ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެއް ފެވަރިޓް ކަމަށްވާ ނެދަލޭންޑްސް 2-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކޮށްފި އެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ޗެކް ރިޕަބްލިކް ބައްދަލުކުރަން ޖެހޭނީ ޑެންމާކް އާއެވެ. މި މެޗު ކުޅޭނީ ޖުލައި 3 ވާ ހޮނިހިރު ދުވަހުގެ ރޭ ރާއްޖެގަޑިން 21:00 ގައެވެ.

މެޗުގެ ކުރީކޮޅުު ނުރައްކާކުރީ ނެދަލޭންޑްސް އެވެ. ހާއްސަކޮށް މި މެޗުގައި ނެދަލޭންޑްސްގެ އުއްމީދީ ކުޅުންތެރިޔާ ޑަމްފްރީސްގެ ނުރައްކާ ފެނިގެންދިޔަ އެވެ. އެގޮތުން އޭނާގެ ނުރައްކާތެރި ދެ ހަމަލާއެއް މި ހާފުގައި ފެނިގެންދިޔަ އެވެ.

ޑަމްފްރީސް ފިޔަވާ ނެދަލޭންޑްސްގެ އެހެން ކުޅުންތެރިންގެ ފަރާތުން އެހާ މަސައްކަތު ރޭޓު ރަނގަޅެއް ނޫނެވެ. ގިނަ ފަހަރަށް ބޯޅަ ގެއްލުމުން ވެސް އެ ބޯޅަ ހޯދަން މާ އެދެވޭ މަސައްކަތްތަކެއް ނުކުރެވެއެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ނެދަލޭންޑްސްގެ ކުޅުން ބޮޑުތަން ދަށްވެގެންދިޔަ އެވެ. އެއާއެކު ޗެކް ރިޕަބްލިކް އިން އިތުރު ފުރުސަތުތައް ތަނަވަސްކުރި އެވެ.

ނެދަލޭންޑްސް އަށް މައްސަަލަ ކުރިމަތިވީ މެޗުގެ 55 ވަނަ މިނެޓުގައި އެ ޓީމުގެ އިތުބާރު ޑިފެންޑަރ މަޓިއަސް ޑި ލިގްޓް އަށް ރަތްކާޑު ދެއްކުމުންނެވެ. މިއީ ޗެކް ރިޕަބްލިކްގެ ކުޅުންތެރިއަކު ބޯޅައާއެކު އަރަނިކޮށް ވެއްޓެމުން ދިޔަ ވަގުތު އެ ބޯޅައިގައި އަތްލި ކަމަށް ނިންމާ ރެފްރީ ދެއްކި ރަތް ކާޑެކެވެ. އެންމެ ފުރަތަމަ ރެފްރީ ދެއްކީ ރީނދޫ ކާޑެކެވެ. ނަމަވެސް އެ ކާޑު ރަތް ކާޑަކަށް ބަދަލުކުރީ ވީއޭއާރު ބެލުމަށްފަހު އެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން ނެދަލޭންޑްސްއަށް އިތުރު އުނދަގޫތަކާއި ކުރިމަތިވިއެވެ. ހާއްސަކޮށް ޗެކް ރިޕަބްލިކް ކުޅުންތެރިން އެޓޭކަށް އަރާ ކޮންމެ ދަނޑިވަޅެއްގައި ނެދަލޭންޑްސްގެ ޑިފެންސްލައިން ފެންނަނީ ވިއްސިވިހާލި ވެފައިވާތަނެވެ. މިގޮތަށް ގިނަ ފުރުސަތުތަކެއް ތަނަވަސްކުރަމުން ދަނިކޮށް މެޗުގެ 68 ވަނަ މިނެޓުގައި ޗެކް ރިޕަބްލިކުން ލީޑު ނެގިއެވެ. މިއީ ޕެނަލްޓީ އޭރިއާގެ ގޯލް ކައިރި ކަނަށް މަތިން ފޮނުވާލި ބޯޅައެއް ބޮލުން އަނެއް ކަނަށް ފޮނުވާލި ބޯޅަ ހޯދުމަށްފަހު ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލާ ހޮލޭސް ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަަށްފަހު ނެދަލޭންޑްސް ވެސް ރަނގަޅު ފުރުސަތެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. ނަމަވެސް ޗެކް ގެ ޑިފެންސްލައިން ފެނުނީ އެއަށްވުރެ ހުށިޔާރުކޮށެވެ. ނެދަލޭންޑްސްގެ މުޅި ޓީމު ކުރިޔަށް އެރި ވަގުތަކު ކައުންޓަރ އެޓޭކެއްގައި ޗެކް ރިޕަބްލިކް ވަނީ މެޗުގެ 80 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. ހޮލޭޒް ދިން ބޯޅަައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޝިކް އެވެ. މިއީ މި މުބާރާތުގައި އޭނާގެ ހަތަރުވަނަ ލަނޑެވެ.

މިއީ 2012 ވަނަ އަހަރުގެ ފަހުން މުބާރާތުގެ ކުއާޓާފައިނަލަށް ޗެކް ރިޕަބްލިކް ދަތުރުކުރި ފުރަތަމަ ފަހަރެވެ.