މެޗުގެ އިތުރުވަގުތުގައި ކާމިޔާބުކުރި ދެ ލަނޑާއެކު ޔޫރޯ 2020 ގެ ދެވަނަބުރުގައި ކްރޮއޭޝިއާ 5-3 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ކުއާޓަފައިނަލުގެ ޖާގައެއް ސްޕެއިން ހޯދައިފިއެވެ.

އެންމެފަހުގެ ވޯލްޑްކަޕް ރަނަރަޕް ކްރޮއޭޝިއާ ކައިރިން ޔޫރޯގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ސްޕެއިން ހޯދި މި މޮޅާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މިރޭ ފްރާންސް އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

ސްޕެއިން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން ޔޫރޯ ކާމިޔާބުކޮށްފައެވެ. އެންމެ ފަހުން އެ ޓީމު މުބާރާތް ކާމިޔާބުކޮށްފައިވަނީ 2012 ވަނަ އަހަރުގައެވެ. މިފަހަރުގެ މުބާރާތުގެ ގްރޫޕްސްޓޭޖުގައި ސްޕެއިން ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާފައެވެ. އެ ޓީމަށް މޮޅުވެވުނީ ގްރޫޕުގެ ފަހު މެޗުން އެކަންޏެވެ.

މެޗު ފަށައިގެން ސްޕެއިން އިން ވަނީ އެ ޓީމުގެ ރަސްމީ ބޯޅަ ކުޅެފައެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން އެ ޓީމުގެ ކުޅުންތެރިން ކުޅުނުއިރު ކްރޮއޭޝިއާގެ ވަރުގަދަ ފިޒިކަލް ކުޅުންވެސް ވަރަށް ބޮޑަށް ފެނިގެންދިޔަ އެވެ. މެޗު ފަށައިގެން ކުރި ނުރައްކާތަކުގެ ތެރެއިން ކޯކޭ ފޮނުވާލި ހަމަލާ ފާހަގަކޮށްލެވެއެވެ.

ސްޕެއިން އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައި، އަދި ކުރިޔަށް ޖެހިލި ވަގުތު ސްޕެއިންއަށް ހެދުނީ ބޮޑު ގޯހެކެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ލީޑު ނެގި ލަނޑަކީ ސްޕެއިންގެ ކީޕަރު ސިމޮން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސްޕެއިންގެ ޑިފެންސްލައިނުން ފަހަތަށް ކީޕަރު ސިމޮން އަށް ޖައްސާލި ބޯޅަ ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި އޭނާގެ ފައިގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ތެރެއަށެވެ.

މި ލަނޑަށްފަހު ވެސް ކްރޮއޭޝިއާއަށް ރަނުގެ ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ނަމަވެސް އެ ފުރުސަތުތަކެއް ގޯލަށް ވައްދާލެވޭ ގޮތެއް ނުވިއެވެ. ސްޕެއިން އިން ވަނީ މި ލަނޑަށްފަހު އެ ޓީމުގެ ކުޅުން ބޮޑުތަން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 38 ވަނަ މިނެޓުގައި ސްޕެއިން އިން ނަތީޖާ ހަމަހަމަކުރި އެވެ.

ސަރަބިއާ މި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ގަޔާ ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ލިވަކޮވިޗް މަތަކުރި ނަމަވެސް ރީބައުންސް އިން ލިބުނު ބޯޅައިގެ ބޭނުން ހިފައިގެންނެވެ. ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ސްޕެއިން ފެށި ވަރުގަދަކޮށެވެ. ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލުމުގެ ނަތީޖާއެއްގެ ގޮތުން މި މެޗުގައި ސްޕެއިން ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިއީ ފެރާން ޓޮރޭޒް ހުރަސްކޮށްލި ބޯޅައަކުން ޑިފެންޑަރ ސެޒާ އަޒްޕިލިކުއެޓާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

ސްޕެއިން އިން ލީޑު ފުޅާކޮށް ތިންވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ 76 ވަނަ މިނެޓުގައެވެ. ހިލޭ ޖެހުމެއްގައި ޕައު ޓޮރޭޒް ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކުރީ ފެރާން ޓޮރޭޒް އެވެ.

ދެ ލަނޑުގެ ލީޑެއްގައި އޮތް ނަމަވެސް ކްރޮއޭޝިއާ އިން ދުލެއް ނުދިނެވެ. މެޗުގެ 85 ވަނަ މިނެޓުގައި އޯސިޗް މި ލަނޑު ކާމިޔާބުކުރީ ރީބައުންސްގައި ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ ލަަނޑެއް ކަމަށް ނިންމާފައިވަނީ ގޯލް ލައިން ޓެކްނޮލޮޖީ ބޭނުންކޮށްގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި ކްރޮއޭޝިއާއިން ނަތީޖާ ހަމަހަމަކުރި އެވެ. އޯސިޗްގެ ހުރަހަކުން މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި ޕަލެސިޗް އެވެ. މެޗު ނިމުނީ 3-3 އިން އެއްވަަރުވެގެންނެވެ. އެއާއެކު ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ.

ފުރަތަމަ ހާފުގެ ތެރޭގައި ސްޕެއިން ވަނީ ދެ ލަނޑު ޖަހާ ކްރޮއޭޝިއާ ޕްރެޝަރަށް ދުއްވާލާފައެވެ. މާ ގިނަ ބަދަލުތަކެއް ނުކުރާތީ ކްރޮއޭޝިއާގެ ގިނަ ކުޅުންތެރިން ތިބީ ވަރުބަލިކަން މަތީގައެވެ. ގިނަ ފަހަރަށް ބޯޅައާއެކު މާ ރަނގަޅަކަށް މަސައްކަތެއް ނުކުރެވެއެވެ. ނަމަވެސް ލިބުނު ކައުންޓަރ އެޓޭކުތަކުގައި ކްރޮއޭޝިއާ އިން ނުރައްކާކުރި އެވެ.

ސްޕެއިން އިން ލީޑުނެގި ފުރަތަމަ ލަނޑު އޮލްމޯ ދިން ބޯޅައަކުން ކާމިޔާބުކުރީ އަލްވާރޯ މޮރާޓާ އެވެ. މި ލަނޑު ޖެހިތާ ތިން މިނެޓުފަހުން ސްޕެއިންގެ ފަސްވަނަ ލަނޑަކީވެސް އޮލްމޯ ދިން ބޯޅައަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގައި ކުޅެން އެރި އޮޔަރްޒަބަލް އެވެ.