޭގެ ފުޓުބޯޅައިގެ ރެކޯޑުތަކެއްވެސް ގާއިމުކޮށްފައެވެ. އުމުރުން 36 އަހަރާއި 130 ދުވަހުން ރޮނާލްޑޯ ހަންގޭރީއާއި ދެކޮޅަށް ކުޅުނު ޖެހި ލަނޑާއެކު އޭނާ ވެފައިވަނީ ޕޯޗުގަލް ގައުމީ ޓީމަށް ލަނޑުޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައެވެ. މި ރެކޯޑު ކުރިން އޮތީ 2018 ގެ ވޯލްޑްކަޕުގައި ވާދަކުރި ޕެޕޭގެ އަތުގައެވެ. އޭރު އޭނާގެ އުމުރަކީ 35 އަހަރާއި 124 ދުވަހެވެ

ޔޫރޯގެ ތާރީހުގައި އެއް މެޗެއްގައި ދެ ލަނޑު ކާމިޔާބުކޮށްދިން އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ޝަރަފުވެސް ރޮނާލްޑޯ ވަނީ މިފަހަރުގެ ޔޫރޯގައި ހޯދާފައެވެ. މި ރެކޯޑު ކުރިން އޮތީ ޔޫކްރެއިންގެ ލެޖެންޑް އަންދްރޭ ޝެވްޗެންކޯ އަތުގައެވެ. އެއީ އުމުރުން 35 އަހަރާއި 256 ދުވަހު ޖެހި ލަނޑުތަކާއެކު އެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ

އެންމެ ބޮޑު ރެކޯޑެއްގެ ގޮތުގައި ފާހަގަކުރެވެނީ ދުނިޔޭގެ ތާރީހުގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްފައިވާ އީރާާނުގެ އަލީ ދާއީ ހަދާފައިވާ ރެކޯޑާއި ރޮނާލްޑޯ ހަމަކުރުމެވެ.

ރޮނާލްޑޯގެ ވާހަކަތަކުން އަދިވެސް އޭނާ އިތުރު ރެކޯޑުތަކެއް ހަދަން ބޭނުންވެއެވެ. އަދި އެވަރަށް ކުޅެވޭވަރަށް ހަށިގަނޑު ތައްޔާރުކަމަށާއި ރިޓަޔާވުމުގެ ވިސްނުން ގެންގުޅޭނީ ހަށިގަނޑަށް ނުކަތާވަރު ވީމަ ކަމަށްވެސް އޭނާ މީގެކުރިން ބުނެފައިވެއެވެ. އެހެންކަމުން ރޮނާލްޑޯގެ ވިދުން އަދިވެސް ފަނޑުވާން ކައިރިވެސް ނުވެއެވެ. މި ހުރިހާ ކަމެއްގެ ސިއްރަކީ ދުޅަހެޔޮ ސިއްހަތެވެ. ފައިދާހުރި ކާނާ ކެއުމެވެ. ބުރަކޮށް މަސައްކަތް ކުރުމެވެ. މިއީ އަދުގެ ޖީލަށްވެސް ދައްކާ ނަމޫނާއެކެވެ. އަދި މުސްތަގްބަލުގެ ފުޓުބޯޅަ ތަރިންވެސް ބަލައިގަންނަންޖެހޭ ވަރުގެ ކަމެކެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ގަރުދިޔަޔާ ތެލުލިފަތާ ކާނަމަ ތިޔަށްވުރެ ގިނައިން ލަނޑުޖެހުނީސް

    10
    3
  2. ރޫނީ

    ބަލަ 45 ވާ އިރު ވެސް މީހާ ޒުވާން! ރޮނާލްޑޯ ވެސް ކިހާ ޅަ ކޮށް ފެންނަނީ! ފުޓްބޯލް މީހުން ނުލުޅެނީ އެހާތަނަށް ދިޔުމުން! އޭ އެމީހެއްގެ ފިޓްނަސް ލެވެލް ހުންނަގޮތަކުން ނޫނީ ލައިފް ސްޓައިލް ހުންނަ ގޮތަކުން ނިންމާ ނިންމުމެއް!

    14