ނ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ، ސިޔާމް-މައުރޫފް ކަޕްގެ ކުއާޓާފައިނަލަށް ދިޔުމުގެ އުއްމީދު ކުޑަފަރިން އާކޮށްފިއެވެ.

ADS BY SONEE SPORTS

ކުއާޓާއަށް ދިޔުމުގެ އުއްމީދު ކުޑަފަރިން އާކުރީ އިއްޔެ ހަވީރު މަނަދޫއާ ބައްދަލުކުރި މެޗު 1-1 އިން އެއްވަރުކޮށް ލިބުނު ޕޮއިންޓާއެކުއެވެ.

ކުޑަފަރި ހިމެނޭ ގްރޫޕް ދޭއްގެ އެއްވަނައިގައި އޮތް ހެނބަދޫއަށް ހަ ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް މަނަދޫ އަށް ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. ތިންވަނައިގައި އެއް ޕޮއިންޓާއެކު ކުޑަފަރި އޮތްއިރު ގްރޫޕްގެ ފުލުގައި އޮތް މަގޫދޫއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. މި ގްރޫޕްގައި ކުޑަފަރި ދެން ބައްދަލުކުރާނީ މަގޫދޫއާއެވެ.

މާޅެންދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު އެ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީ ކުޑަފަރި ޓީމުންނެވެ. މި ގޯލު މެޗުގެ 29 ވަނަ މިނެޓުގައި ކުޑަފަރީއަށް ކާމިޔާބުކޮށްދިނީ މުހައްމަދު ޖުނައިދެވެ. މަނަދޫއަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ނާއިފެވެ.

ޖުމްލަ 12 ޓީމާއި އެކު ކުރިއަށް ގެންދާ މި މުބާރާތުގެ ގްރޫޕްތައް ވަނީ 3 ބަޔަކަށް ބަހާލާފައެވެ.

 

ކޮންމެ ގްރޫޕެއްގެ އެއް ވަނަ އަދި ދެ ވަނަ ހޯދާ ޓީމުތަކަށް ކުއާޓާ ފައިނަލުގެ ޖާގަތައް ލިބޭނެ އެވެ. އަދި ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ވެސް ކުއާޓާގެ ފުރުސަތެއް ލިބިގެންދާނެ އެވެ.

ADS BY SHEESHA

ޗެމްޕިއަން ޓީމަކަށް މިދިޔަ އަހަރު 150،000 ރުފިޔާ ދީފައި ވީނަމަވެސް، މިއަހަރުގެ ޗެމްޕިއަން ޓީމަކަށް 500،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފައެވެ. އަދި ރަނަރަޕް ޓީމަކަށް 100،000 ރުފިޔާ ދިނުމަށް ހަމަޖެހިފައި ވާއިރު، ފެއާރ ޕްލޭ ޓީމަށް 25،000 ރުފިޔާ އަދި އެންމެ ރަނގަޅަށް ސަޕޯޓް ކުރާ ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ADS BY ASTERS

Comments are closed.