ޔޫރޯ 2020 ގެ ކުއާޓާފައިނަލުގެ މެޗުތައް ފެށިއިރު މި މުބާރާތަކީ ބައިކޮޅަށް ވަންނަ ލަނޑުތައް ގިިނަ އަދަދަކަށް ފެންނަ ރެކޯޑު މުބާރާތެކެވެ. އެންމެ ވަރުގަދަ ޓީމުތައް ކޮޅަށްވެސް ބައިކޮޅަށް ލަނޑުތައް ވަންނަނީ މަދެއްކޮށް ނޫނެވެ.

އެންމެފަހުން ޔޫރޯގެ ކުއާޓާފައިނަލުގައި ސްޕެއިން އާއި ސްވިޒަލޭންޑް ބައްދަލުކުރި މެޗުގައި ސްޕެއިންގެ ޖޯޑީ އަލްބާ ފޮނުވާލި ބޯޅަ ސްވިޒަލޭންޑުގެ ޑެނިސް ޒަކަރިއްޔާ ފައިގައި ޖެހިފައި ވަދެފައިވާ ލަނޑަކީ މި މުބާރާތުގައި ބައިކޮޅަށް ޖެހި 10 ވަނަ ގޯލެވެ.

ބައިކޮޅަށް ވަންނަ ލަނޑުތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާއިރު އަދިވެސް މި މުބާރާތުގައި ބާކީ ގިނަ މެޗުތަކެއް އެބަހުއްޓެވެ. އެންމެފަހުން ބޭއްވި 15 ޔޫރޯ މުބާރާތް އެއްކޮށްލައިގެން ވެސް ބައިކޮޅަަށް ޖަހާފައިވާ ލަނޑުތަކުގެ އަދަދަކީ 9 އެވެ.
ޔޫރޯގައި އިޓަލީ އާއި ތުރުކީ ބައްދަލުކުރި މި މުބާރާތުގެ ފުރަތަމަ މެޗުގައި ތުރުކީގެ ޑިފެންޑަރ މެރިހް ޑެމިރާލް އަތުން ބައިކޮޅަށް ލަނޑެއް ވަދެފައިވެއެވެ. މީގެއިތުރުން ދެން ބައިކޮޅަށް ލަނޑުޖަހާފައިވާ ކުޅުންތެރިންނަކީ ލޫކަސް ރަޑެކީ، މެޓް ހަމެލްސް، ވޮޝެކް ޝެޒްނީ، ރުބެން ޑިއާޒް، ރަފައެލް ގުރޭރޯ، މާޓިން ޑުބްރަވްކާ، ޖުރަޖް ކުކާ އަދި ޕެޑްރީ އެވެ.

މި ލަނޑުތަކާއެކު މުބާާރާތުގައި ކުރިޔަށްހުރި މެޗުތަކުގައި ވެސް ބައިކޮޅަށް އިތުރު ލަނޑުތަކެއް ޖަހާނެކަމަށް ބެލެވެއެވެ.

ކުއާޓާފައިނަލުގައި މިރޭ ރާއްޖެގަޑިން 21:00 ގައި ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންގްލޭންޑާއި ޔޫކްރެއިން އެވެ. އަދި 00:00 ގައި ޗެކް ރިޕަބްލިކް ބައްދަލުކުރާނީ ޑެންމާކް އާއެވެ.