0-3 އިން އާޖެންޓީނާ ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ދެވަނަ ބުރަށް ކްރޮއޭޝިއާ ދަތުރުކޮށްފިއެވެ.

މި މޮޅާއެކު މިހާތަނަށް ކުޅުނު ދެ މެޗުން މޮޅުވެ ލިބުނު ހަ ޕޮއިންޓާއެކު ކްރޮއޭޝިއާ އޮތީ ގްރޫޕް ޑީގެ އެއްވަނައިގައެވެ. ދެވަނައިގައި ކްރޮއޭޝިއާ އަށް ވުރެ އެއް މެޗު މަދުން ކުޅެ އެއް ޕޮއިންޓާއެކު އައިސްލޭންޑް އޮތްއިރު ތިންވަނައިގައި އޮތް އާޖެންޓީނާ އަށް ވެސް ލިބިފައިވަނީ އެންމެ ޕޮއިންޓެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ނައިޖީރިޔާއެވެ. މި ގްރޫޕްގައި ބާކީ އަދި އެއް މެޗު ކޮންމެ ޓީމަކަށްވެސް އެބައޮތެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ދެ ޓީމަށްވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ކްރޮއޭޝިއާގެ ޕެރިސިޗް މެޗުގެ ކުރީކޮޅު ފޮނުވާލި ހަމަލާ އާޖެންޓީނާގެ ކީޕަރު ކަބަލޭރޯ ދިފާއުކުރިއިރު އާޖެންޓީނާ ޕެނަލްޓީއޭރިއާ ތެރޭ މުޅިން ހުހަށް ހުރެ މަންޒުކިޗް ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

މި ހާފުގައި ގޯލެއް ކާމިޔާބުކުރަން އާޖެންޓީނާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެންޒޯ ޕެރޭޒް އަށެވެ. ނަމަވެސް ކްރޮއޭޝިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުހަށް ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގެ 53 ވަނަ މިނެޓްގައި ކްރޮއޭޝިއާ އިން ވަނީ ލީޑު ނަގާފައެވެ. އާޖެންޓީނާގެ ކީޕަރު ކަބަލޭރޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ކްރޮއޭޝިއާ އަށް ކާމިޔާބުކޮށްދިނީ ރެބިޗްއެވެ. ކްރޮއޭޝިއާގެ ފަރާތުން މި ހާފުގައި ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އާޖެންޓީނާ އަށް ނަތީޖާ އެއްވަރުކޮށްލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޒާ އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ސުބަސިޗް ވަނީ ދިފާއުކޮށްފައެވެ.

ކްރޮއޭޝިއާ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ގޯލު މެޗު 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ލޫކާ މޮޑްރިޗްއެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ އާޖެންޓީނާގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ ގޯލު ކޮވަސިޗް ދިން ޕާހަކުން މެޗުގެ ފަހުވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ އިވާން ރަކިޓިޗްއެވެ.

އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އޭއެފްޕީ

ތިން ގޯލުގެ ތަފާތަކުން އާޖެންޓީނާ މިރޭ ބަލިވިއިރު މިއީ 1958 ވަނަ އަހަރަށްފަހު ވޯލްޑް ކަޕެއްގެ ގްރޫޕް ސްޓޭޖު މެޗަކުން އާޖެންޓީނާ މިހާ ތަފާތު ބޮޑުކޮށް ބަލިވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. އަނެއްކޮޅުން މިއީ 1974 ވަނަ އަހަރަށްފަހު ވޯލްޑް ކަޕްގައި ކުޅުނު ފުރަތަމަ ދެ މެޗުން އާޖެންޓީނާ އަށް މޮޅު ނުވެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

ކްރޮއޭޝިއާ ދެވަނަ ބުރަށް ދަތުރުކުރިއިރު މިއީ 1998 ވަނަ އަހަރަށްފަހު މުބާރާތުގެ ދެވަނަ ބުރަށް އެޓީމު ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ދެވަނަ ބުރުގެ އުއްމީދު އާޖެންޓީނާ އަށް ކުޑަވެފައިވާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެޓީމު ނިކުންނާނީ ނައިޖީރިޔާއާ ދެކޮޅަށެވެ. އަދި ކްރޮއޭޝިއާ ބައްދަލުކުރާނީ އައިސްލޭންޑާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. 3ނިރު

    ކޮބާ މޮޅު މެސީ އޭނާ ކުޅުނުތަ؟

  2. ފައުޒީ

    ސޯ ސޭޑް..މެސްޑް ބައި މެސީ..ހެހެހެ.

  3. ރަށްދު

    ރޮނާޑޯ އަކީ މޮޅިމީހެއް އޭނާކޮންމެ ޓީމަކާއެއްކޮން ކުޅުނަސް ތަފާތު ދައްކަ