މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ ބްރެޒިލް އަށް މުބާރާތުގެެ ފެށުން ދިޔައީ އުންމީދުކުރި ގޮތަކަށް ނޫނެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލް ވަނީ ސްވިޓްޒަލޭންޑް އަތުން 1-1 އިން އެއްވަރުވެފަ އެެވެ. މުބާރާތުގައި ކުޅޭ ދެވަނަ މެޗުގައި މިއަދު ކޮސްޓަ ރީކާއާ ދެކޮޅަށް ނުުކުންނައިރު، ބްރެޒިލްގެ ސަޕޯޓަރުން ތިން ޕޮއިންޓަށް އުންމީދުކުރާނެކަން ކަށަވަރެވެ.

ފުރަތަމަ މެޗުން އެއްވަރުވި ނަމަވެސް، ތާރީހަށް ބަލާއިރު ބްރެޒިލް އަދި ހާސްވާކަށް ނުޖެހެ އެވެ. ކޮސްޓަ ރީކާ އަތުން މޮޅުވެއްޖެނަމަ، ބްރެޒިލް އަށް އަނެއްކާ ވެސް ހަމަޖެހުމެއް ލިބިގެންދާނެ އެވެ.

މި މެޗުގެ ކުރިން އޮތް ފަރިތަކުރުމެއްގައި ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާވި ނަމަވެސް، މިއަދުގެ މެޗަށް އޭނާ ފިޓުވާނެ ކަމުގެ ޔަޤީންކަން ވަނީ ލިބިފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ބްރެޒިލްގެ ޑިފެންޑަރ ޑެނީލޯ އަށް މިއަދުގެ މެޗުގައި ނުކުޅެވޭނެ އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން ބަލިވުމުން، ކޮސްޓަ ރީކާ އަށް ވަނީ ދެވަނަ ބުރަށް ދިއުމަށް އޮތް މަގު އުނދަގޫވެފަ އެވެ. ބްރެޒިލް އަތުން ބަލިވެއްޖެނަމަ، ކޮސްޓަ ރީކާ މުބާރާތުން އަލްވަދާއު ކިއުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު ކޮސްޓަ ރީކާގެ ކެޕްޓަން ބްރައިޔަން ރުއިޒް ހުރީ ބްރެޒިލްއާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމުގެ ޔަޤީންކަމާއެކު އެވެ.

"ބްރެޒިލްއާ ދެކޮޅަށް ސްވިޓްޒަލޭންްޑް އިން ވެސް މެދުތެރެއިން ވަރަށް ރަނގަޅަށް ޕްރެޝަރުކުރި. އަހަރެމެން ވެސް ބަލަންޖެހޭނީ މެދުތެރެއިން ޕްރެޝަރުކޮށްގެން، އަވަސް ކައުންޓާ އެޓޭކްތަކެއް އުފައްދައިގެން ބްރެޒިލްގެ މައްޗަށް ކުރި ހޯދަން،" ރުއިޒް ބުންޏެވެ.

މިއީ ކޮސްޓަ ރީކާ އާއި ބްރެޒިލް ވޯލްްޑް ކަޕްގައި ވާދަކުރާ ތިން ވަނަ ފަހަރެވެ. މީގެ ކުރިން މި ދެ ޓީމު ބައްދަލުކުރި ދެ މެޗު ވެސް ކާމިޔާބުކުރީ ބްރެޒިލް އެވެ.

ބްރެޒިލް

ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި އެންމެ ފަހުން ކުޅުނު 13 މެޗުން ވެސް ބްރެޒިލް ބައްޔެއް ނުވޭ.
ވޯލްޑް ކަޕް 1982ގެ ފަހުން، ބްރެޒިލް ވަނީ ކޮންމެ ވޯލްޑް ކަޕެއްގައި ވެސް ހިިމެނޭ ގުުރޫޕްގެ އެއްވަނަ ހޯދައިފަ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބްރެޒިލްގެ ނޭމާ އަށް ސްވިޓްޒަލޭންޑްގެ ކުޅުންތެރިން 10 ފައުލްކުރި. މިއީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު، ވޯލްޑް ކަޕްގެ މެޗެއްގައި އެއް ކުޅުންތެރިއަކަށް އެންމެ ގިނައިން ފައުލްކުރި މެޗު.

ކޮޮސްޓަ ރީކާ

ވޯލްޑް ކަޕްގައި ދެކުނު އެމެރިކާގެ ޓީމެއް އަތުން ކޮސްޓަ ރީކާ މިހާތަނަށް މޮޅުވީ އެންމެ ފަހަރަކު.
ކޮސްޓަ ރީކާ ވޯލްޑް ކަޕްގެ އެންމެ ފަހުން ހެދި 31 ޝޯޓުން ކާމިޔާބުކުރެވިފައިވަނީ އެންމެ ގޯލެއް.

އެނގޭތަ؟

ކޮސްޓަ ރީކާ އާއި ބްރެޒިލް މިހާތަނަށް 10 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮސްޓަ ރީކާ މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 1960 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުންނެވެ.

ބްރެޒިލް އައި ކޮސްޓަ ރީކާ ބައްދަލުކުރާ މެޗް ފަށާނީ މިއަދު ރާއްޖޭ ގަޑިން 17:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު