ޕެނަލްޓީގައި ސްވިޒަލޭންޑް ބަލިކޮށް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލަށް ސްޕެއިން ދަތުރުކޮށްފި އެވެ.

ސެމީފައިނަލުގެ ޖާގައެއް ސްޕެއިން ހޯދާފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު 1-1 ގައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާ ނުނެރެވުމުން ޕެނަލްޓީ ޖަހައިގެންނެވެ.

ޕެނަލްޓީގައި ސްޕެއިން ވަނީ ތިން ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ސްވިޒަލޭންޑަށް ކާމިޔާބުކުރެވުނީ 1 ޕެނަލްޓީއެވެ. މި ނަތީޖާއާއެކު ސެމީފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ މިރޭ އިޓަލީއާއި ބެލްޖިއަމް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.

މެޗު ވަރުގަދަކޮށް ފެށީ އާދައިގެމަތިން ސްޕެއިން އެވެ. އެ ޓީމުގެ ކުދިކުދި ޕާސްތަކުން ސްވިޒަލޭންޑު ކޮޅަށް ނުރައްކާކުރި އެވެ. ސްވިޒަލޭންޑުން މި މެޗާއި ކުރިމަތިލިއިރު އެ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ކެޕްޓަން ޒަކާ ހުރީ ސަސްޕެންޝަނުގައެވެ. ބަދަލުގައި ކެޕްޓަންކަން ކޮށްފައިވަނީ ތަޖުރިބާކާރު ކުޅުންތެރިޔާ ޝަގީރީ އެވެ.

ސްވިޒަލޭންޑުން ރަނގަޅަށް ކުޅުމުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް މެޗުގެ އަށްވަނަ މިނެޓުގައި ސްޕެއިން ވަނީ ލީޑު ނަގާފައެވެ. މިއީ ސްޕެއިންގެ ޖޯޑީ އަލްބާ ގޯލާއި އަމާޒުކޮށް ފޮނުވާލި ބާރު ހަމަލާއެއްގައި ސްވިޒަލޭންޑުގެ ޒަކަރިއްޔާ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ. ޒަކަރިއްޔާ ފައިގައި ޖެހިފައި ބޯޅައިގެ މިސްރާބު ވަރަށް ބޮޑުތަން ބަދަލުވެގެންދިޔަ އެވެ.

މެޗު ކުރިޔަަށްދިޔަ ވަރަކަށް ސްވިޒަލޭންޑް ދިޔައީ މަޑުމަޑުން ކުޅުމުގެ ތެރެއަށް ވަންނަމުންނެވެ. ނަމަވެސް އެ ޓީމަށް އިތުރު އުނދަގޫތަކާއި ކުރިމަތިވީ މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ ފޯވާޑް ލައިނުގައި ހަރަކާތްތެރިވި އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ އެމްބޯލޯއަށް އަނިިޔާވެ ބަދަލުކުރަން ޖެހުމުންނެވެ.

ދެން ފެނިގެންދިޔައީ ސްވިޒަލޭންޑުގެ ކެޕްޓަން ޝާގީރީގެ ނުރައްކާތެރިކަމެވެ. އޭނާގެ ތަޖުރިބާގެ ބޭނުން ހިފާ ސްޕެއިން ވަރަށް ބޮޑުތަން ޕްރެޝަރަށް ދުއްވާލަން މަސައްކަތްކޮށް ގިނަ ފުރުސަތުތަކެއް އެ ޓީމުން ތަނަވަސްކުރި އެވެ. ފުރަތަމަ ހާފު ނިމުނީ ސްޕެއިން ލީޑުގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ފެނުނީ ތަފާތު ސްވިޒަލޭންޑެކެވެ. ކުރިން ސްޕެއިން އިން ގިނަ ޕސްތަކެއް ކޮށްގެން ކުޅެން މަސައްކަތްކުރި ނަމަވެސް އެ ޓީމު އަތުން ގެއްލޭ ބޯޅަތައް ގިނަވެގެންދިޔަ އެވެ.

ސްވިޒަލޭންޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއަށް ފްރޯލާ ދިން ބޯޅައަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޝަގީރީ އެވެ. އެޓީމަށް އިތުރު ގޮންޖެހުމާއި ކުރިމަތިލާން ޖެހުނީ 77 ވަނަ މިނެޓުގައި ސްޕެއިންގެ މޮރޭނޯއަށް ފްރޯލާ ކުރި ނުރައްކާތެރި ފައުލާއި ގުޅިގެން ރަތްކާޑު ދެެއްކުމުންނެވެ. އެއް ކުޅުންތެރިއަކު މަދުން ކުޅެން ޖެހުމުން ސްވިޒަލޭންޑުގެ ކުޅުމުގެ ވައްޓަފާޅިއަށް ބަދަލުތަކެއް ގެންނަން މަޖުބޫރުވި އެވެ.

މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވުމުން ދެން ކުޅުނީ 15 މިނެޓުގެ ދެ ހާފެވެ. ފުރަތަމަ ހާފުގައި ސްޕެއިން އަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. މި ހުރިހާ ފުރުސަތެއްގެ ހުރަހަކަށް ވީ ސްވިޒަލޭންޑުގެ ތަޖުރިބާކާރު ކީޕަރު ސޮމާ އެވެ. ދެވަނަ ހާފުވެސް ނިމުނީ ދާދި އެއްގޮތަކަށެވެ. މި ހާފުގައި ސްޕެއިންގެ ގިނަ ހަމަލާތަކެއް ފެނިގެންދިޔަ އިރު ސްވިޒަލޭންޑު ކުޅުންތެރިން ތިބީ ބޮޑަށް ޑިފެންސަށް ވިސްނައިންނެވެ. ފުލުފުލުގައި ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ސްވިޒަލޭންޑުގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ނަތީޖާ ނުނެރެވުމުން ދެން ޖެހީ ޕެނަލްޓީއެވެ.

މިއީ މި މުބާރާތުގައި ޕެނަލްޓީ ޝޫޓްއައުޓަށް ސްވިޒަލޭންޑް ދިޔަ ދެވަނަ ފަހަރެވެ. މުބާރާތުގެ ކުއާޓާއަށް ސްވިޒަލޭންޑް ދަތުރުކޮށްފައިވަނީ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެންނެވެ.