ޔޫރޯ 2020 ގެ ދެވަނަބުރުގެ އެންމެ ވަރުގަދަ އެއް ކުރިމަތިލުމަކީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް އާއި ރަނގަޅު ފޯމެއްގައި އޮތް ބެލްޖިއަމް ބައްދަލުކުރާ މެޗެވެ. ދެ ޓީމުގެ ކުޅުންތެރިންނަށް ބެލި ނަމަވެސް މިއީ އާދައިގެ މެޗެއްގެ ގޮތުގައި ނުބެލެވޭނެ އެވެ. ކޮންމެ ޑިޕާޓްމެންޓް އެއްގައި ވެސް ތަފާތު ދައްކާ، އަދި ނަތީޖާ ކޮންމެފަދަ ވަގުތެއްގައި ވެސް ބަދަލުކުރެވޭ ފެންވަރުގެ ކުޅުންތެރިން އެބަތިއްބެވެ.

މުބާރާތުގެ ދެވަނަބުރުގެ ޖާގައެއް ޕޯޗުގަލް ހޯދާފައިވަނީ ވަރުގަދަ ޓީމުތައް ހިމެނުނު ގްރޫޕް އެފްގެ ތިންވަނަ ޓީމުގެ ގޮތުގައެވެ. ދެވަނަބުރު ކަށަވަރުވީ ތިންވަނަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރެގެންނެވެ. ޕޯޗުގަލް ކުޅުނު ތިން މެޗުގެ ތެރެއިން މޮޅުވީ ހަންގޭރީ އަތުން އެކަންޏެވެ. ޖަރުމަނު އަތުން ބަލިވިއިރު ފްރާންސް އަތުން ނިމުނީ އެއްވަރުވެގެންނެވެ.

ބެލްޖިއަމް ދެވަނަބުރަށް ދިޔައީ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އެ ޓީމު ގްރޫޕުގައި ކުޅުނު ތިން މެޗުންވެސް ވަނީ މޮޅުވެފައެވެ. ރަޝިޔާ ޑެންމާކް އަދި ފިންލޭންޑް އަތުން އެ ޓީމު މޮޅުވީ ފަސޭހަކަމާއެކު އެވެ.

ދެ ޓީމުގައިވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ޕޯޗުގަލްއަށް ބަލާއިރު އެ ޓީމުގައި ޔޫރޯގެ ތާރީހުގައި އަދި ދުނިޔޭގެ ފުޓުބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އާއި އެއްވަރުކޮށްފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯ ހިމެނޭއިރު އަނެއްކޮޅުން ބެލްޖިއަމް ގައި ހުރީ މި މުބާރާތުގައި ވެސް އެންމެ ރަނގަޅު ފޯމެއްގައި ހުރި އެއް ފޯވާޑް ކަމަށްވާ ރޮމެލޫ ލުކާކޫ އެވެ.

މި ދެ ޓީމު މިހާތަނަށް 17 ފަހަރު ވަނީ ބައްދަލުކޮށްފައެވެ. މީގެތެރެއިން ޕޯޗުގަލް ވަނީ ހަ ފަހަރު މޮޅުވެފައެވެ. އަދި ބެލްޖިއަމް ވަނީ ފަސް ފަހަރު މޮޅުވެފައެވެ. ހަތް ފަހަރު ނިމުނީ އެއްވަރުވެގެންނެވެ.

މެޗުގެ ކުރިން ދެ ކޯޗުންގެ ބަސް

ފެނާންޑޯ ސަންޓޯސް (ޕޯޗުގަލް)

އެންމެފަހުގެ ޗެމްޕިއަނުންގެ ގޮތުގައި ކުރިމަތިލާއިރު ބެލްޖިއަމް އަކީ މިވަގުތު ދުނިޔޭގެ އެއްވަނަ ޓީމުކަމާއި މިއީ ބެލްޖިއަމްގެ ތާޜީހުގައި ވެސް ފެނިގެންދާ އެންމެ ވަރުގަދަ ޓީމުގެ ގޮތުގައި ކޯޗު ސިފަކުރިއެވެ. ހާއްސަކޮށް ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންތަކެއް އެ ޓީމުގައި ތިބުމަކީ އެ ޓީމު އިތުރަށް ވަރުގަދަވާ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ. އެހެންކަމުން މި މެޗާއި ކުރިމަތިލާއިރު ތަފާތު އެކި ގޮތްގޮތް ބަލަންޖެހޭ ކަމަށާއި ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން ޖެހިދާނެ ކަމަށެވެ.

ރޮބާޓޯ މާޓިނޭޒް (ބެލްޖިއަމް)

މި މުބާރާތުގެ އެއް ފެވަރިޓާއި ދެކޮޅަށް ދެވަނަބުރުގައި ކުޅެން ޖެހުމަކީ ފައިނަލެއްގައި ކުޅުން ކަހަލަ ކަމެއްގެ ގޮތުގައި ކޯޗު ބުނެއެވެ. އަދި ޕޯޗުގަލްގެ ސްކޮޑަށް ބަދަލުތަކެއް އައިސްފައިވާ ކަމަށާއި 2016 ގައި ފެނުނު ސްކޮޑަށް ބަލާއިރު މިހާރު އޮތް ސްކޮޑު ވަރުގަދަ ކަމަށެވެ. އަދި ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިން ޕޯޗުގަލްގައި ތިބުމަކީ އުނދަގޫވާނެ ކަމެއްކަން ވެސް ކޯޗު ބުންޏެވެ.