މިއަހަރު ބޭއްވުމަށް މަސައްކަތްކުރާ ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވާ ގައުމުތައް މަދުވުމުން ލީގު އުސޫލުން މުބާރާތް ބޭއްވުމުގެ މަސައްކަތް ފަށައިފިއެވެ.

މިގޮތަށް ބަދަލުކުރަން މަސައްކަތް ފަށާފައިވަނީ މި ސަރަހައްދުގެ ސެކްރެޓަރީ ޖެނެރަލުންނާއި އެކު ބޭއްވި ބައްދަލުވުމަށްފަހު އެވެ. އެއީ ކޮވިޑުގެ ހާލަތާއި ގުޅިގެން ބޫޓާން މުބާރާތުގައި ބައިވެރިނުވާން ނިންމުމާއި ފީފާއިން ޕާކިސްތާން ސަސްޕެންޑުކޮށްފައި ވުމުންނެވެ.

އެއާއެކު މި މުބާރާތުގައި ބައިވެރިވެވޭ ގޮތަށް ތިބީ ފަސް ގައުމު ކަމަށްވުމުން މުބާރާތުގެ ފޯރި އިތުރަަށް ވަރުގަދަވާނީ ލީގު އުސޫލުން ކުޅުމުން ކަމަށް ސާފް ޖެނެރަލުން ދެކެއެވެ. ނަމަވެސް މިއީ އަދި ފައިނަލް ނިންމުމެއް ނޫންކަމަށް ވެއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ ޖާގޯ ނިއުސްއާއި ވާހަކަދައްކަވަމުން ސާފްގެ ޖެނަރަލް ސެކްރެޓްރީ ބަންގުލަދޭޝްގެ އަންވާރުލް ހައްގު ވިދާާޅުވީ މިހާރު އޮތް ހާލަތުން މުބާރާތް ބާއްވާނަމަ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭ ކަމަށާއި ލީގު އުސޫލުން ބާއްވަނީ އެނޫން ގޮތަކަށް ބާއްވާނަމަ ޓީމުތަކަށް ހަމަހަމަ ފުރުސަތު ނުލިބޭނެ ކަމަށެވެ.

ލީގު އުސޫލުން ކުޅޭނަމަ ފައިނަލަށް ދާނީ ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެވެ. މިހާރު އޮތް ގޮތުން މުބާރާތް ބާއްވާ ތާރީހަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށް ބުނެފައެވެ. ކުރިން މި މުބާރާތް ސެޕްޓެމްބަރުގައި ބާއްވަން މަސައްކަތްކުރި ނަމަވެސް މި މުބާރާތް މިހާރު ބާއްވަން މަސައްކަތްކުރަނީ އޯގަސްޓް މަހުގައެވެ.

މުބާރާތްް މިއަހަރު ބޭއްވުމަށް ގިނަ ގައުމުތަކުން ވަނީ އެދިފައެވެ. މިހާރު އޮތް ގޮތުން މުބާރާތް ބޭއްވުމުގެ ފުރުސަތު ބޮޑީ ބަންގްލަދޭޝްގައެވެ. އެއީ ބަންގްލަދޭޝްގެ ފައުންޑަރ ފައުންޑާ ޝައިހް މުޖީބުއް ރަހްމާން (ބަންގުބަންދު) އުފަންވެ ވަޑައިގަތްތާ 100 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިގެންނެވެ.

ބަންގްލަދޭޝްގެ ރިޕޯޓުޔައް ބުނާގޮތުން ސާފް ޗެމްޕިއަންޝިޕް ބާއްވަން މަަސައްކަތްކުރަނީ އޮގަސްޓް 31 އިން ސެޕްޓެމްބަރު 7 އަށެވެ. އެއީ ފީފާގެ އިންޓަނޭޝަނަލް ދުވަސްތަކަށް ބަލާފައެވެ.