މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަކީ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އަށް ކާމިޔާބު މުބާރާތެއް ނޫނެވެ. އައިސްލެންޑުގެ ކޮޅަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމާއި، އެމެޗުގައި އެއްވަރުވެގެން ނިމުން އަދި ރޭގެ މެޗުން، ކްރޮއޭޝިޔާގެ އަތުން ބަލިވުމަކީ، އޭނާއާއި އޭނާގެ ޓީމަށް ކުރިމަތިވެފައިވާ ހިތްދަތި ކަންކަމެވެ.

ބައެއް ނޫސްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިކަންކަމުގެ ސަބަބުން މެސީވަނީ ހިތާމަކޮށްފައެވެ. އެގޮތުން، އައިސްލޭންޑުގެ ކޮޅަށް ޕެނަލްޓީ ނުޖެހުމުން، އޭނާ ހިތާމަކޮށްފައިވާކަމަށް އެނޫސްތަކުން ބުނެފައިވެއެވެ. އަދި، ޖެހިގެން އައި ދުވަހު، އޭނާ އެއްވެސް މީހެއްގެ ކުރިމައްޗަށް އަރަން ބޭނުން ނުވިކަމަށްވެސް ބުނެފައިވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗަށްފަހު، އާޖެންޓީނާގެ ފުޓުބޯޅަ ޓީމުގެ މުވައްޒަފުންވަނީ، ބައްޕައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، މި މަހުގެ 17 ވަނަ ދުވަހު ހުރިހާ ކުޅުންތެރިންނަށް ބާބަކިއު އެއް ދީފައެވެ. އެ ބާބަކިއުގައި ކުޅުންތެރިންގެ އާއިލާގެ މެންބަރުންވެސް ބައިވެރިވިކަމަށްވެއެވެ.

އެހެންނަމަވެސް، ޓީމުގެ އެހެން ހުރިހާ ކުޅުންތެރިން ބައިވެރިވި މި ހަރަކާތަށް، ޓީމުގެ ކެޕްޓަން އަދި ތަރި، މެސީ ހާޟިރުނުވާކަމަށްވެއެވެ. އޭގެ ބަދަލުގައި، އޭނާ ހުރީ ކޮޓަރީގައި އެކަނިކަމަށްވެސްވެއެވެ. ރަޝިޔާގައި އެމީހުން ތިބޭ ހޮޓަލުގައި، އޭނާ ހުނަނީ ސާޖިއޯ އަގުއެރޯ އާ އެއް ކޮޓަރިއެއްގައެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި މެސީ މި ބާބަކިއު އަށް ހާޟިރު ނުވުމުގެ ސަބަބަކަށް، އޭނާގެ އާއިލާގެ މެންބަރުން، އެވަގުތު ރަޝިޔާގައި ނެތުން ހިމެނެއެވެ. އެހެންނަމަވެސް، ޓީމުގެ ހުރިހާ މެންބަރުން ބައިވެރިވި، މި ހަރަކާތަށް މެސީ ނުދިޔައީ، އައިސްލޭންޑު މެޗުގެ ސަބަބުންކަމަށް އެތައް ފަރާތްތަކުންވަނީ ބުނެފައެވެ.

ރޭގެ މެޗުން ކްރޮއޭޝިޔާގެ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވުމާއެކު، މެސީގެ މުސްތަޤުބަލާ މެދުވެސް ދަނީ ވާހަކަ ދެކެވެމުންނެވެ. ހަމައެހެންމެ، މުބާރާތުގައި ޓީމުގެ ދަތުރާ ބެހޭގޮތުންވެސްވަނީ ދަނީ ވާހަކަ ދެކެވެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުހާނުއްދީން

    މިމީހުންގެ ލަދިކޮބާ؟ 0-3 ން ބަލިވީމަވެސް ބާބަކިއުކުރަނީ. ބާބަކިއުކުރަންޏާ އަދެބަލަ ރަސްފަންނަށް

  2. Anonymous

    ބުރުހާނުއްދީން ކޮމެންޓް ތިޔަ ކުރީ ލިޔެފައި އޮތް އެއްޗެއް ރަނގަޅަށް ކިޔާފައިތަ؟ ނޫނީ ލިޔަންކިޔަން ރަނގަޅަށް ނޭނގެނީތަ؟ ލިޔުމުގައި އެއޮތީ އެމީހުން ބާބެކިޔު ހަދަން ދިޔައީ އައިސްލެންޑް މެޗުގެ ފަހުންނޭ. އެއީ ރޭގެ މެޗުގެ ކުރިން.

  3. ޭޔ

    ޢެނޯނީމަސްވެސް ތިހާވަރު އަރުވާލަންޖެހޭތަ ...ސެންސިޓިވް ސްޕޮޓެއްގަ ދޯ ބުރުހާން ޖެހީ ހަހަހަ