ޕެނަލްޓީގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް ބަލިކޮށް ޔޫރޯ 2020 ގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފިއެވެ.

މުބާރާތުގެ ކުއާޓާފައިނަލަށް ސްވިޒަލޭންޑް ދަތުރުކޮށްފައިވަނީ ދެވަނަބުރުގައި ފްރާންސްއާއި ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 3-3 ގެ ނަތީޖާއަކުން އެއްވަރުވުމުން އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކޮންމެ ޓީމަކަށްވެސް ފަސް ޕެނަލްޓީ ލިބުނުއިރު ސްވިޒަލޭންޑުން ޖެހި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. ފްރާންސް ބަލިވީ އެ ޓީމަށް ލިބުނު ފަސް ޕެނަލްޓީގެ ތެރެއިން އެންމެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ. މި ޕެނަލްޓީ ޖަހާފައިވަނީ ކީލިއަން އެމްބާޕޭ އެވެ.

މިއީ ސްވިޒަލޭންޑަށް ބޮޑު ކާމިޔާބެކެވެ. އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕުގެ ޗެމްޕިއަން ފްރާންސް ބަލިކުރުމަކީ އެ ގައުމުގެ ފުޓުބޯޅަ ތާރީހުގައިވެސް ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ. މިއީ 1992 ގެ ފަހުން ސްވިޒަލޭންޑުން ފްރާންސް ބަލިކުރި ފުރަތަމަ ފަހަރެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާފައިނަލުގައި ސްވިޒަލޭންޑް ބައްދަލުކުރާނީ މިރޭ ކްރޮއޭޝިއާ ބަލިކޮށް މުބާރާތުގެ ކުއާޓާފައިނަލުން ޖާގަ ހޯދި ސްޕެއިން އާއެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ކުރިހޯދާފައިވަނީ ވެސް ސްވިޒަލޭންޑެވެ. މެޗުގެ 15 ވަނަ މިނެޓުގައި މި ލަނޑު ސްވިޒަލޭންޑަށް ކާމިޔާބުކޮށްދިނީ ސެފެރޮވިޗް އެވެ. މި މެޗުގައި ފްރާާންސްގެ ޑިފެންސްލައިން ފެނުނީ ވަރަށް ނިކަމެތިކޮށެވެ. ފުރަތަމަ ހާފު ނިމުނީ ސްވިޒަލޭންޑް ކުރީގައި އޮވެގެންނެވެ.

ސްވިޒަލޭންޑުން ލީޑު ފުޅާކުރުމަށް ޕެނަލްޓީއެއްވެސް ލިބުނެވެ. ދެވަނަ ހާފު ފަށައިގެން ދިހަ މިނެޓުފަހުން ސްވިޒަލޭންޑުގެ ރޮޑްރިގޭޒް ފޮނުވާލި މި ޕެނަލްޓީ ފްރާންސްގެ ތަޖުރިބާކާރު ކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.

މި ޕެނަލްޓީ ޖެހިތާ ދެ މިނެޓުފަހުން ފްރާންސުން ކުރި މަސައްކަތުން އެ ޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާ އެވެ. މި ލަނޑަށްފަހު ސްވިޒަލޭންޑް ހަމަޔަކަށް ނޭޅި އުޅެނިކޮށް ބެންޒެމާ ވަނީ މި މެޗުގައި ފުރަތަމަ ފަހަރަށް ފްރާންސަށް ލީޑު ނަގައިދީފައެވެ.

ފްރާންސުން ތިންވަނަ ލަނޑެއް ކާމިޔާބުކުރީ 75 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ބޭރުގައި ހުރެ ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ރީތި ބޯޅައަކުން ޕޮގްބާ ކާމިޔާބުކުރި ލަނޑެކެވެ. ފްރާންސް މި މެޗުން ފަސޭހައިން މޮޅުވާނެކަމަށް ގަބޫލުކޮށްގެން ތިއްބާ މެޗުގެ 81 ވަނަ މިނެޓުގައި ސްވިޒަލޭންޑްގެ ފުރަތަމަ ލަނޑުވެސް ޖެހި ސެފެރޮވިޗް ވަނީ ސްވިޒަލޭންޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރުވަގުތުގައި ސްވިޒަލޭންޑް ވަނީ އިތުރު ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ޖެހީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަވްރަނޮވިޗް އެވެ. އިތުރުވަގުތުގެ ދެ ހާފުގެ ކުރިން ފްރާންސްގެ ކިންގްސްލީ ކޫމަން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

އިތުރުވަގުތުގެ ދެ ހާފުގައި ނަތީޖާ ނުނެރެވުނެވެ. އެއާއެކު ދެން ފެށީ ޕެނަލްޓީ ޝޫޓްއައުޓެވެ.