ޔޫރޯ 2020 ގެ ދެވަނަބުރުގައި އެންމެ ހައިރާންކުރުވަނިވި ނަތީޖާއެއްގެ ގޮތުގައި ފެނިގެންދިޔައީ އެންމެފަހުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް ހިތްދަތިގޮތަކަށް މުބާރާތާއި އަލްވަަދާއު ކިޔުމުންނެވެ.

މަރުގެ ގްރޫޕުގައި ހިމެނުނު ފްރާންސް މުބާރާތުގެ ދެވަނަބުރުން ވަކިވާން ޖެހުނީ ސްވިޒަލޭންޑާއި ވާދަކޮށް 3-3 އިން ނަތީޖާ އެއްވަރުވުމުން އިތުރުވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ކޮންމެ ޓީމަކަށްވެސް ފަސް ޕެނަލްޓީ ލިބުނުއިރު ސްވިޒަލޭންޑުގެ ހުރިހާ ޕެނަލްޓީއެއް ކާމިިޔާބުކުރި އެވެ. ފްރާންސް ބަލިވީ އެންމެ ފަހުން ޕެނަލްޓީ ޖެހި ކީލިއަމް އެމްބާޕޭ އަށް ނާކާމިޔާބުވުމުންނެވެ. އުމުރުން 22 އަހަރުގެ އުއްމީދީ ފޯވާޑަށް މިކަން ވެގެންދިޔައީ ހަނދާނުން ފުހެލަން އުނދަގޫ ކަމަކަށެވެ.

މި ބަދުނަސީބު ޕެނަލްޓީއާއެކު އެމްޕާޕޭ ވަނީ އޭނާއަށް ނިދަން އުނދަގޫވާ ކަމަށް ބުނެފައެވެ. އަދި އޭގެ އަސަރު ދިރިއުޅުމަށް ވެސް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

"އަހަރެންގެ ސަބަބުން ފްރާންސް މިގޮތަށް ޔޫރޯއިން ވަކިވީ ، ޓީމު އަހަރެންގެ އެހީ އެންމެ ބޭނުންވި ވަގުތު އެކަމެއް ނުކުރެވުނު، ނިދަންވެސް އުނދަގޫ މިހާރު، ސަޕޯޓަރުން މާޔޫސްވާނެކަން އެނގޭ، އެކަމަށް މައާފަށް އެދެން، ކުރިޔަށްއޮތް ތަނުގައި މިގޮތަށް ތަކުރާރުނުކުރަން މަސައްކަތް ކުރާނަން" އެމްބާޕޭ ބުންޏެވެ.

އެމްބާޕޭ އަކީ ރޮނާލްޑޯ އާއި މެސީއަށްފަހު އަންނަން އޮތް ޖީލުގެ ފުޓުބޯޅަ ރަސްކަން ކުރާނެކަމަށް ބުނަމުން އަންނަ ކުޅުންތެރިންގެ ތެރެއިން އެކަކެވެ. އޭނާގެ ކުރިމަގާއި ގުޅޭގޮތުން މަޝްހޫރު އެތަކެއް ކުޅުންތެރިންތަކެއް މިހާތަނަށް ވާހަކަދައްކާފައި ވާއިރު އޭނާ ވަނީ ފްރާންސް އަށް ދުނިޔޭގެ ތަށި 2018 ގައި ހޯދައިދިނުމުގައި އިސް ދައުރެއް އަަދާކޮށްފަައެވެ.

ނަމަވެސް މި ޔޫރޯއަކީ އޭނާއަށް ބަދުނަސީބު މުބާރާތެކެވެ. މި މުބާރާތުގައި އޭނާއަށް އެއްވެސް ގޯލެއް ޖެހިފައިނުވާއިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މި ބޭކާރުވި ޕެނަލްޓީއާއި ޔޫރޯގައި ދެއްކި ކުޅުމާއެކު އޭގެ ހިޔަނި ކެރިއަރަށް ވެސް އެޅިގެންދާނެ ކަމަށް ފުޓުބޯޅައިގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރެއެވެ.