ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ދެވަނަބުރުގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ސްވިޒަލޭންޑް މޮޅުވި މެޗުގައި ގިނަބައެއްގެ ލޮލުގައި އަޅައިގަތީ ކުޅިބަލަން ދަނޑަށް ވަދެ ހުރި ލޫކާ ލައުންޓެންބަޗް އެެވެ.

ސްވިޒަލޭންޑް ގްރޫޕްސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކަށް އޭނާ ދަނޑަށް އައެވެ. އަދި އެ ގައުމުގެ މިފަހަރުގެ ޔޫރޯގައި ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި އެހާމެ ފޯރީގައި އުފާފާޅުކޮށްފައިވެއެވެ.

މި ސަޕޯޓަރުގެ ވާހަކަ މިހާރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގުގުމާލާފައެވެ. އަދި ވަރުގަދަ "މީމް" އަކަށްވެސް ވެފައެވެ. ފުޓުބޯޅައިގައި ސްވިޒަލޭންޑުގެ ވާހަކަ ދައްކާނަމަ ގިނަބަޔަކު މިހާރު މޫނުމައްޗެއްގެ ގޮތުގައި ދައްކަނީ މި ސަޕޯޓަރެވެ. ސްވިޒަލޭންޑުން ފުޓުބޯޅައަށް އޮތް ފޯރި މި ސަޕޯޓަރު ވަރަށް ރަނގަޅަށް ވެސް ރަމްޒުކޮށްދެއެވެ.

ލޫކާ ގެ "ރިއެކްޝަން" ، މެޗުގެ ފަހުކޮޅު ސްވިޒަލޭންޑުން ނަތީޖާ އެއްވަރުކުރުމާއި އެކު އޭނާ ވަނީ ޓީޝާޓް ބާލާފައި،

ލޫކާ ފޯރި އަރާފައިވަނީ މެޗުގެ އެންމެ ފަހުކޮޅުއެވެ. އޭރު ފްރާންސް އޮތީ ލީޑުގައެވެ. ފްރާންސުން ލީޑުގައި އޮތް އިރު ލޫކާ ހުރީ މޯޅިވެފައެވެ. ނަމަވެސް ސްވިޒަލޭންޑުން އެންމެ ފަހު ވަގުތު ލަނޑު ޖެހުމާއެކު ލޫކާ މުޅިން އެހެން މީހަކަށް ބަދަލުވެގެންދިޔަ އެވެ.

މިއާއެކު އެންމެ ބޮޑު ފައިދާއެއް ކުރި އެއް ބަޔަކީ ސްވިޒަލޭންޑުގެ ސަރުކާރެވެ. މި ފޮޓޯގެ މަޝްހޫރުކަން ހޯދުމާއި އެކު ސްވިޒަލޭންޑުގެ ޓީީވީ ޗެނަލަކުން ކުރި މަަސައްކަތުން އޭނާ ވަނީ ހޯދާފައެވެ. އެ ޓީވީން ލޫކާ ހޯދާފައިވަނީ ސްވިޒަލޭންޑުގެ ސަރުކާރުންވެސް އޭނާއަށް ފާރަލަމުންދަނިކޮށެވެ.

ސްވިޒަލޭންޑް ސަރުކާރުން ދެކުނީ މިއީ އެ ގައުމުގެ ޓޫރިޒަމަށް ލިބުނު ބޮޑު ޕްލަސް ޕޮއިންޓެއްގެ ގޮތުގައެވެ. އެއާއެކު އެ ގައުމުގެ ސަރުކާރުން ވަނީ ލޫކާ އަށް ބޮޑު ހުށައެޅުމެއް ވެސް ހުށައަޅާފައެވެ. އެއީ ޔޫރޯ ނިމުމުން ބޭނުން މަންޒިލަކަށް ދަތުރުކުރެވޭ ގޮތަށް ހިލޭ ބޮޑު ޗުއްޓީ ދަތުރެއް ދިނުމެވެ. މި އަދި ނިމުނީކީ ނޫނެވެ.

ސްވިޒަލޭންޑުގެ މަޝްހޫރު "ސްވިސް އެއާ" އިން ވަނީ ލޫކާ އަށް ޔޫރޯގެ ކުއާޓާފައިނަަލުގައި ސްޕެއިން އާއި ސްވިޒަލޭންޑް ބައްދަލުކުރާ މެޗުގެ ދެކޮޅު ޓިކެޓު ހިލޭ ދޭން ނިންމާފައެވެ. މި މެޗު ކުޅެނީ ރަޝިޔާގައެވެ. ބައެއް ރިޕޯޓުތައް ބުނާގޮތުން ރެޑްބުލް އިންވެސް ވަނީ ލޫކާ އަށް ހުށައެޅުމެއް ހުށައަޅަން ތައްޔާރުވެފައެވެ.

މީގެއިތުރުން ވެސް ސްވިޒަލޭންޑު ޕްރޮމޯޓުކުރުމުގެ ގޮތުން ލޫކާ އާއި އެކި މަޝްވަރާތައް ކުރަމުންދާ ކަމަށް އެ ގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

ޔޫރޯގައި ފްރާންސް އަތުން ސްވިޒަލޭންޑް މޮޅުވީ ޕެނަލްޓީ ޖަހައިގެންނެވެ. މި މެޗުގައި ފްރާންސް މޮޅުވާން ދަނިކޮށް ސްވިޒަލޭންޑް ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު ވަގުތުކޮޅުއެވެ. އެއާއެކު އިތުރު ވަގުތުކޮޅުގެ ތެރޭގައި ވެސް ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ. ޕެނަލްޓީން ފްރާންސް ބަލިވީ އެމްބާޕޭ ޖެހި އެންމެ ފަހު ޕެނަލްޓީ ނާކާމިޔާބުވުމުންނެވެ.