ޔޫރޯ 2020 ގެ ދެވަނަބުރުގެ ފުރަތަމަ މެޗުގައި ޑެންމާކްގެ ޑޮލްބާޑް ކާމިޔާބުކުރި ދެ ލަނޑާއެކު ވޭލްސް ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް ޑެންމާކް ހޯދައިފިއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ޑެންމާކް ބައްދަލުކުރަން ޖެހޭނީ މާދަމާ ރޭ ނެދަލޭންޑްސް އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. ވޭލްސް އަކީ 2016 ވަނަ އަހަރުގެ މުބާރާތުގައި ކުއާޓާފައިނަލުގައި ވާދަކުރި ޓީމެކެވެ. މިފަހަރުގެ މުބާރާތުގައި އެ ޓީމަށް މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ.

ނެދަލޭންޑްސްގެ އެމްސްޓަޑަމްގެ ޔޯހަން ކްރައިފް އެރީނާގައި ކުޅުނު މި މެޗުގައި ޑެންމާކްގެ ފަރާތުން މޮޅު ކުޅުމެއް ފެނިފައިވެއެވެ. މި ހާފުގައި ޑެންމާކް އިން ބޮޑަށް ނުރައްކާކުރި ނަމަވެސް ވޭލްސް ވެސް ދިޔައީ ލިބުނު ފުރުސަތުތަކުގައި ނުރައްކާކުރަމުންނެވެ. ހާއްސަކޮށް ބޭލް އަށް މި ހާފުގައި ލިބުނު ދެ ފުރުސަަތު ފާހަގަކޮށްލެވެއެވެ.

ކައިރި ކައިރީގައި ލިބުނު ފުރުސަތުތަކުން ޑެންމާާކް ލީޑު ނަގާފައިވަނީ މެޗުގެ 27 ވަނަ މިނެޓުގައެވެ. ޑޮލްބާގް މި ލަނޑު ކާމިޔާބުކުރި އިރު އޭނާ މި ލަނޑު ކާމިޔާބުކޮށްފައިވަނީ ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ގޯލުގެ ކަނަށް އަމާޒުކޮށްގެންނެވެ. މި ބޯޅަ ޖެހިއިރު ކުރިމަތީގައި އޮފްސައިޑު މަގާމުގައި ބްރައިތްވެއިޓް ހުއްޓެވެ.

މި ލަނޑަށްފަހު ވެސް ގިނަ ފުރުސަތު ތަނަވަސްކޮށްފައިވަނީ ޑެންމާކް އެވެ. ހާއްސަކޮށް މިފަހަރުގެ ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑެމްސްގާޑްގެ ކުޅުން ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ ޑެންމާކެވެ. މި ހާފު ފެށިގެން ތިން މިނެޓުފަހުން އެ ޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އޭރިއާ ތެރެއިން މި ލަނޑު ޖެހީ ފުރަތަމަ ލަނޑުވެސް ޖެހި ޑޮލްބާގް އެވެ. މިއީ ވޭލްސްގެ ނިކޯ ވިލިއަމްސްއަށް ރަނގަޅަށް ބޯޅަ ދިފާއުނުކުރެވުމުގެ ފައިސާ ނަގައި ބްރައިތްވެއިޓް ދިން ބޯޅައަކުން ޑޮލްބާގް ކާމިޔާބުކުރި ލަނޑެކެވެ.

ޑެންމާކް އާއި ވޭލްސް ކުޅުނު މެޗުގެ ތެރެއިން

ޑެންމާކްގެ ދެވަނަ ލަނޑަށްފަހު ވޭލްސް އިން މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަންނަން މަސައްކަތްކުރި އެވެ. ހާއްސަކޮށް ބޭލް އަދި ރެމްސީގެ ދައުރު ބޮޑުކޮށް އިތުރަށް ނުރައްކާކުރަން މަަސައްކަތްކުރި ނަމަވެސް ޑެންމާކްގެ ޑިފެންސްލަައިން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ޑެންމާކްއިން ވަނީ ތިންވަނަ ލަނޑު ޖަހާފައެވެ. މައެލާ މި ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއަށް ޖެންސެން ދިން ބޯޅައަކުންނެވެ. ފުރިހަމަ ވަގުތުގެ ކުޅުން ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ބްރައިތްވެއިޓް ވަނީ ޑެންމާކްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޮފްސައިޑު ލަނޑެއްކަމަށް ބެލެވުނު ނަމަވެސް ވީއޭއާރު ނިންމީ އެއީ ލަނޑެއް ކަމަށެވެ.

ޑެެންމާކް އަކީ 1992 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމެވެ. މީގެއިތުރުން 1984 ވަނަ އަހަރުގެ ޔޫރޯގެ ސެމީފައިނަލަށް ވެސް ދަތުރުކޮށްފައިވެއެވެ. އަދި 2004 ގެ ޔޫރޯގެ ކުއާޓާފައިނަލަށް ވެސް ދަތުރުކޮށްފައިވެއެވެ.

މިފަހަރުގެ މުބާރާތަކީ ނަފްސާނީ ގޮތުން ޑެންމާކްއަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހުނު މުބާރާތެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އެ ޓީމުގެ ތަރި ކްރިސްޓިއަން އެރިކްސަން ހިތް ހުއްޓިގެން ދަނޑުމައްޗަށް ވެއްޓި ފަރުވާދިން ވަގުތަކީ ޓީމު މުޅިން ނަފްސާނީގޮތުން ބަލިކަށިވި ކަމަކަށެވެ.

ފިންލޭންޑާއި ދެކޮޅަށް އެ ދުވަހު ކުޅުނު މެޗުންވެސް ޑެންމާކް ވަނީ ބަލިވެފައެވެ. ނަމަވެސް ހިތްވަރު އެލުވާނުލާ ޓީމުގެ ކުޅުންތެރިން ވަނީ ވަރަށް މަސައްކަތްކޮށްފައެވެ. މި ގްރޫޕުން ކުޅުނު ދެ މެޗުން ބަލިވި ނަމަވެސް ޑެންމާކް ދެވަނަބުރަށް ދިޔައީ ގްރޫޕުގެ ފަހު މެޗުގައި ރަޝިޔާ ބަލިކޮށްގެންނެެވެ.