ޔޫރޯ 2020 ގައި އިންގްލޭންޑާއި ދެކޮޅަށް އެގައުމުގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅޭ ދެވަނަބުރުގެ މެޗުގެ ކުރިން އެ ސްޓޭޑިއަމްގައި ޖަރުމަނު ޓީމަށް ފަރިތަކުރުމުގެ ހުއްދަ ނުދޭން ނިންމައިފިއެވެ.

ޖަރުމަނާއި އިންގްލޭންޑް ބައްދަލުކުރާ ދެވަނަބުރުގެ މެޗު ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ރޭ ރާއްޖެގަޑިން 21:00 ގައެވެ. މި މެޗު ވެމްބްލީ ސްޓޭޑިއަމުގައި ކުޅޭއިރު، މިގޮތަށް ނިންމުމުން ގިނަ ފާޑުކިޔުންތަކެއް އިނގިރޭސި އެފްއޭއާއި ދަނީ އަމާޒުވަމުންނެވެ.

އިނގިރޭސީން ދެއްކި ހުއްޖަތަކީ މެޗުގެ ކުރިން ވެމްބްލީ ސްޓޭޑިއަމުގައި ފަރިތަކޮށްފި ނަމަ ސްޓޭޑިއަމަށް ގެއްލުންތަކެއް ވެދާނެ ކަމަށެވެ. އެއީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއް ކަމަށްވުމާއި އެކު ދަނޑު ހަލާކުވުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ބުނެއެވެ.

މިކަމާއި ގުޅިގެން ޖަރުމަނުގެ މީޑިއާތަކުން ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ. އެ ގައުމުން ސިފަކުރާ ގޮތުގައި މިއީ ޖަރުމަނަށް ކުރާ ޖެއްސުމެއްގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. އަދި މެޗުން އިންގްލޭންޑަށް ނެގުނު އެޑްވާންޓޭޖެއް ނަގަން އެ ޓީމުން މަސައްކަތްކުރަމުން އަންނަކަމުގެ ތުހުމަތުވެސް ވަނީ ކޮށްފައެވެ.

މި މައްސަލައިގައި ޔުއެފާއިން ވަނީ އެ ނިންމުން ދިފާއުކޮށް ވާހަކަދައްކާފައެވެ. ޔުއެފާއިން ބުނީ ދެވަނަބުރުގައި ވެމްބްލީ ސްޓޭޑިއަމުގައި އޮސްޓްރިއާ އާއި އިޓަލީއާއި ކުޅުނު މެޗުގެ ކުރިންވެސް ދެޓީމުން ކުރެ ޓީމަކަށް ފަރިތަކުރުމުގެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

މި ނިންމުމާއެކު ޖަރުމަނު ގައުމީ ޓީމު ފަރިތަކުރުންތައް ކުރިޔަށްގެންދަން ނިންމާފައިވަނީ އެ ގައުމުގައެވެ.

ކުރިޔަށްއޮތް 48 ގަޑިއިރުގެ ތެރޭގައިވެސް އިނގިރޭސިވިލާތަށް ބޯކޮށް ވާރޭ ވެހޭނެކަމަށް އެ ގައުމުގެ މޫސުމާއިބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

ޔޫރޯ 2020 ގެ ސެމީފައިނަލާއި ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ވެސް ވެމްބްލީ ސްޓޭޑިއަމުގައެވެ. ސެމީ އަދި ފައިނަލް މެޗަށް ވަދެވޭ ސަޕޯޓަރުންގެ އަދަދު ޔުއެފާއިން ވަނީ ދާދިފަހުން އިތުރުކޮށްދީފައެވެ.