ސްޕެއިންގެ ގަދަބާރު ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އޭނާ އާއެއްބަސްވުމުގައި ސޮއިކޮށްފަައެއް ނުވެއެވެ.

ބާސެލޯނާއާއެކު މެސީ ހަދާފައިވާ އެއްބަސްވުން ޖޫން މަހުގެ 30 ގައި ހަމަވާނެ އެވެ. އެއާއެކު މެސީ އަކީ މިހާރު ފްރީ އޭޖެންޓެކެވެ. އޭނާ ބޭނުން ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު މިހާރު އެބައޮތެވެ.

އުމުރުން 34 އަހަރުގެ ފޯވާޑް އަދިވެސް އެއްބަސްވުން އާކުރާނެ ކަމުގެ ޔަގީންކަން ބާސެލޯނާއިން ވަނީ ދީފައެވެ. މިކަމާއި ގުޅޭގޮތުން ބާސެލޯނާގެ ރައީސްވެސް ވަނީ މީގެކުރިން ވާހަކަދައްކާފައެވެ. އަދި މެސީ މަޑުކުރާނެ ކަމުގެ ޔަގިންކަން އޭނާ ވަނީ މީގެކުރިން ދީފައެވެ.

އެއްބަސްވުން އާކުރުމުގެ ވާހަކަތައް ބާސެލޯނާގެ ރައީސް ލަޕޯޓޭ އާއި މެސީގެ ބައްޕަ ޖޯޖް މެސީއާއި ދެމެދު އަދިވެސް ކުރެވެމުން ދާކަމަށް ރިޕޯޓުތައް ބުނެއެވެ. އެއްބަސްވުން ލަސްވަނީ މެސީގެ ޑިމާންޑުތަކެއް ހުރުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ބާސެލޯނާގެ މާލީ ހާލަތުގެ ސަބަބުން މެސީގެ މުސާރަ ކުޑަކުރާތީ އެކަމާއި ގުޅޭ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މަޝްހޫރު ނޫސް "ގޯލް" އިން ބުނެފައިވާ ގޮތުގައި މިހާރު ކުރިޔަށްދަނީ ބާސެލޯނާގެ މާލީ ހާލަތާއި ގުޅޭ މަޝްވަރާއާއި ޓެކްސް އާއި ގުޅޭ ބައެއް ވާހަކަތަކުގެ އިތުރުން މެސީގެ އިމޭޖް ރައިޓްސްއާއި ގުޅޭ މަޝްވަރާއެވެ. އަދި ބާސެލޯނާއިން ވަރުގަދަ ޓީމެއް އެކުލަވާލާނެ ކަމުގެ ޔަގީންކަން ވެސް މެސީ ހޯދާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ނިމުނު ސީޒަނުގައި ބާސެލޯނާއަށް ކާމިޔާބުކުރެވުނީ ސްޕެނިޝް ލީގު ކަޕެވެ. ލަލީގާ އަދި ޗެމްޕިއަންސް ލީގުގައި ކުރިމަތިވީ ނާކާމިޔާބީ އެވެ.

މެސީ އަނެއްކާވެސް ބާސެލޯނާއަށް ސޮއިކޮށްފިނަމަ އިތުރު ތަކުލީފުތަކާއި އުފުލަންޖެހޭނެ އެވެ. ލަލީގާގެ ގަވާއިދު ބުނާގޮތުން އެއްބަސްވުން ހަމަވެ ފްރީ އޭޖެންޓަކަށް ވާ ހިސާބުން އެއީ އެ ޓީމުގެ ކުޅުންތެރިއެއް ނޫނެވެ. ބާސެލޯނާއަށް އަނެއްކާވެސް ސޮއިކޮށްފިނަމަ މެސީ ވެގެންދާނީ ބާސެލޯނާގެ އާ ކުޅުންތެރިއެއްގެ ގޮތުގައެވެ.

ލަލީގާގެ ރައީސް ހަވިއާ ޓެބަސް ވެސް ވަނީ މީގެކުރިން ބާސެލޯނާގެ ހަރަދުތައް ކުޑަކުރަން އަންގާފައެވެ. އެހެންނޫނީ އަންނަ ސީޒަނުގައި މެސީއަށް ނުކުޅެވޭނެ ކަމަށެވެ.

މެސީ މިވަގުތު ހުރީ ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތުގައި ވާދަކުރާ އާޖެންޓީނާ ގައުމީ ޓީމުގައެވެ. މުބާރާތުގެ ކުއާޓާފައިނަލުގައި އާޖެންޓީނާ ބައްދަލުކުރަނީ އެކުއެޑޯ އާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހުއެވެ.

ބާސާގެ ސީނިއާ ޓީމުން 2004 ވަނަ އަހަރު ކެރިއަރު ފެށި މެސީއަކީ އެ ކުލަބުގެ މުހިއްމު ކުޅުންތެރިއެކެވެ. އޭނާއަކީ އެ ޓީމުގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި އެއް ކުލަބަކަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސް މެއެވެ.

މެސީ ވަނީ ބާސެލޯނާއަށް މިހާތަނަށް ކުޅުނު 778 މެޗުގައި 672 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ބާސެލޯނާއާއެކު 10 ފަހަރު ސްޕެނިޝް ލީގު ހޯދާފައެވެ. އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ބާސާއަށް ހޯދާދީފައިވެއެވެ.

މެސީއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އޭނާ ވަނީ ބެލޮންޑޯ އެވޯޑު ހަ ފަހަރެއްގެ މަތިން މިހާތަނަށް ހޯދާފައެވެ. މިއީ މިހާތަނަށް މި އެވޯޑު އެންމެ ގިނައިން ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މަހްލޫފް

  މެސީ ދެން ފެންނާނީ މަހަކު 3000 ރުފިޔާއަށް އީގަލްސް އިން ނޫނީ މަހަކު 4750 ރުފިޔާއަށް ޔުނައިޓެޑް ވިކްޓަރީން. - މަހްލޫފް

  3
  1
 2. ރަބަރޭ

  މެސީތީ އިޒުރޭލު ލާއިންސާނީ ބައިގަނޑަށް ސަޕޯޓް ކުރާ މީ ހެއް

 3. ހުވަދު

  މަށަށް ކީއް. ވަގުތަށް ނޫސް ލިޔަން ގަންނަންވީނު<<