ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2017 - ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އިއްޔެ ބޭއްވުނު ދިރާގު މޯލްޑިވްސް ރޯޑް ރޭހުގައި ރާއްޖޭގެ ފަސް ކިލޯމީޓަރު ދުވުމުގެ ފިރިހެނުންގެ ގައުމީ ރެކޯޑް ޝިފާޒް މުހައްމަދު އަދި އަންހެނުންގެ ގައުމީ ރެކޯޑް މަރިޔަމް އަބްދުލްކަރީމް (މަރީ) މުގުރާލައިފި އެވެ.

ADS BY SONEE SPORTS

އިއްޔެ ޔޫތު ސިޓީގައި ބޭއްވުނު ރޯޑްރޭސްގައި ޝިފާޒް ރެކޯޑް މުގުރާލީ 16:15 މިނެޓުން  ރޭސް ފުރިހަމަ ކޮށްގެނެވެ. މި ރެކޯޑް ކުރިން އޮތީ މިދިޔަ އަހަރުގެ މި ރޭހުގައި 16:31 މިނެޓުން ރޭސް ފުރިހަމަކުރި ހުސެއިން ފަޒީލް ހާރޫނުގެ އަތުގަ އެވެ. ސްރީލަންކާގައި މެރަތަން ތަމްރީހު ހަދަމުން އަންނަ ޝިފާޒް އަކީ މީގެ ކުރިންވެސް ބައިނަލްއަގުވާމީ ބައެއް  ދުވުމުގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ ފަރާތެކެވެ.

ރާއްޖޭގެ އަންހެނުންގެ ފަސް ކިލޯމީޓަރުގެ ރެކޯޑް މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރު މަރީ މުގުރާލީ 20:47 މިނެޓުން ރޭސް ފުރިހަމަކޮށްގެނެވެ.  ކުރިން ރެކޯޑް އޮތީ މަޝްހޫރު ދުވުންތެރިއާ ސަމްހާ އަހުމަދުގެ އަތުގަ އެވެ. އޭނާ 22:24 މިނެޓުން ރޭސް ނިންމާ އެ ރެކޯޑް ހެދީ މި އަހަރުގެ ފެބްރުއަރީ 25 ވަނަ ދުވަހު ޖަރުމަނުގައެވެ.

އިއްޔެގެ ރޭހުގައި 3000 ދުވުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގައުމީ ފެންވަރުގެ އެތުލީޓުންނާއި ކަސްރަތަށް ދުވާ މީހުންގެ އިތުރުން އާއިލާ އާއި ރަށްޓެހިންނާ އެކު މަޖަލަކަށް ދުވި މީހުން ވެސް ހިމެނެ އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި ހާއްސަ އެހީއަށް ބޭނުންވާ ގިނަ ފާރާތްތަކެއްވެސް ވަނީ މިރޭހުގައި ބައިވެރިވެފައެވެ.

މިރޭހުގައި ޓައިމިން ޓެކްނޮލޮޖީ ހިމަނާފައިވާ ބިބުގައި ހުރިހާ ދުވުންތެރިން ވެސް ދުވިއިރު، ޓައިމިން ވަގުތުން ބަލާލެވޭނެ އިންތިޒާމް މޯބައިލް ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ތަނަވަސްކޮށްފަ އެވެ. އަދި ރޭސް ނިމުމާ އެކު ނަތީޖާތައް ވެސް ފެންނަން ހުއްޓެވެ. ދިރާގުން ވަނީ ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް މެޑަލެއް ދީފަ އެވެ.

ADS BY SHEESHA

ދިރާގު ރޯޑް ރޭސްއަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ރޯޑްރޭސް އެވެ. އަދި މިރޭހަކީ އިންޓަނޭޝަނަލް ފެންވަރުގައިވެސް ގަބޫލު ކުރާ ރޭހެކެވެ.

1 ކޮމެންޓް

  1. ފަސް ކިލޯމީޓަރުގެ ގައުމީ ރެކޯޑް ޝިފާޒް އާއި މަރީ މުގުރާލީމަ، އެހަބަރުގެ ފޮޓޯއައް ޖަހަނީ ޒައިދުގެ ފޮޓޯތަ؟؟! ވަގުތު އޮންލައިން މީހުން ތިބެނީ ކޯޗެއް ބޮއިލައިގެންތޯ....