ޔޫރޯ 2020 ގެ ކުއާޓާފައިނަލުގައި ބެލްޖިއަމް 2-1 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ސެމީފައިނަލުގެ ޖާގައެއް އިޓަލީން ހޯދައިފިއެވެ.

މި މޮޅާއެކު މުބާރާތުގެ ސެމީފައިނަލުގައި އިޓަލީ ބައްދަލުކުރާނީ މިރޭ ސްވިޒަލޭންޑް ބަލިކޮށް ސެމީން ޖާގަ ހޯދި ސްޕެއިން އާއެވެ. މި މެޗު ކުޅޭނީ އަންނަ ބުދަދުވަހު އެވެ.

މެޗުގައި ހުރިހާ ގޯލެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގއެވެ. ދެ ޓީމުންވެސް މެޗު ފެށީ ދާދި ހަމަހަމަކޮށެވެ. ނަމަވެސް މެޗު ކުރިޔަށްދިޔަ ވަރަކަށް އިޓަލީން ދިޔައީ މެޗު ޑޮމިނޭޓުކުރަމުންނެވެ. އަދި ބެލްޖިއަމުގެ ހަމަލާތައް ހުށިޔާރުކަމާއެކު ހުއްޓުވަމުންނެވެ.

އިޓަލީން މި މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ކާމިޔާބުކުރި އެވެ. މެޗުގެ 12 ވަނަ މިނެޓުގައި އިންސީނިއޭގެ ހިލޭ ޖެހުމުން ކެޕްޓަން ކިއެލީނީ އިޓަލީއަށް ލަނޑެއް ކާމިޔާބުކުރި ނަމަވެެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑު ލަނޑެއް ކަމުގައެވެ. ކިއެލީނީ އަށް ބޯޅަ ލިބުނު އިރު އޭނާ ހުރީ އޮފްްސައިޑުގައެވެ.

އިޓަލީއަށް ހަމަނޭވާ ލެވުނީ މެޗުގެ 31 ވަނަ މިނެޓުގައި ލީޑު ނެގުމުންނެވެ. ވެރާޓީ ތަނަވަސްކުރި ބޯޅައަކުން ފޮނުވާލި ބާރު ހަމަލާއަކުން ގޯލުގެ ކަނަށް އަމާޒުކޮށްގެން މި ލަނޑު ކާމިޔާބުކުރީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބަރެއްލާ އެވެ. މި ލަނޑަށްފަހު ވެސް އިޓަލީން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް އިޓަލީން ވަނީ ލީޑު ފުޅާކޮށްފައެވެ. ބަރެެއްލާ ދިން ބޯޅައަކުން އިންސިންޔޭ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްގެންނެވެ. މި ބޯޅަ ފޮނުވާލިއިރު ބެލްޖިއަމް ކީޕަރު ކޯޓުއާ އަށް ބޯޅައިގައި އިނގިލިކުރި ޖައްސާލާނެ ފުރުސަތެއްވެސް ނުލިބުނެވެ.

އިޓަލީން ދެ ގޯލުގެ ލީޑެއް ނެގިތާ މިނެޓެއްފަހުން ބެލްޖިއަމަށް ޕެނަލްޓީއެއް ލިބުނެވެ. މިއީ އޭރިއާ ތެރެއިން ޑޯކޫ އަށް އިޓަލީގެ ޑި ލޮރެންޒޯ ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ލުކާކޫ ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ 2-1 އިން އިޓަލީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ބެލްޖިއަމްއަށް ނަތީޖާ އެއްވަރުކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ލުކާކޫ އެ ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތްކުރި ނަމަވެސް އޭނާގެ ފައިގައި ރަނގަޅަށް ބޯޅަ ލައްވައެއް ނުލިއެވެ. ލުކާކޫގެ އިތުރުން ޑޯކޫ އަށް ލިބުނު ފުރުސަތުތައް ވެސް ފާހަގަކޮށްލެވެއެވެ. މި ހާފުގައި އިޓަލީގެ ޑިފެންސްލައިން ފެނުނީ ވަރަށް ވަރުގަދަކޮށެވެ.