ފިލިޕް ކުޓީނިއޯ އާއި ނޭމާގެ ގޯލުން 0-2 އިން ކޮސްޓަރީކާ ބަލިކޮށް ވޯލްޑް ކަޕްގެ ދެވަނަ ބުރާ ގާތަށް ބްރެޒިލް ޖެހިލައިފިއެވެ.

މި މޮޅާއެކު ބްރެޒިލް އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު ގްރޫޕް އީގެ އެއްވަނައިގައެވެ. ދެވަނައިގައި ބްރެޒިލް އަށް ވުރެ އެއް މެޗު މަދުންކުޅެ ތިން ޕޮއިންޓާއެކު ސާބިޔާ އޮތްއިރު ތިންވަނައިގައި އެއް ޕޮއިންޓާއެކު އޮތީ ސްވިޒަލޭންޑެވެ. މި ގްރޫޕްގެ ފުލުގައި އޮތް ކޮސްޓަރީކާ އަށް ދެ މެޗު ކުޅެ ނިމުނުއިރު ވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ދެ ޓީމަށްވެސް ލިބިފައިވަނީ މަދު ފުރުސަތުތަކެކެވެ. އެގޮތުން ކުޓީނިއޯ އާއި މާސެލޯ ދުރުން ފޮނުވާލި ހަމަލާތައް ކޮސްޓަރީކާގެ ގޯލާއި އަމާޒުނުވެ ބޭރަށް ދިޔައިރު މާސެލޯ އާއި ނޭމާ ފޮނުވާލި އިތުރު ހަމަލާއެއް މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ކޮސްޓަރީކާގެ ކީޕަރު ކޭލާ ނަވާސް ވަނީ ދިފާއުކޮށްފައެވެ.

ކުޓީނިއޯ ބްރެޒިލްގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދެނީ - ފޮޓޯ: އޭއެފްޕީ

މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ކޮސްޓަރީކާއަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ސެލްސޯ އަށެވެ. ނަމަވެސް ބްރެޒިލްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

ފުރަތަމަ ހާފާއި ހިލާފަށް މި ހާފުގައި ބްރެޒިލް އިން ކޮސްޓަރީކާގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން ނޭމާ ފޮނުވާލި ހަމަލާއެއް ކީޕަރު ނަވާސް ދިފާއުކުރިއިރު ގެބްރިއަލް ޖީސެސް ބޮލުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވެފައެވެ. މީގެއިތުރުން ކުޓީނިއޯ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސް ރޮގުމަތިން ވެސް ކޮސްޓަރީކާގެ ކުޅުންތެރިން ދިފާއުކޮށްފައިވެއެވެ.

ކޮސްޓަރީކާގެ ފަހަތަށް ވަރަށް ބޮޑަށް ބްރެޒިލް އިން ޕްރެޝަރު ކުރަމުންދިޔައިރު މެޗުގެ 90 ވަނަ މިނެޓްގައި ކުޓީނިއޯ ވަނީ ބްރެޒިލް އަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ގެބްރިއަލް ޖީސެސް ދިން ޕާހަކުންނެވެ. މިއީ ކުޓީނިއޯ މި މުބާރާތުގައި ކާމިޔާބުކުރި ދެވަނަ ގޯލެވެ.

ގޯލަށްފަހު ނޭމާ އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

އަދި ބްރެޒިލް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު ޑަގްލަސް ކޮސްޓާ ދިން ޕާހަކުން މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. މިއީ ނޭމާ މިފަހަރުގެ ވޯލްޑް ކަޕްގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ދެވަނަ ބުރާ ގާތަށް ބްރެޒިލް އިން ޖެހިލިއިރު މިއީ ކޮސްޓަރީކާގެ މައްޗަށް އެޓީމުން ކުރި ހޯދި 10 ވަނަ ފަހަރެވެ. ކޮސްޓަރީކާ އަތުން ބްރެޒިލް އެންމެފަހުން ބަލިވީ 1960 ވަނަ އަހަރުއެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި އެންމެފަހުން ކުޅުނު ފަސް މެޗުން ވެސް ކޮސްޓަރީކާ އަށް މޮޅެއް ހޯދޭގޮތް ވަނީ ނުވެފައެވެ.

ގްރޫޕް ސްޓޭޖުގައި ބާކީ ކޮންމެ ޓީމަކަށް ވެސް އަދި އެއް މެޗު އޮތްއިރު، ގްރޫޕްގެ ފަހު މެޗުގައި ބްރެޒިލް ނިކުންނާނީ ސާބިޔާއާ ދެކޮޅަށެވެ. އަދި ކޮސްޓަރީކާ ނިކުންނާނީ ސްވިޒަލޭންޑާއި ދެކޮޅަށެވެ.