ޔޫރޯ ފުޓުބޯޅަ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލް ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުގެ ޖާގައެއް ބެލްޖިއަމުން ހޯދައިފިއެވެ.

ސެވިއްޔާގެ ލަ ކަރުޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކާމިޔާބުކޮށް މުބާރާތުގެ ކުއާޓާފައިނަލުން ބެލްޖިއަމް ޖާގަ ހޯދާފައިވަނީ ޕޯޗުގަލް 1-0 އިން ބަލިކޮށްގެންނެވެ.

ޕޯޗުގަލް އަކީ މި މުބާރާތުގެ 2016 ގެ ޗެމްޕިއަން ޓީމެވެ. ތަށި ދިފާއުކުރަން ނުކުތް ޕޯޗުގަލް ޓީމު މުބާރާތުގެ ދެވަނަބުރާއި ހިސާބުން މުބާރާތާއި މި ވަނީ އަލްވަދާއު ކިޔާފައެވެ.

މި މެޗުގައި ބެލްޖިއަމް އިން ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަަށްވެފައި ވަނިކޮށެވެ. މިއީ ޕެނަލްޓީ އޭރިއާ ބޭރުން ތޯގަން ހަޒާޑް ފޮނުވާލި ހިތްގައިމު ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. ބޯޅަ ކާވް ވެގެން ދިޔަ ގޮތުން ކީޕަރަށްވެސް އެ ބޯޅައަަށް ރަނގަޅަށް ތައްޔާރެއް ނުވެވުނެވެ.

މެޗުގެ ދެވަނަ ހާފު ފެށުނުތާ މާ ގިނައިރުތަކެއް ނުވެ ބެލްޖިއަމްގެ ތަރި ކެވި ޑިބްރައިނާ ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ. އޭނާގެ ބަދަލުގައި މާޓެންސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މި މެޗުގައި ޕޯޗުގަލް އިން ނަތީޖާ ހަމަހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 83 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ގުރޭރޯ ފޮނުވާލި ހަމަލާ އަމާޒުވެފައިވަނީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ރޮނާލްޑޯ އަށް މި މެޗުގައި ބެލްޖިއަމްގެ ކުޅުންތެރިން ހާއްސަ ސަމާލުކަމެއް ދިނެވެ. ނަތީޖާއެއްގެ ގޮތުން ރޮނާލްޑޯއަަށް މި މެޗުގައި ރަނގަޅު ފުރުސަތުތަކެއް ތަނަވަސްނުކުރެވުނެވެ. ރޮނާލްޑޮ ގޮތަކަށް ހުރީ ބެލްޖިއަމްގެ ޑިފެންސްލައިނުން ކަސްތޮޅު އަޅުވާފައެވެ. ދެތިން ފުރުސަތެއް އޭނާއަށް ލިބުނު ނަމަވެސް ގޯލާއި އަމާޒުކޮށް އޭނާއަށް ފޮނުވާލެވުނީ މަދު ފުރުސަތުތަކެކެވެ.

ބެލްޖިއަމް އަކީ މި މުބާރާތުގެ ފެވަރިޓް އެއް ޓީމެވެ. ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ބެލްޖިއަމް އިން މި މެޗުގައި މޮޅު ކުޅުމެއް ދެއްކިއިރު މިއީ ބެލްޖިއަމްއަށް ބޮޑު ނަތީޖާއެކެވެ.

މި މޮޅާއެކު ކުއާޓާފައިނަލުގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ އިޓަލީއާއެވެ. މުބާރާތުގެ ކުއާޓާއިން އިޓަލީ ޖާގަ ހޯދާފައިވަނީ ރޭ އޮސްޓްރިއާ ބަލިކޮށްގެންނެވެ. ކުއާޓާފައިނަލުގައި ބެލްޖިއަމް އާއި އިޓަލީ ބައްދަލުކުރާ މެޗު ކުޅޭނީ އަންނަ ހުކުރުދުވަހުގެ ރޭ އެވެ.