ކޮވިޑާއި ގުޅިގެން ދޫކުރި ރިލީފް ޕެކޭޖްގެ ތެރެއިން ކެފޭ ރެސްޓޯރެންޓްތަަކަށް ޖުމްލަ 49 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒް ވިދާޅުވީ ކޮވިޑާއި ގުޅިގެން ކެފޭ ރެސްޓޯރެންޓްތަކަށް ދިމާވި މާލީ ދަތިކަން ހައްލުކޮށްދިނުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކޮށްފައިވާ ވާނެ ކަމަށެވެ. އެގޮތުން ބީއެމްއެލް މެދުވެރިކޮށް ފަސް ފަރާތަކަށް 16 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށާއި، އެސްޑީއެފްސީ މެދުވެރިކޮށް ހޮޓާ ރެސްޓޯރެންޓް ހިންގާ 156 ފަރާތަކަށް 33 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ ތެރެއިން 90 މީހަކީ މާލޭގައި އެ ވިޔަފާރީ ކުރަމުންދާ ފަރާތްތައް ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ.

ކެފޭ ރެސްޓޯރެންޓްތަކުގެ ވިޔަފާރީތައް ބަނގުރޫޓުވަމުން ދާތީ އިއްޔެ ވަނީ "ކާންދޭ އަތުގައި ދަތް ނާޅާ" ނަމުގައި ރެސްޓޯރަންޓްތަކުގެ ވެރިން ކާނިވާ ސަރަހައްދުގައި އިހްތިޖާޖެއް ކޮށްފައެވެ.

މުޒާހަރާ ރާވައި އިސްކޮށް ހަރަކާތްތެރިވަނީ ކާބޯތަކެތީގެ ހިދުމަތްދޭ ވިޔަފާރިވެރިން އުފެއްދި ރެސްޓޯރަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) އިންނެވެ.

އެ އިހްތިޖާޖްގެ ބައިވެރިން ވަނީ ރެސްޓޯރަންޓް ވިޔަފާރިވެރިންގެ އާދޭހަށް އިޖާބަ ނުދީ ސަރުކާރުން ބީރު ކަންފަތެއް ދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވިޔަފާރިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ހުށައެޅި ކަންކަން ފަހިކޮށްދޭން ސަރުކާރުން އެކަށީގެންވާ ވަރުގެ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް ބުނެފައެވެ.

އެ ޖަމިއްޔާގެ މައިގަނޑު ކަންބޮޑުވުމަކަށްވީ ކޮވިޑުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަނގުރޫޓްވެގެން ދިއުމެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ މާލެ ސަރަހައްދުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ހޮޓާތައް ހުޅުވައިގެން ހިދުމަތް ދިނުން ފަދަ ބޮޑެތި ލުއިތަކެއް ދޭން ނިންމާފައެވެ.